ާއަހުމަދު ރިލްވާން

ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމައިފި

ފަތޯނާ ފާއިޒު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ފާރަލައި، އޭނާގެ ވަގު ޕާސްޕޯޓެއް ހޯދަން އުޅުނު ކަމަށް ތުހުމަތުކުރާ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

ރިލްވާންގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ ފުލުހުންނަކީ މުހައްމަދު ޖިނާހާއި އިބްރާހީމް ރިއްފަތުއެވެ.

އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުންނެވެ. މިވަގުތު ސަސްޕެންޝަނުގައި ތިބި އެ ދެ ފުލުހުން ވަޒީފާއިން ވަކި ކުރެވޭނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ތާއީދު ކުރެއްވުމުންނެވެ. ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވައިދުގައި ބުނާ ގޮތުން މުވައްޒަފެއްގެ ކިބައިން ފެންނަ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލައަށް ކަނޑައަޅާ އަދަބަކީ އެ މީހެއްގެ ވަޒީފާއިން ވަކިކުރަން ނުވަތަ ރޭންކް ދަށްކުރުން ކަމަށްވާ ނަމަ އެކަން ތަންފީޒުކުރުމުގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސްއާ މަޝްވަރާކުރަން ޖެހޭނެއެވެ.

ފުލުހުން މިއަދު ބުނީ އެ ދެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ ގަވައިދު ބުނާގޮތުން، އިސްތިއުނާފުގެ މަރުހަލާއަށް ހަތް ދުވަސް ދިނުމަށްފަހުގައި ކަމަށެވެ.

ރިލްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޖޫންމަހުގައި ވަަނީ ސަސްޕެންޑް ކޮށްފައެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނުނިމެނީސް، އަނެއްކާވެސް އެ ދެ ފުލުހުން ވަނީ ވަޒީފާއަަށް ނެރެފައެވެ.

ރިލްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމި އިރު، އެ ދެ ފުލުހުން ހައްޔަރުކުރުމުގެ އަމުރަކަށް އެެދުމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ފުލުހުންގެ ކިބައިން މީގެ ކުރިން އެދިވަޑައިގެންފައެވެ.