އެމްޓީސީސީ އިން ފެރީތަކުގައި ''ހޮޑު'' ކޮތަޅުގެ ގޮތުގައި ބޭނުން ކުރަމުން އައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރަން ހުއްޓާލައި ކަރުދާސް ކޮތަޅު ބޭނުން ކުރަން ފަށައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތަކީ ޕްލާސްޓިކްގެ ސަބަބުން ކަނޑުތަކާއި ގޮނޑުދޮށްތައް ތަޣައްޔަރު ވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެކުންފުނިން ކުރާ މަސައްކަތެކެވެ.
ފެރީތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ހުއްޓާލުމަކީ އެމްޓީސީސީން ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތްތާގައިވެސް މިފަދަ ތިމާވެއްޓާއި ރަށްޓެހި ގޮތްތައް އެމްޓީސީސީން ހިޔާރު ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ތިމާވެއްޓާއި ރަށްޓެހި ގޮތް އިހުތިޔާރު ކުރުމުގެ ގޮތުން އެމްޓީސީސީން ވަނީ ކަރުދާހުގެ ބަދަލުގައި އީ ޓިކެޓު ބޭނުން ކުރުމުގެ ނިޒާމެއް ވެސް ގާއިމް ކުރުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން މިދިޔަ ޖުލައި މަހު ވިލިމާލެ ފެރީ ޓާމިނަލުގައި ވަކި ވަގުތުތަކެއްގައި އިލެކްޓްރޯނިކް ސިންގަލް ޖާނީ ޓިކެޓު ބޭނުން ކުރުމަށް އެ ކުންފުނިން ފަށާފައި ވެއެވެ.