މިނިސްޓަރު އިމްރާން އަބްދުﷲ

ރާއްޖެ ދަތުރުކުރަމުން މިދަނީ ނުރައްކާތެރި މިސްރާބަކަށް: އިމްރާނު

ފާއިތުވި ދިހަ އަހަރު ދުވަހަށް ބަލާއިރު ރާއްޖެ ދަތުރުކުރަަމުންދަނީ ނުރައްކާތެރި މިސްރާބަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، އިސްކަންދަރު ސުކޫލުން 2018 ވަނަ އަހަރު އެންމެ ރަގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާނު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު އެކިއެކި މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

"އަދި ރާއްޖެ ދަތުރުކުރަމުން މިދަނީ، މިސާލަކަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިއަށް ބެލި ނަމަވެސް، އަދި ދަތުރު ކުރަމުން މިދަނީ ހަމަ ނުރައްކާތެރި މިސްރާބަކާ ދިމާލަށް. އަޅުގަނޑުމެން ކެނޑިނޭޅި ރެޔާ ދުވާލު މަސައްކަތް އެބަ ކުރަން މިކަންކަމުން ސަލާމަތްކުރެވެން ހުރި ހުރިހާ ގޮތަކަށް." މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ބަލަމުން އަންނަ ކަމަށާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާ ހަމައިން ފެށިގެން ގޮސް، ރިހެބިލިޓޭޓްކުރުމާ ހަމައަށް ބަލަމުން އަންނަ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން މަސްތުވާތަކެތީގެ މައްސަލަ ހައްލުވަމުން އަންނަތައް ނުފެންނަ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކާމިޔާބުވާން ފެށުމުން، ހެޔޮ މަގެއް ފެނިގެންދާނެ އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު އިމްރާނު ވިދާޅުވީ، ދިވެހިން އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުން އަންނަކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް އުފާކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

އަދި ދިވެހިންނަށް މިފަދަ ފުރުސަތުތައް އޮތްކަން ސާބިތުވާކަމަށާއި، ކާމިޔާބީ ހާސިލުކުރަން ބޭނުންވާނަމަ ދެ ދުނިޔެ ބާއްޖަވެރި ކުރެވޭނެ ފަދަ ގޮތަކަށް ތައުލީމީ ނިޒާމު ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކާމިޔާބަކީ ހަމައެކަނި މޮޅު އިލްމެއް ލިބިގެން ހާސިލުވާ ކަމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މީހާގެ އަހުލާގާއި އުޅުމަކީ ވެސް ކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރާ ކަމެއްކަމަށެވެ.