ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިލްޔާސްއާ ދިމާނުވާތާ ތިން އަހަރުވެއްޖެ، ޝަހުސިއްޔަތު ކަތިނުލުމަށް އެދެން: ޝަހީމް

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް، ޝެއިޚް އިލްޔާސް އިބްރާހީމާ ބައްދަލު ނުވާތާ މިހާރު ތިން އަހަރު ވެދާނެ ކަމަށާއި، މިއަދު އިލްޔާސް ވާހަކަ ދައްކަނީ ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށް ކަމަށް ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިލްޔާސް ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް މީގެ ކުރިން ކޯޓު އަމުރެއް ވެސް ނެރެފައިވާ އިރު، މިއަދު ވަނީ އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ. އެކަމާ ގުޅިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިލްޔާސް ވަނީ ޝަހީމްއާ ގުޅޭގޮތުން ބައެއް ވާހަތައް ދައްކަވައިފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށް ޝަހީމް މީގެކުރިން އިލްޔާސް ގާތުގައި ހުވާކުރައްވާ ވިދާޅުވި ކަމަށް އޭނާ ވިދާޅުވެފައިވާ އިރު، އިލްޔާސް ވިދާޅުވެފައިވަނީ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ޝަހީމް އެތައް ފަހަރު އޭނާ ގާތު ވިދާޅުވި ކަމަށާއި، ކަންތައް ހިނގާފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަން މިއަދު މަޖުބޫރުވީ ހާލަތު ދިމާވި ގޮތުން ކަމަށެވެ. އަދިވެސް ދައްކަވަން ގިނަ ވާހަކަތަކެއް ހުރި ކަމަށާއި، ކަންތައްތައް ދާ ގޮތުން އެ ވާހަކަތައް މިއަދު ހަވީރުން ފެށިގެން ހާމަކުރައްވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ދެއްކި ވާހަކަތަކާ ގުޅޭގޮތުން، މިއަދު ބޭއްވި ޕްރެސްގައި ޝަހީމް ވިދާޅުވީ އިލްޔާސްއާ ބައްދަލުނުވާތާ މިހާރު ތިން އަހަރު ވެފައިވާ ކަމަށާއި އެންމެފަހުން ބައްދަލުވީ އުމްރާއަށް ކުރެއްވި ދަތުރެއްގެ ތެރެއިން ފްލައިޓް ތެރެއިން ކަމަށެވެ. އަދި އިލްޔާސް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އޭނާއަށް ނަސޭހަތްވެރިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ޝެއިޚް އިލްޔާސް ހުސައިންއަށް ދަންނަވާނީ ސިޔާސީ މަގުސަދުތައް ހާސިލް ކުރެއްވުމަށް އެފަދަ ވާހަކަތައް ނުދެއްކުމަށް. އަޅުގަނޑު ވަރަށް ދެރަވޭ ޝެއިހް އިލްޔާސް ފަދަ ބޭފުޅަކު އެގޮތަށް ކަންތައްތައް ކުރައްވާތީވެ. އިލްމުވެރިން ވާން ޖެހޭނެ ދައުލަތުގެ ތެރޭގައި ހެދިފައިވާ ގާނޫނުތަކަށް ބޯލަނބާ މީހަކަށް. އަޅުގަނޑު އިލިޔާސަށް ވެސް ވަރަށް ބޮޑަށް ހެޔޮ އެދެން. އޭނާއަށް ނަސޭހަތްތެރިވަން ހަރުދަނާ ގޮތެއްގައި ވާހަކަ ދައްކަން. ބޭނުންވާ ގޮތަށް ސިޔާސީ ކަންކަން ނުވީމާ ޝަހުސިއްޔަތު ކަތިނުލުމަށް އިލްތިމާސް ކުރަން. އެއީ އިލްމުވެރިން ކަން ކުރަންވީ ގޮތެއް ނޫން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިވަގުތު ގައުމަށް ބޭނުންވަނީ ސުލްހަވެރި ސިޔާސީ ޖައްވެއްގައި ރާއްޖެ ތަރައްގީކުރާނެ ލީޑަރެއް ކަމަށާއި، އިންތިހާބުގައި އެނޫން ގޮތެއް ދިމާވެއްޖެ ނަމަ، ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ ކަމަށެވެ.

"ރާއްޖެއަށް މިވަގުތު ބޭނުންވަނީ ސުލްހަވެރި ސިޔާސީ ޖައްވެއްގައި ކުރިއެރުވުމަށް. އުމްރާނީ ކުރިއެރުންތަކަށް. މި އިންތިހާބުގައި އެހެން ގޮތަކަށް ކަންކަން ވެއްޖެ ނަމަ، ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓި، ސިޔާސީ ހަލަބޮލިކަން ބޮޑުވެ، ރާއްޖޭގެ މިނިވަން ކަމަށް ލޮޅުން އަރާފާނެ ކަމަށް ގަބޫލުކުރެވޭތީވެ، މިއެދެނީ ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް،" ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރެއްވުމަށްޓަކައި ނިންމީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމަށާއި، ރައީސް ޔާމީނަށް ތާއީދުކުރާ ހުރިހާ އިލްމުވެރިންގެ ވިސްނުމަކީވެސް އެއީ ކަމަށެވެ.