އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިސުރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޝައިހު ޑރ. އަބްދުލް ލަތީފް ބިން އަބްދުލްއަޒީޒް އާ ބައްދަަލުކުރައްވައިފި އެވެ.
އިިޖިޕްޓުގެ ކައިރޯގައި ހުންނަ ސައުދީގެ އިސްލާމިކް މިނިސްޓަރުގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި ދެ ގައުމުގެ މިނިސްޓަރުން ވަނީ ދީނީ ގޮތުން ދެގައުމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައި އެ ކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކޮށް އެފަދަ ފިކުރުތައް ފެތުރުނަ ނުދިނުމަށް ސައުދީން ކުރާ މަސައްކަތުގެ ތަޖުރިބާއިން ފައިދާ ލިބިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ޒާހިރު މި ބައްދަލުވުމުގައި ވިދާޅުވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ދެ ގައުމުގެ އިސްލާމީ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށާއި ސައުދީގެ ފަރާތުން ރާއްޖެއަށް ހުރިހާ ދާއިރާތަކުން ފޯރުކޮށްދޭ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލުވުމުގައި ސައުދީގެ ފަރާތުން ވަނީ ރާއްޖެއަށް ރަމްޒީ ފިލައެއްވެސް އަރުވާފައެވެ.
މިނިސްޓަރު ޒާހިރުގެ މި ދަތުރަކީ ގާހިރާގައި ކުރިއަށްދިޔަ 30 ވަނަ "ޖެނެރަލް ކޮންފަރެންސް އޮފް ދަ އިޖިޕްޝަން ސުޕްރީމް ކައުންސިލް ފޮރ އިސްލާމިކް އެފެއާޒް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ. މި ކޮންފަރެންސްގައި 50 އަށް ވުރެ ގިނަ ގައުމަކުން ވަނީ ބައިވެރިވެފައެވެ.