ސުޕްރީމް ކޯޓް

އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓުގައި ފުރަތަމަ ފަހަރަށް މައްސަލަ ބައްލަވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ދެ އަންހެން ބޭފުޅުން ފުރަތަމަ ފަހަރަށް މައްސަލަ ބައްލަވަން ފައްޓަވައިފިއެވެ.

ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރެއްވީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެ ދެ ފަނޑިޔާރުންނަކީ ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، އާއި އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދެވެ.

މިއަދު ސުޕްރީިމް ކޯޓުގައި ތާވަލު ކޮށްފައިވާ މައްސަލަ ތަކުގެ ތެރެއިިން، އެޓާނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް ހުށަހަޅައިގެން މިއަދު 10:00 އިން ފެށިގެން ކުރިއަށްދާ ވަޒީފާއާބެހޭ މައްސަލަބައްލަވާ ބެންޗްގައި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، ހިމެނިވަޑައިގަންނަވައެވެ. އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު ޢަބްދުﷲ، އާއި ފަނޑިޔާރު އަލްއުސްތާޒު ޢަބްދުލްޣަނީ މުހައްމަދެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން ހިމެނިވަޑައިގަންނަވަނީ، މިއަދު 1:00 އަށް ތާވަލު ކޮށްފައިވާ ހަޒާނާތުގެ މައްސަލައެއް ބެއްލެވުމަށެވެ.

އެ މައްސަަލަ ބައްލަވާ ބެންޗުގައި ފަނޑިޔާރު އާއިޝާ ޝުޖޫންގެ އިތުރުން ދެން ހިމނެިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ އަރީފް، އާއި ފަނޑިޔާރު އަލްއުސްތާޒު ޢަބްދުލްޣަނީ މުހައްމަދެވެ.

ދެ އަންހެން ފަނޑިޔާރުންނާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ އާއި، ފަނޑިޔާރު އަލްއުސްތާޒު ޢަބްދުލްޣަނީ މުހައްމަދެވެ.

ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުން ހަތް ފަނޑިޔާރަށް ބަދަލުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރެއްވުމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން އެއް ފަނޑިޔާރަކުވަނީ މަދުވެފައެވެ. އެހެންކަމުން އެ މަގާމަށް ފަނޑިޔާރަކު އައްޔަން ކުރުމަށް ވަނީ އިއުލާން ކުރައްވައިފައެވެ.