ހުއްޓުމެއްނެތި މާގަނޑުން ފައިބަމުން ދިޔަ ފެންތަކުގެ ތެރޭގައި ނާހިދް ހުރީ އެއް އަތް ފާރުގައި ވިއްދާލައިގެން އިސްޖަހާލައިގެންނެވެ. އޭނާގެ އެތެރެހަށީގައި ގަދަފަދަ ތޫފާނެއް އުފެދިފައިވާ ކަހަލައެވެ. ހިތުގައި އިންތިހާއަށް ރިއްސަމުން ދިޔައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނާއި ކެކުޅުމުގެ ސަބަބުން އޭނާގެ ދެލޮލުން ފެން ފައިބަމުން ދިޔައެވެ. އެވަރުންވެސް އޭނާގެ ހިތުގައި އުފެދިފައިވާ ކެކުޅުމަށް ބަދަލެއް ނާދޭއެވެ. އޭނާ ބޭނުންވަނީ ތަން ފަޅައިގެންދާހާ ބާރަށް ރޮއެގަންނާށެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ މީހެއްގެ ފިރިއަކަށް ވާއިރު އެ ހިތުން އަނބިމީހާއަށް އަންބެއްގެ ދަރަޖަވެސް ދެވިއްޖެއެވެ. މުޅި އުމުރަށް ހަނދާނުން ފޮހެލަން މަސައްކަތް ކުރަމުން ދިޔަ ފަރާތުގެ އެނބުރި އައުން މުޅި މީހާ ބަލިކަށި ކޮށްލައިފިއެވެ. ބައެއްފަހަރު އޭނާ ބުއްދި ފިލައި ދާންއުޅޭހެން ހީވާހެން ވެސް ހީވެއެވެ.
"އަޒްކާ.....!!! ކިހިނެއް ތިހަދަނީ މަށަށް....." ނާހިދް ހިތާއި ހިތުން ކިޔަމުން ދިޔައެވެ.
ކޮޓަރީ އެނދުގައި އިނާޝާ ބޭންދުމަށްފަހު އަޒްކާ އިށީނީ ތިރީ ޓައިލްސް މަތީގައެވެ. އުނގުމަތީގައި އޮތް އިނާޝާގެ ދެއަތުގައި ހިފައިލަމުން އޭނާ ބޯއަޅާލީ އިނާޝާގެ އުނގުގައެވެ. އިނާޝާ އަޒްކާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އޭނާގެ ލޮލުން ވެއްޓުުނު އުފާވެރިކަމުގެ ކަރުނަ ތިކި ހިނދިގެން ދިޔައީ އަޒްކާގެ އިސްތަށިގަނޑުގެ ތެރެއަށެވެ.
"ކޮބާ ދަރިފުޅު ވިހޭ ކުއްޖާ...؟" އިނާޝާ އޭނާގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލު އަޒްކާއާއި ކޮށްލިއެވެ. އަޒްކާ އިސްއުފުލާ އިނާޝާގެ މޫނަށް ބަލައިލިއެވެ.
"ދަރިފުޅު ދުނިޔެއަށް ނޭވާ ނުލަނީސް ނިޔާވެއްޖެ" ތުން ފިއްތާލަމުން އަޒްކާ ބުނެލިއެވެ. ދެލޯ ބޮޑުވެ އިނާޝާއަށް އަނގަ މަތީގައި އަތް އަޅައިލެވުނެވެ.
"އިންނާލިﷲ ވައިންނާ އިލައިހް ރާޖިޢޫން.... ދެރަނުވައްޗޭ ދަރިފުޅާ... އެއީ އެކަލާނގެ މިންވަރުފުޅު ހުރިގޮތް" އަޒްކާގެ ބޮލުގައި ފިރުމަމުން އިނާޝާ ބުނެލިއެވެ.
"ދެން އެހެންވިއްޔާ ކޮބާ ފިރިމީހާ...؟" އިނާޝާގެ ފަރާތުން އެސުވާލު އަންނާނެކަން މާކުރިންވެސް އަޒްކާއަށް އިނގެއެވެ. އެހެންކަމުން އެސުވާލު އިވުނު ހިނދު އޭނާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ތެދަށް ހުރިހާ ވާހަކަތަކެއް ކިޔާދޭންވީ ވަގުތު ޖެހުނީއެވެ.
"މަންމާ...! އަޅުގަނޑު މީހަކާއި އަދި ދުވަހަކުވެސް ނީންނަން" އަޒްކާއަށް ބުނެވުނީ އެވަރަށެވެ.
"ކީކޭ...؟؟ ދެން ބަނޑުބޮޑުވީ.... ޔާރައްބީ...." އަޒްކާގެ މޫނަށް ބަލަހައްޓައިގެން އިނދެ އިނާޝާ ބުނެލިއެވެ. ދެލޮލުން ކަރުނަ ފައިބައިގަތީ އަޒްކާ އިސްޖަހާލި ވަގުތުގައެވެ.
