އިބްރާހިމް ޒަކީ
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ބިލުގެ ފުރަތަމަ ކިއުން އިއްވުމަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ބިލެއްގެ ފުރަތަމަ ކިއުން އިއްވުމަށްފަހު އެ ބިލާބެހޭގޮތުން ދެން މަޖިލީހުގެ ޖަލްސާއެއް އެއްމެ އަވަހަށްވެސް ބޭއްވޭނީ ތިން ދުވަސް ފަހުކަމަށެވެ. އެވެސް މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. އަދި ޕާޓީ ތަކުގެ ލީޑަރުންނާ މަޝްވަރާނުކޮށް ޖަލްސާއެއް ބޭއްވޭނީ ހަތްދުވަހަށް ފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.
އެހެންކަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަން ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ދުވަސް ކަނޑައެޅޭނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށާއި، އެ ލީޑަރުން އެއްބަސްވާނަމަ މިމަހު 16 ވަނަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެއްބަސްވުންނެތި މަޖިލީހުގް ޖަލްސާއެއް ބާއްވާނަމަ މިއަދުން ފެށީގެން ހަތްދުވަސް ދެއްވުމަށްވަހު ޖަލްސާ ބާއްވަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގައި، މަޖިލީހުގައި ބިލެއްގެ ފުރަތަމަ ކިއުން ކިއުމަށްފަހުގައި ހަގީގަތުގައި ސާފު ހަތްދުވަސް އެބަދޭންޖެހޭ އިބުތިދާއީ ބަހުސް ފެށުމުގެކުރީގައި، ހަތްދުވަސް ތިން ދުވަހަށް ބަދަލު ކުރެވެނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެއްބަސްވުމާއެކުގައި އެހެންވީމާ ދެން ޖަލްސާއެއް ބޭއްވޭނެދުވަސް ހަގީގަތުގައި ކަނޑައެޅޭނީ ސިޔާސީ ޕަޓީތަކުގެ ލީޑަރުންގެ އެއްބަސްވުމާކުގައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވަވާނީ މަޖިލިސް ގަވާއިދުން ކަމަށެވެ.