ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީ ކުރުމަށް ކޮންސަލްޓެންސީ ދޭން، އެއް މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ގުޅިފަޅުގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީކުރުމަށްޓަކައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކުގެ ނީރާސް ކުންފުންޏާއި ހޮލެންޑުގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާއި ދިވެހި ތިން ކުންފުންޏާ ކަމަށެވެ.
އެ މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ދިވެހި ތިން ކުންފުނި ކަމަށްވާ، ވޯޓާ ސޮލިއުޝަންސް އާއި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެންޗާސްއެވެ.
މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ މި މަަސައްކަތް ހަވާލު ކޮށްފައިވަނީ ޖުމްލަ 1,050,362.00 ޑޮލަރަށެވެ.
ކޮންސަލްޓަންސީގެ މަސައްކަތުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ އެ މަޝްރޫއަށް ބޭނުންވާ ދިރާސާތައް ކުރުމާއި މަޝްރޫއުގެ ތަފްސީލީ ރިޕޯޓު އެކުލަވާލުމާއި އަދި ގުޅީފަޅުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ އިތުރުން އެ މަޝްރޫއަށް ބޭނުންވާ އިންޖިނިޔަރިން ކުރެހުންތައް އެކުލަވާލުން ފަދަ މަސައްކަތްތަކެވެ.
ސަރުކާރުގެ ވިސްނުމަކީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅާލުމެވެ. މާލެއިން ތިލަފުއްޓަށް އަޅާ ބުރިޖުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.