"ސޮރީ މަންމާ....!" ރޫރު އަޅާ އަޑަކުން އަޒްކާ ބުނެލިއެވެ.
"އެ ދަރިފުޅަކީ އަނެއްކާ ނާހިދް....." އިނާޝާ އަހައިލިއެވެ.
"ނޫން....ނޫން މަންމާ... ނާހިދަކީ މަންމަގެ ދަރިއެއްނު. މަންމައަށް ހީވޭތަ އެވަރުގެ ކަމެއް ނާހިދް ކޮށްފާނެހެން. ފާފަ ކުރެވުނީ އަޅުގަނޑަށް. އެއީ ތިއާއިލާ އަދި ނާހިދާ ދިމާވުމުގެ މާކުރިން...." އަޒްކާ އިނާޝާއަށް ކިޔައިދެމުން ދިޔައެވެ. ނާހިދް ދެކެ އިންތިހާއަށް ލޯބިވެވުނު ވާހަކައެވެ. އޭނާއަށް ނާހިދާއި ދުރަށް ދާން ޖެހުނު ހިތްދަތިގޮތެވެ. އެންމެންނަށް ފިލައިގެން އުޅުނު ސަބަބެވެ. މާލެ ތެރޭގައި އޭނާ އުޅެންޖެހުނު ނިކަމެތި ގޮތެވެ. މާހިލްގެ ވިޔާނުދާ އަމަލުތަކެވެ. އޭނާގެ ހަގީގީ މާމައާއި ބައްޕަ ދިމާވި ގޮތެވެ. އެހުރިހާ ވާހަކަތަކެއް ކިޔައިދީ ނިމުނު އިރު އަޒްކާ ހީވަނީ ރޮވޭވަރުން ރޫޅިދާނެ ހެންނެވެ. އޭނާ ހީކުރި ގޮތާއި ޚިލާފަށް އިނާޝާ އަޒްކާއަށް މަޢާފްކުރިއެވެ. އަދިވެސް އެ ހިތުގައި ވަނީ ދަރިއެއްގެ ދަރަޖަ ކަމުގައި ބުނެލިއެވެ. ނާހިދް ހޯދާނުދެވޭނޭ ބުނިއިރު ރޮވިއްޖެއެވެ.
މީކާއާއި ބައިވެރިވެގެން ރޭގަނޑުގެ ކެއުން މޭޒު މައްޗަށް އެރުވުމަށްފަހު ނައިޝީ މައްޗަށް ދިޔައީ ނާހިދަށް ކާން ގޮވުމަށެވެ. އޭނާ ކޮޓަރި ދޮރު ހުޅުވާލިއިރު ގައި މަތީގައި ކުއިލްޓް އަޅައިގެން ނާހިދަށް އޮތީ ނިދިފައެވެ. ހަވީރު ފާހާނާއިން ނިކުތް ގޮތަށް ބަހެއް ނުބުނެ ނާހިދް އެނދަށް އެރި ގޮތަށް ނިދީއެވެ. ނައިޝީ ކައިރިވެލުމަށްފަހު ނާހިދަށް ގޮވައިލިއެވެ. އޭނާ ލޯ ހުޅުވާލުމުން ނައިޝީއަށް ލިބުނީ ސިހުމެކެވެ. ނާހިދްގެ ދެލޯ ރަތްވެފައި ވަނީ ހާދަ ބޮޑަކަށެވެ.
"ހިނގާ ކާން. ހަވީރު ސައެއް ވެސް ނުބޮމެއްނު" ލޮލަށް ވެފައި ހުރި ގޮތާއި ބެހޭގޮތުން ސުވާލުނުކޮށް ނައިޝީ ލޯތްބާއެކު ކާން އައުމަށް އެދުނެވެ.
"ނުކާނަން. އިޝީ ކާން ދޭ. ވަރަށް ނިދި އެބަހުރި. ނިދާލަން ބޭނުމީ" ނާހިދް ބުނެލިއެވެ. ނައިޝީ އެއްޗެއް ބުނަން އުޅުނު ވަގުތު ނާހިދް ފުރަގަސްދިނެވެ. އިރުކޮޅަކު ނާހިދަށް ބަލަހައްޓައިގެން ހުރުމަށްފަހު ނައިޝީ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
"އިޝީ...!!" ކޮޓަރިން ނިކުމެ ނިކުމެ ހުރި ނައިޝީ މަޑުޖެހުނީ ނާހިދް ގޮވައިލި އަޑަށެވެ.
"މަންމަމެން ކައިރީގައި އަހަރެންގެ އެއްވެސް ވާހަކައެއް ނުދައްކައްޗޭ" ނާހިދް ބުނެލިއެވެ. ބޯޖަހާލާފައި ހީލަމުން ނައިޝީ ނިކުތެވެ.
