މާލޭ ހުކުރު މިސްކިތުގެ މެދު މިސްކިތުގައި ކުރަންޖެހޭ ކުއްލި މަސައްކަތްތަކެއް ކުރުމަށް ވަގުތީގޮތުން މިސްކިތް ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނިންމައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީއިން ބުނީ ހުކުރު ނަމާދު ވަގުތާ މިހާ ގާތް ވެފައިވަނިކޮށް މިސްކިތް ބަންދުކުރަން ނިންމީ މިކަމަކީ މިސްކިތް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވީ، ހުކުރު މިސްކިތް މަރާމާތު ކުރަން ބަންދު ކުރަން ޖެހުނީ ކުއްލިއަކަށް ދިމާވި ކަމެއްގެ ސަބަބުން، އެތަނުގައި ނަމާދު ކުރާ މީހުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. އަދި އެތަނުގައި މިނިސްޓްރީގެ އޮފިޝަލުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެބޭފުޅުން އެތަނުގެ އެސެސްމެންޓެއް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.
''އުއްމީދަކީ މަރާމާތަށް ފަހު، ވީހާވެސް އަވަހަކަށް މިސްކިތް އަލުން ހުޅުވިގެން ދިއުން." ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދު ކޮށްފައިވަނިކޮށް، މިއަދު އެ މިސްކިތުގައި ވަނީ ހުކުރު ނަމާދު ކޮށްފައެވެ. ހެރިޓޭޖް މިނިސްޓްރީން ބުނީ މިސްކިތް ވަގުތީ ގޮތުން ބަންދު ކުރިއިރު ނަމާދަށް މީހުން އައިސް ތިބި ކަމަށާއި އެހެންކަމުން މިއަދު ހުކުރު ކުރުމުގެ ފުރުސަތު ދޭން ނިންމީ އިސްލާމިކް މިނިސްޓްރީގެ އިރުޝާދާ އެކީގައި ކަމަށެވެ.
އަދި މަރާމާތު ކުރަން ޖެހޭ ހިސާބާ ކައިރި ނުވެވޭ ގޮތަށް ބަންދު ކުރުމަށްފަހު، ހުކުރު ކުރުމުގެ ފުރުސަތު ދީފައިވާ އިރު، ހުކުރަށް ފަހު ރަސްމީކޮށް މިސްކިތް ބަންދު ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"ވަން"ގެ ނޫސްވެރިޔަކު މިސްކިތަށް ގޮސް، އެތަނުގެ ހާލަތު ބެލިިި އިރު، އެ މިސްކިތުގެ އެއް ބެރި ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެވުނެވެ.