ބޮލީވުޑް

ބްލެކްބަކް ޕޯޗިން ކޭސް: ރާޖަސްތާން ހައިކޯޓުން ދައުލަތުގެ އިސްތިއުނާފު ބަލައިގަނެފި

ހިމާޔަތް ކޮށްފައިވާ ފުއްލާ ތަކެއް މަރާލުމުގެ މައްސަލަ އުފުލާފައިވާ ތަރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކޮށްފައިވާ ހުކުމް، ރާޖަސްތާން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އެކޯޓުން މައްސަލަ ބަލައިގެންފިއެވެ.

މީގެ 21 އަހަރު ކުރިން ހިނގި މި މައްސަލަ ސާބިތު ނުވާކަމަށް ޖޯދްޕޫރުގެ ކޯޓުން ނިންމީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ. އެކަމާ ގުޅިގެން ދައުލަތުން މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިއަހަރުއެވެ.

ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ތަރިންގެ ދިފާއީ ވަކީލު ވަނީ މިހާ ދުވަސްފަހުން އެމައްސަލަ ނުބެލޭނެކަމަށް ބުނެ ވަކާލާތުކޮށްފައެވެ. އޭނާ ބުނީ ވައިލްޑްލައިފް ޕްރޮޓެކްޝަން އެކްޓް ގެ ޝެކްޝަން ފަހެއްގައި ބުނެފައިވާ ގޮތުގައި ހުކުން ކުރާތާ ހަމަސްދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެ އެވެ.

މި މައްސަލައިގައި މިހާރު ދައުލަތުން ދައުވާ އުފުލާ ތަރިންނަކީ ސައިފް އަލީ ޚާން، ސޮނާލީ ބެންޑްރޭ، ނީލަމް ކޮތާރީ އަދި ޓާބޫ އާއި ދުޝްޔަންތް ސިންގެވެ.

މީގެ ކުރިން ބޮލީވުޑް ތަރި ސަލްމާން ޚާން ވަނީ މި ފުއްލާތައް ޝިކާރަކުރި ކަމުގެ މައްސަލަ ސާބިތުވެ ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓްގެ ދަށުން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ވެސް ކޮށްފައެވެ. އޭގެ އިތުރުން 10000 އިންޑިއަން ރުޕީސް އިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ސަލްމާން ގެ މައްޗަށް ސާބިތު ވެފައިވަނީ 1998ގައި ފިލްމު "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިން ތެރޭގައި ދެ ބްލެކްބަކްސް ޝިކާރަކުރިކަމުގެ ދައުވާއެވެ. އެ ހުކުމް އިއްވާފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް ފަސްވަނަ ދުވަހުއެވެ.

ނަމަވެސް ދެ ދުވަހު ޖަލުގައި ހުރުމަށް ފަހު ބެއިލްގައި ސަލްމާން ޖަލުން ނުކުތީ 50000 އިންޑިއަން ރުޕީސް ދެއްކުމަށްފަހުއެވެ.