ކާމޭޒު ކައިރީގައި އިން އަމީޒާ އެންމެންގެ ތެރޭގައި ނަތާޝާއަށް ގޮވާލުމާއެކު ހުރިހާ މީހުންގެ ނަޒަރު އަމީޒާއަށް ހުއްޓުނެވެ. އަތުގައި އޮތް އޫ ތަށި ތެރެއަށް ދޫކޮށްލަމުން ނަތާޝާ އަމީޒާއަށް ބަލައިލިއިރު އޭނާގެ ދެލޮލުގައި ނުތަނަވަސްކަން ވިއެވެ.
"ކޮބާ އަރޫ...؟ ބުނީމެއްނު އަރޫ ކައިރިއަށް ގެންދާނަމޭ...." އަމީޒާ ބުނެލިއެވެ. ކައިރީގައި އިން ފަރީޝާ އަމީޒާގެ އަތުގައި ހިފަހައްޓާލިއެވެ.
"އަދި ގެންދާނަން އަމީދައްތާ. އިންޝާﷲ. އިންތިޒާރުކުރޭ..." ނަތާޝާ ހީކުރި ގޮތާއި ޚިލާފަށް އެއްވެސް މީހެއްގެ ނަޒަރު ނަތާޝާއަށް އަމާޒުނުވުމުން އޭނާ ހަމަޖެހުނެވެ. އެހެނީ ގޭ ހުރިހާ މީހުން ގާތުގައި ތަކުރާރުކޮށް އަމީޒާ ދައްކަމުން އަންނަ ވާހަކަތަކަކީ އެއް ވާހަކައެކެވެ. ފަރީޝާ އަމީޒާގެ އަތުގައި ހިފާ ކައިރިކޮށްލަމުން ކުޑަކޮށް ބައްދާލިއިރު އަމީޒާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
ނިދަން ތައްޔާރުވެގެން އެނދަށް އެރި ނައިޝީ ބެލްކަންޏާއި ދިމާލަށް ބަލައިލީ އެތަނުގައި ނާހިދް ހުރިކަން އިނގުމުންނެވެ. ހުސްގަޔާ އެތަނުގައި ހުރިއިރު ނާހިދަށް ފިނިވެސް ނުވެއެވެ. ވިއްސާރަ ދުވަސްކޮޅެއް ކަމުން ބޭރަށް ނުލާހިކު ވައި ބާރެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން ނައިޝީ ބަލަހައްޓައިގެން އިނީ ނާހިދަށެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރު ނާހިދް ނައިޝީއާ އަނގައިން ބުނެފައިވަނީ އިނގިލިން ގުނާލެވޭހާ ވެސް މަދުންނެވެ. ނައިޝީ އެންމެ ޚައިރާންވީ ބަލި ކަމަށް ބުނެ ނާހިދް ފަނަރަ ދުވަހުގެ ޗުއްޓީއެއް ނެގުމުންނެވެ. މައިންބަފައިން ކައިރީގައި ވެސް ބަލި ކަމަށް ބުނެ އޮޅުވާލީމައެވެ. ނާހިދަށް އައިސްގެން އުޅޭ ބަދަލަކާއިމެދު ވިސްނާ ވިސްނާ މިހާރު އޭނާގެ ބޮލުގައި ވަނީ ނުފިލާ ރިހުމެއް އުފެދިފައެވެ.
ނާހިދް އެނބުރި ކޮޓަރިއަށް ވަންނަން ދިމާކޮށްލިތަނާ އެނދުގައި އޭނާއަށް ބަލަން ރޮވިފައި އިން ނައިޝީ ފެނި އިސްޖަހައިލިއެވެ. އެވަގުތުކޮޅު އޭނާއަށް ނައިޝީއާ މެދު ކަންތައް ކުރެވެމުންދަނީ ރަނގަޅަށް ނޫންކަން އިހުސާސްވިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އިށީނެވެ. ނުވިސްނާ އިން ނައިޝީގެ އުނގުގައި ބޯއަޅާލިއެވެ. ނައިޝީ ނާހިދްގެ މޫނަށް ބަލައިލިއެވެ. ހިމޭންކަމުގެ ވަގުތުކޮޅެއް ދިޔުމަށްފަހު ހަރަކާތެއް ކުރީ ނާހިދެވެ. ނައިޝީގެ އަތުގައި ހިފާ ގެނެސް އޭނާގެ މޭމަތީގައި ބާއްވައިލިއެވެ. އަދި އޭނާގެ ދެއަތްތިލަ ނައިޝީގެ އަތްތިލަ މަތީގައި ބާއްވައިލިއެވެ.
"އިޝީ...! ޑޯންޓް ގެޓް މީ ރޯންގް. އިނގޭ ކަންތައް މިކުރެވެނީ ރަނގަޅަކަށް ނޫންކަން. އައިމް ސޮރީ ފޯރ އެވްރީތިންގް" ނާހިދް ވާހަކަދައްކަމުން ދިޔައީ ދެލޯ މަރާލައިގެން އޮވެއެވެ.
"ކިހިނެއްވެގެންތަ ނާހިދް ތިއުޅެނީ؟ މީހާ ތިހުންނަނީ މަރުވެފައިވާ މައްޔިތެއް ހުންނަ ގޮތަށް. ވަޓްސް ރޯންގް...؟" ނައިޝީ އަހައިލިއެވެ.
"އިންސާނާގެ ހަޔާތަކީ ކުރު އެއްޗެއް. ޔަޤީނުންވެސް އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެ" ނާހިދް ބުނެލިއެވެ.
"މާނައަކީ....؟" ނައިޝީ އަހައިލިއެވެ.
"އަހަރެންނަށް ބަދަލުތަކެއް އައިއްސި. ހީވަނީ ވަރަށް ބޮޑަށް ބަލިވާން އުޅޭހެން. މިދުވަސްކޮޅުގައި އަހަރެންނަށް އިޝީއާ ދުރަށް ދެވެނީ އެހެންވެ. އަހަރެންނަށް ވަގުތުކޮޅެއް ދެވިދާނެތަ...؟" ނާހިދް ވާހަކަދެއްކިއެވެ. ނައިޝީގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ހަނާއަޅަމުން ދިޔައެވެ. ނާހިދް ވެގެން އެ އުޅެނީ ކޮން ބައްޔެއް ހެއްޔެވެ؟
"ޑޮކްޓަރަށް ދައްކަންވީނުން..." ނައިޝީ ބުނެލިއެވެ.
"ނޯޕް. ޑޮކްޓަރުންނަށް އަހަރެންގެ މި ބައްޔަށް ފަރުވާއެއް ހޯދައެއް ނުދެވޭނެ. މި ބަލީގެ ފަރުވާ ވަނީ އަހަރެންގެ އަތުގައި. މާތް ﷲ ހެޔޮ ރަޙްމަތްފުޅުން މިބަލިން އަހަރެން ވަރަށް އަވަހަށް ރަނގަޅުވާނަން" ނާހިދް ބުނެލިއެވެ. ނައިޝީ ވަކި އެއްޗެއް ނުބުނެ އިނެވެ. އޭނާ އެދެނީ ވެގެން އުޅޭ ކަމަކުން އަވަހަށް ނާހިދް ރިކަވަރ ވުމެވެ. އޭނާ އެ ވަގުތުން ފެށިގެން ގަޑި ގުނަން ފެށިއެވެ.
ވަޒީފާއަށް ދާން ފެށިތާ މަހެއް ވެގެން ދިޔައިރު އަޒްކާ އެތަނަށް ހޭނިއްޖެއެވެ. އެތައް ބަޔަކު އޭނާއާއި އެކުވެރިވެއްޖެއެވެ. އެ ބޮޑު އޮފީސް ތެރޭގައި އޭނާއަށް ނަފްރަތުގެ ލޮލުން ބަލާލާ ހަމަ އެކަކުވެސް ނެތެވެ. އޭނާގެ މަޑުމައިތިރިކަމާއި ހިތްތިރިކަން ފެނި އެތައް ބައެއްގެ ހިތުން ޖާގަ ހޯދައިފިއެވެ. އޭނާގެ ހުށިޔާރު ކަމާއި ވިސްނުންތޫނު ކަމުގެ ސަބަބުން މިނިސްޓަރާއި އެންމެ ގާތުން މަސައްކަތްކުރުމަށް ހޮވި ތިން ކުދިންގެ ތެރޭގައި އޭނާ ހިމެނިގެން ދިޔައެވެ. ފުރަތަމަ ދުވަސްކޮޅުގައި ވާހަކަދައްކަން ނުކެރުނަސް މިހާރު މަޑުމަޑުން އޭނާގެ އަނގަ ހުޅުވިއްޖެއެވެ.
އާދައިގެ މަތިން ގަޑިޖެހުމުގެ ފަނަރަމިނިޓް ކުރިން އަޒްކާ އޮފީހަށް އައެވެ. އޭނާއަށް ހާއްސަކޮށްފައިވާ ވޯކް ސްޓޭޝަނާއި ދިމާލަށް ދިޔައިރު ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. މިނިސްޓަރ އިންނަވާ ކޮޓަރިކޮޅާއި އެންމެ ގާތުގައި ވަކިން ތިބެނީ އަޒްކާގެ އިތުރުން އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ.
"މާދަމާ ބޮޑު ދުވަހެއް ދޯ..." އަޒްކާއާއި ޖެހިގެން އިން ޝުނާޒް ބުނެލިއެވެ.
އަޒްކާ ޖެހިގެން އިން ކޯމަލްއަށް ބަލައިލިއެވެ. އަދި ދެމީހުން ލޮލާއި ލޮލުން އިޝާރާތެއް ކޮށްލީ މާދަމާ އަކީ ކޮން ބޮޑު ދުވަހެއްކަން ނޭނގިގެންނެވެ.
"ޝުނީއަށް ހާއްސަ ދުވަހެއްތަ...؟" ކޯމަލް އަހައިލިއެވެ.
"ނޫނޭ.. އަހަރެމެންގެ އަޒްއަކަށްނު" ޝުނާޒް ބުނެލިއެވެ. އަޒްކާ ދެބުމަ ގޮށްޖަހާލިއެވެ. އޭނާގެ ދިރިއުޅުމުގައި އެހާ މުހިންމު ދުވަހެއް ނުވެއެވެ. ހުރިހާ ދުވަހަކީވެސް އޭނާއަށްޓަކައި ހަމަ އާދައިގެ ދުވަހެކެވެ. ހަޔާތުގައި އަންނަ ދުވަސްތަކަކީ އޭނާ މާބޮޑު ސަމާލުކަމެއް ދޭ ދުވަސްތަކެއް ނޫނެވެ.
"ބޯން ޑޭ....؟؟" ކޯމަލް ގޮނޑިން ތެދުވެލަމުން ޝުނާޒަށް ބުނެލިއެވެ.
"ޔެސް މާދަމާ އަކީ މަށަށް ޓްވެންޓީ ވާނެ ދުވަސް" އަޒްކާ ބުނެލިއެވެ.
"ޔޭ... ކޭކް ލިބެނީ ޔޯ...." ކޯމަލް ފުންމައިގަތެވެ.
"ހުނ... އަދިވެސް ކޭކު ކެވޭތޯ ބަލާ. މިހާރުވެސް މީހާ ތިހުންނަނީ ބޯޅައެއްހެން..." ޝުނާޒް ކޯމަލްއާއި ދިމާކޮށްލިއެވެ. ކޯމަލް ކުރު ފަލަކޮށް ހުންނާތީ ޝުނާޒް އަބަދުވެސް ދިމާކުރެއެވެ.
"ދެން ޝުނީ....! މަލް ދެރަކޮށްލީއެއްނު ތި..." ކޯމަލް އަނގަ ހަދާލިތަން ފެނުމުން އަޒްކާ ބުނެލިއެވެ.
"އެއީ ލޯބިން... ދެން ބުނެބަލަ މާދަމާ ކޮންކަމެއް އޮތީ. ޓްރީޓް އޮންނާނެ ދޯ...." ޝުނާޒް ވާހަކަދެއްކިއެވެ.
"ޝުނީމެން ބުނޭ ތަނެއް" އަޒްކާ ބުނެލިއެވެ.
"ބަލަބަލަ...! ހަމައެކަނި ޝުނީއާ ކޯމަލް އެކަނިތަ މި އޮފީހުގަ އުޅެނީ..." ތަންކޮޅެއް ދުރުގައި އިން އެކުވެރިޔަކު ބާރަކަށް ބުނެލިއެވެ. އެންމެފަހުން އެ ބަހުސް ނިމިގެން ދިޔައީ އޮފީހުގެ ސްޓާފުންނަށް އަޒްކާގެ އުފަންދުވަހުގެ ކެއުން ދިނުމަށް ތަނެއް ކަނޑައެޅުމަށް ފަހުގައެވެ. އުފަން ދުވަސް ފާހަގަކުރުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ. އެކުވެރިންނަށްޓަކައި އޭނާގެ އުފަންދުވަހުގެ ކެއުން ވިޔަސް އެއީ އޭނާގެ ހިތުން އެކުވެރިންނަށް ދެވޭ ފުރަތަމަ ކެއުމެވެ.
ކެއުން ހަމަޖެހުނު ރެސްޓޯރަންޓަށް އަޒްކާ ދިޔައީ އެކުގައި ނަތާޝާ ގޮވައިގެންނެވެ. އޭނާގެ ބެސްޓްފްރެންޑް ކަމަށް ބުނެ އޮފީހުގެ ހުރިހާ އެކުވެރިންނަށް އޭނާ ނަތާޝާ ތަޢާރަފްކޮށްދިނެވެ. އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު އޭނާ ނަތާޝާއާއި އެކުގައި ރެސްޓޯރެންޓުން ނިކުތީ އޮފީހުގެ އެކުވެރިންނަށް ރޭގަނޑުގެ ފަހު ސަލާން ކޮށްފައެވެ.
"ހިނގާބަ ނަތާއާއި އެއްކޮށް ތަނަކަށް ގޮސްލާފަ ގެއަށްދާން" އަޒްކާގެ އަތުގައި ހިފައިލަމުން ނަތާޝާ ބުނެލިއެވެ. ދެބަހެއް ނެތި އަޒްކާ ނަތާޝާއާއި އެކުގައި ހިނގައިގަތެވެ.
"ނާހާނަންތަ ކޮންތަނަކަށްތޯ ވެސް" ނަތާޝާ ބުނެލިއެވެ.
"ކޮންމެހެން އަހަންޖެހޭތަ. ނަތާ ދިޔަ ކޮންމެތަނަކަށް ދާނަން" ނަތާޝާއާއި އެއްވަރަށް ހިނގަމުން އަޒްކާ ބުނެލިއެވެ.
"މިދަނީ އައިޖީއެމްއެޗަށް. މަންމަ ޑިއުޓީގަ ވީ. މަންމަ ގުޅާފަ ބުނެގެން އެއްޗެއް ނަގަން މިދަނީ" އަޒްކާއަށް އޮޅުވާލައިގެން އެއްވެސް ތަނަކަށް ގެންދަން ބޭނުންނުވާތީ ނަތާޝާ ބުނެލިއެވެ. ވަގުތުން އަޒްކާ ހުއްޓުނެވެ. އޭނާއަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
"އައި އަންޑަރސްޓޭންޑް. އަޒްކީ އެތެރެއަށް ނުވަނަސް އޯކޭވާނެ. ނަތާ ވަދެފަ ހިފައިގެން އަންނަންދެން އަޒްކީ ހުރޭ ބޭރުގަ. އެންމެރަނގަޅެއްނު" ނަތާޝާ މަސައްކަތްކުރީ އަޒްކާގެ ހިތުގައިވާ ކަންބޮޑުވުން ފިލުވައިދިނުމަށެވެ.
ހޮސްޕިޓަލާ ހަމައަށް ދެވުމުން އަޒްކާ ބޭރުގައި މަޑުކޮށްލިއެވެ. ނަތާޝާ ވަނީ އެތެރެއަށެވެ. އަޒްކާ ދެފަރާތް ހޯދާލުމަށްފަހު އަނދިރިހެން ހީވާ ދިމާލެއްގައި ހުއްޓުނެވެ. އިރުކޮޅަކާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ހޮސްޕިޓަލް ކައިރިން މީހަކު ފެންނައިރަށް އޭނާ އިސްޖަހާލައެވެ. ކުރިމަތިން ސައިކަލުގައި މީހަކު ހުރަސްކޮށްފިނަމަ ހިތް ތެޅިލައެވެ. އޭނާ ދެކޮޅަށް ހިނގަން ފެށިއެވެ. އޭނާއަށް މީވަނީ ކީއްހެއްޔެވެ؟ ނާހިދު ފެނިދާނެތީ މިހާ ކަންބޮޑު މިވަނީ ކީއްވެގެން ހެއްޔެވެ؟ އެގޮތަށް ނާހިދަށް ފިލައިގެން އުމުރުދުވަހު އުޅެވިދާނެ ހެއްޔެވެ؟ އަބަދުވެސް މަގުމަތިން ނާހިދް ހޯދެނީ ކީއްވެގެން ހެއްޔެވެ؟ އެއީ މީހެއްގެ ފިރިއެކެވެ. އަޒްކާގެ ހިތަށް ޖަވާބުނުލިބޭ އެތައް ސުވާލުތަކަކުން އުނދަގުކުރަމުން ދިޔައެވެ. އެންމެފަހުން އޭނާ އަނދިރިގަނޑު ތެރެއިން ނިކުމެ އައިޖީއެމްއެޗްގެ ޓެކްސީ ކިޔޫ އޮންނަ ދިމާލުގައި މަޑުކޮށްލިއެވެ. ޔަޤީނުންވެސް މިހާރު އޭނާ ހުރީ މީހަކަށް ފިލައިގެނެއްނޫނެވެ.
ނަތާޝާ ނިކުތީ އަޒްކާ އެތަނުގައި ހުންނަތާ ދިހަ ވަރަކަށް މިނިޓް ފަހުންނެވެ. އޭނާ އަޒްކާ ކައިރީގައި ހުއްޓިލަމުން ލަސްވިކަމަށްޓަކައި މަޢާފަށް އެދުނެވެ.
"މަންމަ ސާޖަރީއެއްގަ ހުރީ. އެހެންވެ ލަސްވީ" ނަތާޝާ އޮޅުންފިލުވައިދިނެވެ.
"އިޓްސްއޯކޭ. އަވަހަށް ހިނގާ ދާން" އަޒްކާ ބުނެލިއެވެ.
"އެބައުޅޭ އެތެރޭގަ. ދެންމެ ފެނުނު" ހިނގައިގަންނަމުން ނަތާޝާ ބުނެލިއެވެ. އަޒްކާ ނަތާޝާގެ މޫނަށް ބަލައިލިއެވެ.
"ނާހިދް. ނަތާ ފެނުނީމަ ވާހަކައެއް ނުދައްކާނެ މިހާރު. އެކަމަކު ހީލާނެ ކޮންމެފަހަރަކު" އިތުރަށް ނަތާޝާ ބުނެލިއެވެ. އަޒްކާ ބަހެއް ނުބުނިކަމަކު ކުޑަކޮށް ހީލިއެވެ.
"ނަތާ ވާހަކައެއް އަހާލަންތަ..؟" ނަތާޝާ ބުނެލިއެވެ.
"ނަތާ ވާހަކަދައްކަނީ މިހާރު ހުއްދަ ހޯދައިގެންތަ؟" އަޒްކާ ބުނެލިއެވެ.
"ނޫން. ނަތާ ބުނީ އަދިވެސް ލޯބިވޭތަ ނާހިދް ދެކެ...؟" އަޒްކާ ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. ނަތާޝާއަށް ބަލައިލިއެވެ. އޭރު ދެ އެކުވެރިންނަށް ތިބެވުނީ ފިހާރައެއްގެ ކުރިމައްޗަށެވެ. ފިހާރަގެ ކުރިމަތީގައި ދިއްލާފައިވާ ލައިޓުގެ ހުދު އަލީގެ ތެރެއިން އަޒްކާގެ ދެލޮލުގެ ތެރެއިން ވިދަންފެށި ކަރުނަތައް ފެނި ނަތާޝާއަށް ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. އޭނާގެ ސަބަބުން އަޒްކާގެ ހިތަށް ކުޑަވެސް ތަކުލީފެއް ލިބޭކަށް އޭނާ ނޭދެއެވެ.
"އައިމް ސޯ ސޮރީ އަޒްކީ... ދެން ދުވަހަކުވެސް ނާހާނަން..." އަތުގައި އޮތް ޓިޝޫކޮޅުން އަޒްކާގެ ދެލޯ ކައިރި ފޮހެލަމުން ނަތާޝާ ބުނެލިއެވެ. ދެވަނަ ފަހަރަށް ހިނގައިގަތްއިރު އަޒްކާ ހުރީ އިސްޖަހާލައިގެންނެވެ.
"ވަރަށް ވަރަށް ލޯބިވޭ ނަތާ... ނޭނގެ ކީއްވެގެންކަމެއް ހިތުން ނުފިލަނީ... ވަރަށް ދެކިލާހިތްވެސްވޭ. ބޭރަށް ނިކުމެއްޖިއްޔާ މަގުމަތިވެސް ހޯދެނީ..." ހިނގަހިނގާ ހުރި އަޒްކާ ވާހަކަދެއްކިއެވެ. ނަތާޝާ އަޒްކާގެ އަތުގައި ހިފާލީ އެކުވެރިޔާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ކޮފީތަށިން އަރަމުން ދިޔަ އާވިގަނޑަށް ބަލަހައްޓައިގެން އިން އިމްރާން ކޮފީތަށިން ނަޒަރު ވަކިކޮށް އޭނާއާއި ދިމާލަށް އިން ނާހިދަށް ބަލައިލިއެވެ. ނާހިދް އިނީ މޭޒުމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނުގެ ޑިސްޕްލޭގައި އެއް އިނގިިލިން މަޑުމަޑުން ޖަހާލަ ޖަހާލައެވެ. އޭނާ އިމްރާނަށް ނުބަލައެވެ. އޭނާގެ ސިކުނޑި ތެރޭގައި ހިނގަމުންދަނީ ހަމަ އެންމެ އިންސާނެއްގެ ހިޔާލެވެ.
"ތިއީ ދުވަސްކޮޅުކޮޅުން އަންނަ ބަދަލެއްތަ...؟" އެންމެފަހުން އިމްރާން ބުނެލިއެވެ.
"ވަޓް ޓު ޑޫ...؟އަހަރެން އިންމަ ބުނި ހުރިހާ ކަމެއް ކުރިން. ފިރިއެއްގެ ވާޖިބު އަދާކުރިން. އިޝީއާއި އެކު އެތައް ވަގުތެއް ހޭދަކުރިން" ނާހިދް ވާހަކަދެއްކިއެވެ. އިމްރާން އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.
"އައި މިސް ހާރ އަލޮޓް. މިހާރު އަދި އޭނާ މާލޭގައި އުޅޭކަން އިނގުނީމަ ހިތަށް ވަރަށް އުނދަގުވޭ. ހިތަށް އަރާ މަގުމަތިން ވިޔަސް އެންމެ ފަހަރަކުވެސް ފެންނާނެނަމައޭ" ނާހިދް މޭޒުގައި ބޯއަޅާއިލިއެވެ. އަޒްކާގެ ދެކެ ވެވުނު ލޯބި އެދަނީ ދުވަހެއް ދުވަހަކަށް އޭނާ ބަލިކަށި މީހަކަށް ހަދަމުންނެވެ. ލޯތްބަކީ އެހާ ވޭންގަދަ އެއްޗެއް ކަމެއް ކުރިން އޭނާއަށް އެނގިފައެއްނެތެވެ.
"އަދިވެސް ޓްރައި ކުރޭ. މިހާރު ނޭނގެއެއްނު އަޒްކާގެ ލައިފްގަ ހާއްސަ މީހަކު ނެތްކަމެއްވެސް. އޭނާ ނާހިދް މަތިން ހަނދާން ނައްތާލައިގެން އަމިއްލަ ދިރިއުޅުމައިގެން އެއުޅެނީ. ދެން ވައި ޔޫ ނޮޓް؟" އިމްރާން ވާހަކަދެއްކިއެވެ.
"އިންމަ... މަށަކަށް ހިއެއްނުވޭ މަށަކަށް އިޝީ ގޮވައިގެން އުޅެވިދާނެހެން. އަހަރެންނަށް ހީވަނީ އަހަރެން މޮޔަވާން ކައިރިވެއްޖެހެން" ނާހިދް ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ކަރުނަ ނައެއްކަމަކު ހިތް ހީވަނީ ލަސްލަހުން ތަންތަންކޮޅުން ވީދާ ކުދިކުދިވަމުން ދާހެންނެވެ.
"އިޝީއަށް ގޮތެއް ނަހަދާތި. އެކުއްޖާގެ ހިތް ހަލާކުވެދާނެ" އިމްރާން ބުނެލިއެވެ.
"އިންމައަށް ޤަބޫލުކުރެވޭތަ ހަލާކުވެފައިވާ ހިތަކުން އެހެން ހިތަކަށް ލޯތްބެއް ދެވިދާނެކަމަށް...." ނާހިދް އިސްއުފުލާ އިމްރާނަށް ބަލައިލިއެވެ. ކުއްލިއަކަށް ދެމީހުންގެ ކަޅި ހުއްޓުނީ ބަދިގޭ ދޮރަށް އެރި އީވް ފެނިފައެވެ. އީވްގެ އުރުގައި އެމީހުންގެ ކުޑަކުޑަ ދަރިފުޅު އީޝަމް އިނެވެ. ނާހިދާއި އިމްރާން އަވަސް އަވަހަށް އެކަކު އަނެކަކަށް ނަޒަރެއް ދިނީ އެދެމީހުންގެ ތެރޭގައި ދެކެވުނު ވާހަކަ އީވްއަށް އިވިނުހެން ހީވުމުންނެވެ.
"ސާބަހޭ.. ހާދަ ވަރަކަށޭ ތި ސިހުނީ..." އަތުގައި އިން އީޝަމް އިމްރާނަށް ދިއްކޮށްލަމުން އީވް ވާހަކަދެއްކިއެވެ.
"އީވް އަތުން ވަރަށް ކޮފި ބޯހިތުންނޯ ނާހިދް އައިސް މީނީ. އީވް ގޭގައި ނެތީމަ އަހަރެން ކޮފީ ހެދީމަ ނުބައޭ ކިޔާފަ އޭނީ" އިމްރާން ވާހަކަދެއްކިއެވެ. އީވް އިމްރާނަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ.
"ހެހެހެ. ތިއީ އެއްވެސް ކަމެއް ނޫނެއްނު. އީޝަމް ގޮވައިގެން މާމަގެއަށް ދިޔައީ. އިންމަ ފޯނަށް ނުގުޅުނީމަ މެސެޖްކޮށްލާފަ ދިޔައީ" އީވް ބަދިގޭގައި ހަރަކާތްތެރިވަމުން ވާހަކަދެއްކިއެވެ. އެހުރިހާ އިރެއް ވިއިރުވެސް ނާހިދް ވާހަކައެއް ނުދައްކައެވެ.
އެމެޖެންސީ ރޫމުގައި ޑިޔުޓީގައި އުޅުނު ނައިޝީ އަވަދިނެތި އުޅުނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައެވެ. ގޮނޑިއަކަށް ލައިގެން ވެއްދި މާހިލްއަށް އޮށޯންނަންވީ އެނދު ދެއްކުމަށްފަހު ނަރުސް ކުއްޖާ ދިޔައީ ތަންކޮޅެއް ފަހަތުގައި ހުރި ނައިޝީއާއި ދިމާލަށެވެ. މާހިލްގެ ބައްޔާއި ބެހޭގޮތުން ނަރުސްކުއްޖާ ނައިޝީއަށް އޮޅުންފިލުވައިދިނެވެ. އޭނާ މިސްރާބު ޖެހީ މާހިލް އޮތް އެނދާއި ދިމާލަށެވެ. އޭނާ އެތެރެއަށް ވަނުމަށްފަހު ފޮތިގަނޑު ދަމާލިއެވެ.
އެނދުގައި އޮތް މާހިލްއާއި ނައިޝީގެ ދެލޯ އަމާޒުވުމާއެކު ނައިޝީ ތެޅިގަތެވެ. ހޫނުން އަނދަ އަނދާ އޮތް މާހިލް ހޭލެއްވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި ހިތްވަރު ނެތުމުގެ ސަބަބުން ނައިޝީއަށް ހިނިތުންވުމެއް ނުދެވުނެވެ. އެނދުގައި އޮތް އިރުވެސް މާހިލްގެ ހަށިގަނޑުގައި ތުރުތުރު އަޅަމުންދާ މަންޒަރު ނައިޝީއަށް ފެންނަމުން ދިޔައެވެ. އޭނާ އަލުން ނިކުމެ ދެން އައީ ބޯ ރަޖާގަނޑެއް ހިފައިގެންނެވެ. މާހިލްގެ ހަށިގަނޑު ރަޖާއިން ނިވާކޮށްލުމަށްފަހު މާހިލްގެ އަތް ނަގާ ވިންދު ބަލައިލިއެވެ. އެހުރިހާއިރު މާހިލް އޮތީ ނައިޝީގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުގެ އެއް އަރިމަތިން ވެއްޓުނު ކަރުނަތިކި ނައިޝީއަށް ފެނުނެވެ.
(ނުނިމޭ)