މާފަންނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ބިދޭސީ މީހަކަށް އަނިޔާކުރި މައްސަލާގައި ސަސްޕެންޑް ކުރި ފުލުހުން ޑީމޯޓް ކުރުމަށް ނިންމުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ މައްސަލަ ފުލުހުންގެ އިސްތިއުނާފު ކޮމިޓީ އަށް ހުށަހަޅުއްވައިފި އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މ. އުޖާލާގެ ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ. އަދި މި މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހު ވަނީ އެކަމާ ގުޅުންހުރި ފުލުހުން ސަސްޕެންޑްކޮށްފައެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، މައްސަލައިގައި ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅުމުން އެ ބޯޑުން ވަނީ އެ ފުލުހުން ޑީމޯޓުކޮށް ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކޮށް އަހުލާގީ ކުލަ އަދި މެޑަލް އަތުލުމަށް ނިންމާފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނަމަވެސް "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ކަނޑައަޅާ ގަވައިދު" ގައި ވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްއަށް ލިއްބައިދޭ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރުގެ ދަށުން، ސީޕީ ހަމީދު ވަނީ މި މަހުގެ 11 ވަނަ ދުވަހު ބޯޑުގެ ނިންމުން އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ. އަދި މި މައްސަލަ މިހާރުވެސް އޮތީ އިސްތިއުނާފު ކޮމެޓީގައި ކަމަށް ފުލުހުން މައުލުމާތުދެއެވެ.
އެ ގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ފުލުހުންތަކެއް ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯގައި ފުލުހުންތަކެއް އަނިޔާވެރި ގޮތަކަށް އެމީހާގެ ހަށިގަނޑަށް އަނިޔާކުރާ މަންޒަރު ދައްކުވައިދެއެވެ. މި މައްސަލާގއި ތުހުމަތުކުރެވެނީ ހަތް ފުލުހުންގެ މައްޗަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެގައަށް އައި 36 އަހަރުގެ ބަންގުލަދޭޝް ފިރިހެން މީހާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށާއި އެގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ކުޑަދޮރުން ބޭރަށް ފުންމާލައިގެން ފިލަން އުޅެނިކޮށް، މަގުމަތިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގެއިން ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.