ބްރޯޑްކާސްޓިން ކޮމިޝަން

އިޖުތިމާއީ ފޭރާމަށް ގެއްލުން ނުވާގޮތަށް މާކަނާ ޝޯ އިސްލާހުކުރަން އަންގައިފި

އިޖުތިމާއީ ފޭރާމަށް ގެއްލުން ނުވާގޮތަށް ''މާކަނާ ޝޯ'' ގެ ކޮންޓެންޓް އިސްލާހުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑް ކޮމް) އިން ރާއްޖެ ޓީވީ އަށް އަންގައިފިއެވެ.

ބްރޯޑްކޮމް އިން އެގޮތަށް އެންގީ، މިދިޔަ އޭޕްރީލް މަހާއި މާޗު މަހު ދެއްކި "މާކަނާ ޝޯ"ގެ ހަތަރު އެޕިސޯޑެއްގައި ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީ އާއި އާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާ ކަމަށް ފާހަގަވާތީ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.

ބްރޯޑްކޮމް އިން މައްސަލަ ބެލުމަށްފަހު ބުނީ އޭޕްރީލް މަހު ގެނެސްދިން މާކަނާ ޝޯ ގެ ހަތަރު އެޕިސޯޑެއްގައި މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ކޮންޓެންޓްގައި އެފަދަ ބަސްތަކާއި އަޑުތައް ތަކުރާރުކޮށް ބްރޯޑްކާސްޓްކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި، އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުމަށް ބުނާ މާއްދާއާ ހިލާފު ކޮންޓެންޓެއް ކަމަށް ބްރޯޑްކޮމްއިން ބުނެފައިވެއެވެ. އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ، މީގެ ފަހުން "މާކަނާ ޝޯ" ގެނެސްދޭ ނަމަ ގެނެސްދޭން ވާނީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް ކަމަށް ރާއްޖެ ޓީވީއަށް އަންގާފައިވާ ކަމަށް ބްރޯޑްކޮމްއިން ބުނެ އެވެ.

ބުރޯޑުކޮމްއިން ބުނީ، ބްރޯޑްކާސްޓްކުރާ ފަރާތްތައް ޒިންމާދާރު ކުރުވުމަކީ ކޮމިޝަންގެ ޒިންމާއަކަށްވުމުން އެފަރާތަކުން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކަށް އެފަރާތަކުން ޒިންމާވާން ޖެހޭނެ ކަމަށެވެ. މި މައްސަލައިގައި ޖަވާބުދާރީވުމަށް ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޕްރައިވެޓް ލިމިޓެޑަށް ފުރުސަތު ދިން ނަމަވެސް އެ ސްޓޭޝަނުން މައްސަލައަށް މައުޟޫއީ ގޮތުން ޖަވާބުދާރީވެފައި ނުވާ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ. އަދި މައްސަލައަށް ޖަވާބުދާރީ ވުމަށް އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް ބުނެ، ޖަވާބުދާރީވުމަށް މުއްދަތު އިތުރުކޮށް ދިނުމަށް އެސްޓޭޝަނުން އެދުމުން މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށާއި ނަމަވެސް އެމުއްދަތު ހަމަވި އިރުވެސް މައްސަލައަށް ޖަވާބުދާރީ ނުވާކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.