ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޖޭއެސްސީން ލަފާ ދިން ލިސްޓުގެ ކުރީގައި ދިޔާނާ އާއި މަހާޒް

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް އެންމެ އިސްކަންދޭ ދެ ނަމެއް ފާހަގަކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޖޭއެސްސީން އެންމެ އިސްކަންދޭ ދެ ނަމުގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދެވެ. ދިޔާނާގެ އިތުރުން އެންމެ އިސްކަންދޭ ނަންތަކުގެ ތެރޭގައި ދެން ހިމެނެނީ މަހާޒް އަލީ ޒާހިރެވެ.

އެންމެ އިސްކަންދޭ ދެ ބޭފުޅުންގެ އިތުރުން އިސްކަންދޭ ތިން ބޭފުޅުންގެ ނަމެއް ވެސް ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ. އެއީ މުހައްމަދު ނިޔާޒާއި އަލީ ސަމީރު އަދި ޝުއައިބު ހުސައިން ޒަކަރިއްޔާގެ ނަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ ފަރާތްތަކާއި ރައީސް ސޯލިހު ފޮނުއްވާފައިވާ މަހާޒްގެ ނަންފުޅާއެކު ފަނޑިޔާރުކަމަށް ޝަރުތު ހަމަވާ ބޭފުޅުންނާ އިންޓިވިއު ކުރުމަށް އެކުލަވާލި ކޮމިޓީން ނިންމި ގޮތަށް މިއަދު ޖޭއެސްސީން ވަނީ ރައީސް ސޯލިހަށް ލަފާ އެރުވުމަށް ނިންމައިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ދީދީ، ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ. ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހާއެކު ރައްޔިތުންގެ މަޖިލީހުން އެ ދެ މަގާމަށް އައްޔަންކުރެއްވީ ޑރ. އަޒްމިރަލްޑާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދެވެ.