އަލީ ރިފްޝާން
ރާއްޖޭގައި ބާއްވާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް ފަށައިފިއެވެ.
މިއަދު ފެށުނު ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތް، ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް ކުރިއަށްދަނީ ކުޅިވަރު އެކުވެނީގައެވެ. އެ މުބާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި 15 ގައުމަކުން 108 ކުޅުންތެރިން ވާދަކުރާނެއެވެ. އެ މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ އަށް ކުޅުންތެރިޔަކު ވާދަކުރާ އިރު، އަންހެން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ހަ ކުޅުންތެރިތަކު ވާދަކުރާނެއެވެ. ފިރިހެން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ފަސް ޕެއާއެއް ވާދަކުރާނެއެވެ. އަދި އަންހެން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ދެ ޕެއާއެއް ވާދަކުރާ އިރު، މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ތިން ޕެއާއެއް ވާދަކުރާނެއެވެ.
އެ މުބާރާތުގެ ފުރަތަމަ ތިން ދުވަހު ކުރިއަށްދާނީ ޕްރިލިމިނަރީ ބުރުގެ މެޗުތަކެވެ. އަންނަ ހުކުރު ދުވަހު ކުއާޓާ ފައިނަލުގެ މެޗުތައް ކުރިއަށްދާ އިރު، ހޮނިހިރު ދުވަހު ކުރިއަށްދާނީ ސެމީ ފައިނަލުގެ މެޗުތަކެވެ. އަދި އަންނަ އާދީއްތަ ދުވަހު މުބާރާތް ނިމިގެންދާނީ ފައިނަލް މެޗުތަކަށް ފަހުއެވެ.
އެ މުބާރާތަށް ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓު ވަނީ މަރާމާތުކޮށްފައެވެ. ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓު އަލުން ހުޅުވާފައި މިވަނީ އިތުރު ދެ ކޯޓާއެކު ކުރިއަށް ވުރެ ހޫނުމިން ދަށްކުރެވި، ބައިނަލްއަގުވާމީ ފެންވަރުގައި ފްލޯރިން އަދި ލައިޓިން ތަރައްގީ ކުރުމަށްފަހުއެވެ.
މީގެ ކުރިން 2013 ވަނަ އަހަރު ވެސް ރާއްޖޭގައި އެ މުބާރާތް ބޭއްވިއެވެ. އެ އަހަރުގެ މުބާރާތުގައި ޖުމްލަ 20 ގައުމަކުން 202 ކުޅުންތެރިން ވާދަކުރިއެވެ.
މިއަދު ފެށި އެ މުބާރާތުގެ އިތުރުން ވެސް މިމަހުގެ ތެރޭގައި ރާއްޖޭގައި އިތުރު ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މިމަހުގެ 24 އިން ފެށިގެން 29ގެ ނިޔަލަށް ކުރިއަށްގެންދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖެވެ. އެ މުބާރާތުގައި 45 ގައުމަކުން 268 ކުޅުންތެރިން ވާދަކުރުމަށް ވަނީ ނިންމައިފައެވެ.
އެ މުބާރާތަށް ފަހު އަންނަ މަހު ވެސް ރާއްޖޭގައި ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހު އައްޑޫގައި ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތަކީ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.