ފިނޭންސް މިނިސްޓްރީން އައު ދެ ޕޯޓަލަކާއި މިހާރު ބޭނުންކުރަމުންދާ ބަނޑޭރި ޕޯޓަލްއަށް އިތުރު ދެ ހިދުމަތެއް އިތުރުކޮށް، "ބަނޑޭރި ވާޝަން 2" ތައާރަފްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ އިސްމާއިލް ފަތުހީ މާލަމުގައި މިއަދު ބޭއްވި ހަފްލާގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ އެ ހަފްލާގެ ޝަރަފްވެރި މެހެމާން، ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމު އަދާކުރެއްވި އަހްމަދު އައްސަދެވެ.
މިއަދު ފުރަތަމަ ތައާރަފްކުރި "ބީލަން ޕޯޓަލް" ހިދުމަތުގެ ސަބަބުން ބީލަންވެރިންނާއި ބީލަމާ ގުޅޭ މައުލޫމާތުތައް ބޭނުންވާ އެންމެހާ ފަރާތްތަކަށް ފަސޭކަމާއެކު އެ ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުން ބީލަމަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެހައި މަޝްރޫއުތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ.
ފިނޭންސްއިން ދެވަނައަށް ތައާރަފްކުރި "ނީލަން ޕޯޓަލް"އަކީ މުއައްސަސާތަކުގެ ހަރުމުދަލުގެ އިންވެންޓަރީ ބެލެހެއްޓުމަށް ފަސޭހަކަމެއް ގެނައުމަށް ތައާރަފްކުރެވުނު ޕޯޓަލްއެކެވެ.
ތިންވަނައަށް ތައާރަފްކުރި ބަނޑޭރި ޕޯޓަލްގެ "ޔޫޓިލިޓީ ޕޭމަންޓްސް"ގެ ހިދުމަތަކީ ސަރުކާރުގެ އެކި އިދާރާތަކުން ދައުލަތުގެ ކުންފުނިތަކަށް ދައްކަންޖެހޭ ޔޫޓިލިޓީ ބިލްތަކުގެ ފައިސާ ދެއްކުމުގައި އަމަލުކުރާ ގޮތް ހަރުދަނާކުރުމަށްޓަކައި ތައާރަފްކުރި ޕޯޓަލެކެވެ.
ބަނޑޭރި ޕޯޓަލްގެ ދެވަނަ ހިދުމަތް، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) މޮނީޓަރިން ނަމުގައި ތައާރަފްކުރެވުނު ހިދުމަތަކީ ދައުލަތުގެ ބަޖެޓާއެކު ފާސްކުރެވޭ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގައި ހިމެނިފައިވާ މަޝްރޫއުތައް އަހަރުގެ އެކި ކުއާޓަރުގައި ހިނގަމުންދާ ގޮތުގެ މައުލޫމާތުތައް ފަސޭހަކަމާއެކު ހޯދުމަށް ޕީ.އެސް.އައި.ޕީ މަޝްރޫއުތައް ހިންގާ އޮފީސްތަކަށް ހާއްސަކުރެވިގެން ތައްޔާރުކުރެވިފައިވާ ހިދުމަތެކެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ މިއަދު ތައާރަފްކުރެވުނު އެ ހިދުމަތްތަކުގެ ސަބަބުން ހާމަކަން ބޮޑު ގޮތެއްގައި ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މަސައްކަތް ކުރެވިގެން ދާނެ ކަމަށެވެ. އަދި ހިދުމަތް ހޯދަން ބޭނުންވާ ފަރާތަށާއި ހިދުމަތްދޭ ފަރާތަކަށް އެތައް ގުނައެއް ލުއިވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.