މާލޭ ސިޓީ ކައުންސިލް

އަގު ދީގެން ވެހިކަލު ޕާކު ކުރެވޭ ގޮތަށް ސަރަހައްދެއް ކަނޑައަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

އަގު ދީގެން ވެހިކަލު ޕާކުކުރެވޭ އުސޫލެއް ކަނޑައަޅައި، ޕާކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އަގު ދީގެން ވެހިކަލު ޕާކު ކުރެވޭ އުސޫލެއް ކަނޑައަޅައި އެގޮތަށް ފާސްކުރީ މާލޭ ސިޓީ ކައުންސިލްގެ 74 ވަނަ އާންމު ޖަލްސާގައެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގައި އަގު ދީގެން ވެހިކަލް ޕާކު ކުރެވޭނީ މ. ދަންޑަހެލުގެ (ސްޕްރީމްކޯޓް ކުރިމަތި)ގައި ހަދާފައިވާ ޕާކިން ޒޯނުގައި ކަމަށެވެ. އެ ޒޯނަކީ 40 ވެހިކަލް ޕާކު ކުރެވޭ ގޮތަށް ހަދާފައިވާ ޒޯނެކެވެ.

އަދި އެތަނުގައި ވެހިކަލު ޕާކު ކުރުމަށް ބޭނުންވާ ޖާގަ ހޯދުމަށް އެދޭ ފަރާތްތަކުން މާދަމާ އިން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ކައުންސިލުން ބުނިގޮތުގައި ޖާގައަށްވުރެ އިތުރަށް ފޯމު ހުށަހަޅައިފިނަމަ ޖާގަ ދޫކުރާނީ ގުރުއަތުންނެވެ. ޕާކު ކުރުމުގެ ހުއްދަ ފުރަތަމަ ހިލޭ ހައްދައި ދޭނެ ކަމަށާއި އަދި އެ ހުއްދަ ގެއްލިގެން ނުވަތަ އަލުން ހުއްދައެއް ހަދާނަމަ 100 ރުފިޔާގެ ފީ އެއް ނަގާނެ ކަމަށެވެ.

މި އުސޫލުގައިވާ ގޮތުން ސައިކަލް ޕާކު ކުރާނަމަ މަހަކު ދައްކަން ޖެހޭނީ 600 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކު ކުރާނަމަ، ފުރަތަމަ 30 މިނެޓް ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއިރަކަށް ފަސް ރުފިޔާ ނަގަން ވަނީ ހަމަޖައްސައިފައެވެ.

އެ ޒޯނުގައި ކާރު، ލޭންޑްރޯވާ، ވޭން އަދި ކުޑަ ޕިކަޕެއް ޕާކުކުރާނަމަ މަހަކު 3000 ރުފިޔާ ދައްކަން ޖެހޭނެއެވެ. ގަޑި އިރަކަށް ޕާކު ކުރާނަމަ ފުރަތަމަ 30 މިނިޓް ހަމަވުމަށްފަހު އިތުރުވާ ކޮންމެ ގަޑި އިރަކަށް 20 ރުފިޔާ ނަގާނެއެވެ.

މީގެ އިތުރުން، 500 ކިލޯ އާއި ދެ ޓަނާ ދެމެދުގެ ޕިކަޕެއްނަމަ މަހު ފީ އަކީ 3500 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކު ކުރާނަމަ ފުރަތަމަ 30 މިނިޓް ހަމަވުމަށްފަހު އިތުރުވާ ކޮންމެ ގަޑި އިރަކަށް 25 ރުފިޔާ ދައްކަންޖެހޭއިރު، ދެ ޓަނާއި ފަސްޓަނާއި ދޭތެރޭ ލޮރީއެއްނަމަ މަހު ފީ އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 4000 ރުފިޔާއެވެ. އަދި ގަޑި އިރަކަށް ޕާކު ކުރާނަމަ ފުރަތަމަ 30 މިނެޓް ހަމަވުމަށްފަހު އިތުރުވާ ކޮންމެ ގަޑި އިރަކަށް 30 ރުފިޔާ ދައްކަންޖެހޭނެއެވެ.