އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އެހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ބައެއް މެމްބަރުން ގުޅިވަޑައިގަތުމަށްޓަކައި ރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ޖޭޕީއަށް މެމްބަރުން އިތުރުކޮށް، އެޕާޓީއަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާޓީއަކަށް ވެގެންދާނީ ޖޭޕީކަން ފާހަގަކުރައްވައި، ގާސިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
"އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެ. އެކަން ކަށަވަރު." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރައްވާނީ ހުދު އެބޭފުޅާތޯ ނޫނީ އެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީން ކަމަށެވެ.
ގާސިމް ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފައެވެ. އެއީ 2008 އަދި 2013 ގައެވެ. އެ ދެ ފަހަރުވެސް ގާސިމަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، ޖޭޕީއަކީ ރާއްޖެއަށް ޕާޓީ ސިސްޓަމް ތައާރަފުވީ ފަހުން، ވެރިކަން ލިބުނު ކޮންމެ ސިޔާސީ ޕާޓީއަކަށް ވެރިކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޕާޓީއެކެވެ. އެގޮތުން 2008، 2013 އަދި މިދިޔަ އަހަރުގެ އިންތިހާބުވެސް ކާމިޔާބުކޮށްފައިވަނީ ޖޭޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ.