ބޮލީވުޑް

ލަތާގެ ލަވަކިޔުމެއް ރާނޫ ކޮޕީއެއް ނުކުރޭ: ހިމޭޝް

ރެއިލްވޭ ސްޓޭޝަންގައި ލަވަކިޔަމުން ދަނިކޮށް މަގުބޫލުކަން ހޯދާފައިވާ ރާނޫ މޮންޑަލް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދައިފައެވެ.

އޭނާ ކީ ލަވަ ލަތާ މަންގޭޝްކަރުގެ "އެކް ޕިޔާރު ކަ ނަގްމާހޭ" ގެ ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެގެން ގޮސްފައެވެ. ހަމަ އެއާއެކު އޭނާއަށް ވަނީ ގިނަ ފުރުސަތުތަކެއްވެސް ލިބިގެން ގޮސްފައެވެ.

އެގޮތުން ހިމޭޝް ރޭޝްމިއްޔާ ވަނީ އޭނާގެ ފިލްމަށް ރާނޫގެ އަޑުން ދެ ލަވަ ރިކޯޑް ކޮށްފައެވެ.

ރާނޫ މަގުބޫލުކަން ހޯދީ ލަތާ މަންގޭޝްކަރުގެ ލަވައަކުން ކަމުން ލަތާ ވަނީ ލަަވަކިޔުންތެރިން ލެޖެންޑުންގެ ލަވަތައް ކޮޕީކުރާކަމަށްވާ ނަމަ ލިބޭނީ މަދު ދުވަސްކޮޅެއްގެ ކާމިޔާބީއެއް ކަމަށް ބުނެފައެވެ. އެކަމާ ގުޅުވައިގެން ހިމޭޝް ވަނީ ރާނޫ ދިފާއުކޮށްފައެވެ.

ހިމޭޝް ބުނިގޮތުގައި ލަތާ ދެއްކި ވާހަކަ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އެދޭ ކަމަށެވެ. އެއީ މީހަކު ކޮޕީ ކުރުމާއި އިންސްޕަޔާ ވުން ވަރަށް ބޮޑަށް ތަފާތު ކަމަށް ހިމޭޝް ބުނިއެވެ. މިސާލު ޖަހަމުން ހިމޭޝް އިތުރަށް ބުނި ގޮތުގައި މިއަދު އަރްޖިތް ސިންގް އަކީ ބޮޑު ލަވަކިޔުންތެރިއެއް އެހެނަސް މާދަމާ އެހެން މީހާކު ސީދާ އޭނާ ލަވަ ކިޔާގޮތަށް ކިޔަން ފަށައިފި ކަމަށް ވާނަމަ އެވާނީ ކޮޕީކުރުން ކަމަށެވެ. ނަމަވެސް އިންސްޕިރޭޝަނަކީ މުހިންމު ކަމެއްގެ ގޮތުގައި ހިމޭޝް ފާހަގަކުރިއެވެ.

އަދި އޭނާ ލަވަކިޔަން ފެށިއިރު ހައި ޕިޗްގައި ލަވަކީމަ މީހުން މަލާމާތްކޮށް ނޭފަތުން ލަވަކިޔާކަމަށް އޭރު ބުނި ނަމަވެސް އޭރުވެސް ބައިނަލްއަގުވާމީ ގޮތުން ނޭފަތުން ލަވަކިޔުމަކީ އޮންނަކަމެއް ކަމަށާއި މިހާރު އެގޮތަށް ލަވަކިޔުންވެސް މަގުބޫލު ވެފައިވާ ކަމަށް ހިމޭޝް ބުންޏެވެ. ރާނޫ އަކީ ހުނަރުވެރި ލަވަކިޔުންތެރިއެއްކަން ވެސް ހިމޭޝް ފާހަގަކުރިއެވެ.

ހިމޭޝް މިގޮތަށް ވާހަކަދައްކާފައިވަނީ އޭނާގެ ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" ގެ ލަވައެއް ކަމަށްވާ "ތޭރީ މޭރީ ކަހާނީ" ލޯންޗުކުރި ރަސްމިއްޔާތުގައެވެ. އެ ލަވައިގެން އަންހެން ލަވަކިޔުންތެރިޔަކީ ރާނޫއެވެ.