ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މަސްތުވާތަކެތީގެ ސަބަބުން ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވަމުން އެބަދޭ: ޝިދާތާ

މަސްތުވާތަކެތީގެ ސަބަބުން ވަގު ވިޔަފާރި އާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވަމުންދާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ''މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް 2019'' ފާހަގަކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީން ސޯޝަލް ސެންޓަރުގައި ބޭއްވި އޯޕަންޑޭ ހުޅުވުމުގެ ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވޭ ހަރަދު އިތުރުވާ ކަމަށެވެ.

މިނިސްޓަރު ޝިދާތާގެ ވާހަކައިގައި، މަސްތުވާތަކެތީގެ ސަބަބުން ނުކުންނަ އިގުތިސޯދީ މައްސަލަތަކުގެ ތެރޭގައި ދިވެހި އިގުތިސޯދުގެ ތެރޭގައި ދައުރުވާ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭން ބޭރަށް ދިޔުމާއި، ވަގު ވިޔަފާރި އާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމަށް ހުރަސް އެޅިގެން ދިއުން ހިމެނެއެވެ.

އަދި އަމަން އަމާންކަން ބެލެހެއްޓުމާއި، ތަހުގީގީ، ތަންފީޒީ، އަދި ޝަރުއީ ދާއިރާއަށް ކުރެވޭ ހަރަދު އިތުރުވެގެން ދިއުމުގެ ސަބަބުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ތަރައްގީގެ މަޝްރޫއަށް ކުރެވޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދާ ކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، އެއީ ގައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ޝިދާތާ ވިދާޅުވީ، ގައުމު ބިނާކުރުމުގައި މާދަމާ ހަރަކާތްތެރިވާން އޮތް ޖީލު، ފަނާކުރަނިވި މި ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ، އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި، ތަފާތު އެކި ބާވަތުގެ ޖިނާއީ ކުށްތަކަށް އަރައިގަތުމާއި އާއިލީ މައްސަލަތައް އިތުރުވުން ފާހަގަކުރެވިފައިވާ ކަމަށެވެ. މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ މީހުންގެ ސަބަބުން، އެ ކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކޮންމެ ފަރުދަކަށް ވެސް ފޯރާ ކަމަށް މިނިސްޓަރު ސިދާތާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ތެދުވެ، މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ދައުލަތާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ ޝާމިލުވުމާއެކު، މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންދާއިރުވެސް މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ވިއްކުމުގެ މުއާމަލާތްތައް އިތުރުވަމުންދާކަންވެސް ޝިދާތާ ފާހަގަކުރެއްވިއެވެ.

އަދި މިއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިކުރުމުގައި ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް، އެ ވިޔަފާރިކުރުމަށް އާ ގޮތްތައް ހޯދަމުންދާ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

އަދި މި މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައި ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ ކަން ފާހަގަކުރައްވައި، އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި މަސައްކަތް ވެސް ކާމިޔާބުކުރުމަށް ޓަކައި އާ ތަސައްވުރުތައް އެކުލަވައިލައި އާ ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން ތިމާއަށާއި މުޅި މުޖުތަމައުއަށް ކުރާ އަސަރު އެންމެހައި ފަރުދުންނަށް ވިސްނޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.