ފުޓްބޯޅަ

ޓީސީގެ ކޯޗު އާތީ އާއި ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް އިސްތިއުފާ ދީފި

އަލީ ރިފްޝާން

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު އާދަމް އިސްތިއުފާ ދީފިއެވެ.

މިއަހަރުގެ ސީޒަނުގައި ޓީސީއާ ހަވާލުވި އާތީ އިސްތިއުފާ ދިނުމަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ ކުޅުންތެރިންނަށް ކުރިމަތިވެފައިވާ ކަންތައްތަކަކަށް މެނޭޖްމަންޓާ ވާހަކަދައްކައިގެން ވެސް ހައްލެއް ހޯދިފައިނުވާތީ އިސްތިއުފާ ދޭ ކަމަށެވެ. އޭގެ އިތުރުން އާތީއަށް ޓީސީން މުސާރަ ދީފައިނުވާ ކަން ވެސް ސިޓީގައި އޭނާ ފާހަގަކުރިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އާތީގެ އިތުރުން ބައެއް ސީނިއާ ކުޅުންތެރިންނަށް ވެސް ޓީސީން މުސާރަ ދީފައެއް ނުވެއެވެ. އެގޮތުން މިހާރު ޓީސީން ވަނީ ކުޅުންތެރިން ވެސް ޓީމު ދޫކޮށް ދިއުމުގެ ހުއްދަ ދީފައެވެ.

ޓީސީގެ އިތުރުން ޒުވާން ކުޅުންތެރިންތަކަކާއެކު މިސީޒަނުގެ މާލޭ ލީގުގައި ވާދަކުރާ ވިކްޓަރީގައި ވެސް މުސާރައިގެ މައްސަލަތަކެއް އުޅެއެވެ. އެ ކްލަބުގެ ކޯޗުކަމުން މުހައްމަދު އިސްތިއުފާ ދީފައިވަނީ އެ މައްސަލަތަކަށް ހައްލެއް ހޯދިފައި ނުވުމުގެ ސަބަބުންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެސްއޯއީގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މިއަހަރު އެ ކުންފުނިތަކުން އެއްބަސްވުންތައް އާކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއަހަރު ކްލަބުތަކަށް ފައިސާ ދެމުންދިޔައީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. އެފްއޭއެމް އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ނަމަވެސް، ކްލަބުތަކުގެ މާލީ ހާލަތު ގޯސްކަން ފާހަގަކުރެވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ވެސް ވިކްޓަރީ ފާހަގަވެފައިވަނީ މާލީ ހާލަތު ގޯސް ކްލަބެއްގެ ގޮތުގައެވެ. ނަމަވެސް ޓީސީއަށް މީގެ ކުރިން އެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެއް ނުވެއެވެ.