ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނީ ކައުންސިލުތަކުގެ ވެސް އެއްބާރުލުން ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރަން ހިތުގެ އަޑިން ގަބޫލުކޮށްގެން އެ މަސައްކަތް ފަށާނަމަ އެންމެން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމުގައެވެ. އެ ގޮތުން ބިދޭސީންގެ ކަންކަމުގައި ކައުންސިލުތަކުގެ ޒިންމާ މިހާރަށްވުރެ ބޮޑުވާން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.
"އަތޮޅުތަކުގައި އުޅޭ ބިދޭސީންގެ ދަފުތަރު ބަލަހައްޓައި، ވިސާ ފީ ނެގުމަކީވެސް ކައުންސިލުތަކުގެ ޒިންމާ އަކަށް ހައްދަވާ!" މޫސަ ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކުން އިމިގުރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އަށް އެއްބާރުލުން ދިނުމަށް ވެސް މޫސަ ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅެމުންދާތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް، ދައުލަތުގެ އިދާރާތަކާއި ނޫސްވެރިންގެ ކަންބޮޑުވުމެއް އެކަމަށް ނެތް ކަމަށް މޫސަ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.