ރީކޯ މޫސާ މަނިކް

ގަވައިދާ ހިލާފަށް ބިދޭސީން އުޅޭތީ މީގެ ކުރިން އިދާރާތަކާއި ނޫސްވެރިން ކަންބޮޑެއް ނުވި: ރީކޯ މޫސަ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅެމުންދާތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް، ދައުލަތުގެ އިދާރާތަކާއި ނޫސްވެރިންގެ ކަންބޮޑުވުމެއް އެކަމަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިވަނީ ގަވައިދާ ހިލާފަށް ބިދޭސީން އެތެރެ ކުރާ ދެ "މާސްޓަރުން"ގެ މައްސަލަތައް ނުބަލައި ހުސްވި ހަފްތާގައި އެ ދެ މީހުން ޑީޕޯޓް ކޮށްލުމުން، މޯލްޑިވްސް އިމިގްރޭޝަނަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިސާ ދިނުމާއި ވިސާ ބާތިލުކުރުމާއި ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމަކީ އިމިގްރޭޝަނަށް ކުރެވޭނެ ކަންކަން ކަމަށެވެ. އަދި މި ހުރިހާ ދުވަހު އެތައް ކުށެއްކޮށް، ގަވައިދާ ހިލާފުވިއިރު ދައުލަތުގެ އެހެން އިދާރާތަކާއި ނޫސްތަކަށް އެކަން ބޮޑުވެގެން އުޅޭހެން ހީނުވާ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި އިމިގްރޭޝަންގެ ގާނޫނަށް އަމަލުކުރަން ފެށުމުން މިއަދު ގޯސްވީ، އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ތޯ މޫސަ ވަނީ ސުވާލު އުފައްދަވައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މޯބައިލް ފޯން ގެންގުޅޭ މައްސަލާގައި ވެސް މޫސަ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މޫސަ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި ސައްހަ ޕާސްޕޯޓެއް ނުވަތަ ވިސާއެއް އަދި އައިޑީކާޑު ނެތި ބިދޭސީ އަކަށް ސިމް ކާޑެއް ނުވިއްކާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި އުޅޭ އެއްވެސް ބިދޭސީއެއްގެ އަތުގައި ދިރާގު އަދި އުރީދޫގެ ވައްތަރަކުން ދެ ސިމް ކާޑު ނެތް އެކަކު ވެސް ނޫޅޭކަން ފާހަގަކުރައްވާ މޫސަ ވަނީ، އެކަމުގައި ދިރާގާއި އުރީދޫން އިމިގްރޭޝަނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، މަނީލޯންޑާ ކުރުމާއި އެނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގުލަދޭޝް މީހަކާއި ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރުމާއި ހުއްދަނެތި ވިޔަފާރިކުރުމުގައި އުޅުނު ބަންގުލަދޭޝް މީހަކު އިއްޔެވަނީ ޑީޕޯޓްކޮށްލައިފައެވެ.

އެ ދެ މީހުން ޑީޕޯޓް ކޮށްލުމަށްފަހު ކޮންޓްރޯލާ އޮފް އިމިގްރޭޝަން ހަނަފީ ވިދާޅުވީ، ނުފޫޒުން އެއްކިބާވެ ހުންނަވައި އިމިގްރޭޝަން ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެންނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ.