ހުތުބާ

"މާތް ﷲއާއި ރަސޫލުންނަށް މަލާމާތް ކުރާ މީހުން ގިޔާމަތް ދުވަހުން އަލުން ދުނިޔެއަށް ފޮނުވައިދޭން އެދޭނެ"

ފަތޯނާ ފާއިޒު

މާތްﷲގެ ފޮތްތަކަށާއި ރަސޫލު ބޭކަލުން ގެނެސްދެއްވި ގޮތްތަކަށް ގޮންޖަހައި މަލާމަތް ކުރި މީހުން، އަލުން ދުނިޔެއަށް ފޮނުވައިދިނުމަށް ގިޔާމަތް ދުވަހު އެދޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވަނީ ގިޔާމަތް ދުވަހަކީ ބިރުވެރިކަން ބޮޑުވެގެންވާ ދުވަހެއް ކަމަށާއި އެދުވަހުގެ ބިރުވެރިކަން ކީރިތި ގުރުއާނުގައި ވެސް ބަޔާން ކުރައްވާފައިވާ ކަމަށެވެ.

ގިޔާމަތް ދުވަހުން ކޮންމެ މީހަކުވެސް ﷲގެ ދަރުބާރަށް ހާޒިރު ވާނީ އެމީހަކު ކުރި އަމަލަކާ އެކީގައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ދުނިޔޭގެ ހަޔާތުގެ އަރާމާއި ލައްޒަތަށް ހެއްލި، އާހިރަތުގެ ހަޔާތާ މެދު ގާފިލުވެފައިވާ މީހާގެ ގާތަށް މަރު އައުމުން، ތިމާގެ ބޮޑާކަމާއި ކިބުރުވެރިކަމާ އަނިޔާވެރިކަމުގެ ނިމުން އައިކަން ކަށަވަރުވާނެ ކަމަށާއި އަދި ތިމާގެ ނުކުޅެދުންތެރިކަމާއި ނިކަމެތިކަން ޔަގީންވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"ނަމަވެސް އެ ފުރުސަތެއް އޭނާއަކަށް ނުލިބޭނެއެވެ. އެއީ ﷲގެ ފޮތްތަކާއި ރަސޫލު ބޭކަލުން ގެނެސްދެއްވި ގޮތްތަކަށް ފުރަގަސްދީ މަލާމާތް ކޮށްފައިވާތީއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ގިޔާމަތް ދުވަހާ މެދު ގާފިލުވާ މީހުންނަކީ އަމިއްލަ ނަފްސު ހަނދާން ނައްތާލައި ބައެއް ފަދަ ކަމަށާއި އެފަދަ މީހުންނަށް އޮތީ ނަރަކައިގެ އަޒާބު ކަމަށެވެ. އަދި މަހުޝަރު ކުރެވުމަށް ފަހު، ދެން އެފަދަ މީހުންނަށް އެހީވާނެ މީހަކުވެސް ނުހުންނާނެ ކަމަށާއި ސަލާމަތް ހޯދަން ދާނެ ތަނެއްވެސް ނޯންނާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މިއަދު އިންސާނުން ޓެކްނޮލޮޖީގެ އަލީގައި ހޯދާފައިވާ މާއްދީ ކުރިއެރުންތަކުގެ ސަބަބުން، އިންސާނުންގެ ރޫހާނިއްޔަތު ފުނޑުފުނޑުވެފައިވާކަން ފާހަގަކޮށް، ހުތުބާގައި ބުނެފައިވަނީ މިއަދު އިންސާނުން މަސައްކަތް ކުރަނީ ދުނިޔެ މަތީގައި ސުވަރުގެ ބިނާ ކުރުމަށް ކަމަށެވެ.