ސިޓީއަކަށް ޖަވާބު ނުލިބުމުން އެކަމާ ހިތްހަމަ ނުޖެހިގެން ރައީސް އޮފީސް ކުރިމަތީ އިށީންދެގެން އިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރައީސް އޮފީހުން ސިިޓީއެއްގެ ޖަވާބު ބަލައި ދިޔަ މީހެއް، ޖަވާބު ނުލިބިގެން އެކަމާ ހިންހަމަ ނުޖެހިގެން އަމީރު އަހުމަދު މަގު ގޭޓު ކުރިމަތީ އިށީންދެ އިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެކަމާ ގުޅޭ މައުލުމާތު ސާފުކުރުމަށް ކަމަށެވެ.
އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:32ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެތާ އެމީހާ އިށީންދެގެން އިންދާ ފުލުހުން އެއީ ގްރީންޒޯނެއް ކަމަށް ބުނުމުންވެސް އެމީހާ އެތަނުން ތެދުވެފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. ރައީސް އޮފީހުގެ ކުރިމަތީ އިށީންދެގެން އިންދާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.