މަރުތައް ތަހުގީގުކުރާ ކޮމިޝަން

ރިލްވާން ގެއްލުނު ރޭ ހުޅުމާލޭ ފެރީ ޓާމިލުގައި އޭނާއަށް ފާރަލީ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މަރިޔަމް ޝަހުދާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ މީހަކު ހޯދުމަށް، އެ ކޮމިޝަނުން ވީޑިއޯއެއް އާއްމުކޮށްފިއެވެ.

އެކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ހޯދުމަށް އިއުލާނު ކުރި މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ކޮމިޝަނުން ވަނީ މިމީހާގެ މައުލޫމާތެއް އެނގޭ ނަމަ އެމައުލޫމާތެއް ކޮމިޝަނާއި ހިއްސާކުރުމަށް އެދިފައެވެ.

ކޮމިޝަނުން އާންމު ކުރި ވީޑިއޯގައި ހުޅުމާލެ ފެރީ ޓާމިނަލްގައި ސައިކަލު ހިފައިގެން ފެރީއަށް އެރުމުގެ ކިއުގައި އެމީހާ އިންނަ ތަން ފެނެއެވެ. ސައިކަލުގައި ގޮސް އޭނާ އެންމެ ފުރަތަމަ ކިޔުގައި މަޑުކޮށްލުމަށް ފަހު ފޯނު ނަގައި ބަލައިލަ އެވެ. އަދި އެޔަށް ފަހު ފެރީ ޓާމިނަލު ތެރެޔަށް ވަދެގެންދެ އެވެ. ދެން ފެންނަނީ އަނެއް ފަޅީން ނިކުމެގެން އައިސް ސައިކަލު މަތީގައި އިށީނދެ އިންނަ ތަނެވެ.

"ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަރު ކޮމިޝަނުގެ ރައީސް، ހުސްނު ސުއޫދު ދާދި ދެންމެ ވިދާޅުވީ އެ ވީޑިއޯ އަކީ ރިލްވާން ގެއްލުނު ރޭ ގެ ވީޑިއޯއެއް ކަމަށެވެ. އަދި އެ މީހާ އަކީ އެ ރޭ ރިލްވާނަށް ފާރަލީ މީހެއް ކަމަށާއި ފެރީ ޓާމިނަލު ތެރެޔަށް ވަދެވެސް އެ މީހާ ރިލްވާނަށް ފާރަލާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން އާންމު ކުރި ވީޑިއޯގައި އެ މީހާ ޓާމިނަލު އެތެރެޔަށް ވަދެ އުޅުނު ބައި ހިމަނާފައެއް ނުވެ އެވެ.