އިބްރާހިމް ޒަކީ
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ދައުރުން ބޭރުން މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭ ސަބަބާމެދު ބަހުސް ކުރަން ހުޅުވާލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ ރިޔާސަތަށް ފާޑު ވިދާޅުވާން ފަށައިފިއެވެ.
ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާއެެއް ބޭއްވުމަށް މަޖިލީހުގެ ގަވާއިދުގައި ބުނަނީ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ޖަލްސާއެއް ބާއްވަން ހުށަހެޅުމުން މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ.
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ، ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅުއްވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ނަމަވެސް އެ ބިލްގެ ފުރަތަމަ ކިޔުން ކުރިއަށް ގެންދިއުމުގެ ކުރިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޖަލްސާ ބާއްވަން ޖެހޭ ސަބަބު ރައްޔިތުންނަށް އެނގެން ޖެހޭކަމަށް ވިދާޅުވެ ޖަލްސާ ބާއްވާ ސަބަބާ ބެހޭގޮތުން އެއްގަޑިއިރުގެ ބަހުސަކަށް ހުޅުވާލައްވައިފައެވެ.
އެ ބަހުސްގެ ތެރެއިން ފުރުސަތު ހޯއްދަވައި މިއަދުގެ ޖަލްސާ ބޭއްވުމުގައި އެންމެ އިސްކޮށް ހުންނެވި، އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، 29 މެންބަަރުން ސޮއިކުރައްވައި މަޖިލީހުގެ ޖަލްސާ ބާއްވައިދިނުމަށް އެދިފައިވާނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ވަރަށް ސާފުކޮށް ސަބަބު ބަޔާންކޮށް ކަމަށެވެ. އަދި އެ ސަބަބުތައް ވަރަށް ސާފުކޮށް ސިޓީތަކުން މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި، އޭގެ އިތުރުން ތަކުރާރުކޮށް މަޖިލީހުގެ ރައީސަށް އެ ސަބަބުތައް ދަންނަވަން ނުޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގައި ބަހުސް ކުރިއަށް ގެންދަން ޖެހޭނީ ހުށަހެޅިފައިވާ މައްސަލައަށް ކަމަށާއި މަޖިލީހުގެ ގަވާއިދުން ބޭރުން ރިޔާސަތަށް އަމަލު ނުކުރެވޭނެ ކަަމަށާއި އެގޮތަށް އަމަލު ކޮށްގެންވެސް ނުވާނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
ނަމަވެސް މަޖިލީސް ރައީސް ވިދާޅުވީ މެންބަރުން އެދިވަޑައިގެންފައިވަނީ ޖަލްސާ ބޭއްވުމަށް ކަމަށާއި އެހެންކަމުން ޖަލްސާ ބާއްވަނީ މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރުގެދަށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރު މެންބަރުން ދެއްކެވި ވާހަކައިގަވެސް އެކަން ފާހަގަކުރެއްވިއެވެ.
އަލީ އާޒިމްވަނީ ދެވަނަ ފަހަރަށް ނިޒާމީ މައްސަލަ ނަންގަވައިގެންވެސް އެކަން މަޖިލީހުގެ ސަމާލުކަމަަށް ގެންނަވައިފައެވެ.
ނިޒާމީ މައްސަލަ ނަންގަވައި އަލީ އާޒިމް ވަނީ އެބަހުސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއަކުންތޯ އާއި ރައީސަށް އެބާރު ލލިބިވަޑައިގަންނަވަނީ ކޮން މާއްދާއަކުންތޯ މަޖިލީހުގެ ރައީސާ ސުވާލު ކުރައްވައިފައެވެ. އަލީ އާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލަ، ނިޒާމީ މައްސަލައަކަށްވާނީ އަލީ އާޒިމް ފާހަގަ ކުރެއްވި ކަންކަން ހިމެނެނީ މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާތަކެއްކަން ވިދާޅުވުމުން ކަމަށެވެ