އަރައިގެން އައި އިރާއެކު އަޒްކާއަށް ލިބުނު ހަބަރަކުން ގޭތެރޭގައި ދުވަން ފެށިއެވެ. އޭނާ ހެމުން އެ ކުޑަ އެޕާޓްމަންޓުގައި ދުވެދުވެ ހުރިއިރު ފަސް އަހަރު ހަ އަހަރުގެ ކުޑަކުއްޖެއް ފަދައެވެ. ދުވަހަކުވެސް އެ ހިނިތުންވުން އޭނާގެ ތުންފަތްމަތިން ފެނިދާނެބާއޭ މަންޒަރު ބަލަން ހުރި ޙައްވަގެ ހިތަށް އަރަމުން ދިޔައެވެ.
ޙައްވަގެ ތުންފަތްމަތިން ފެންނަން ހުރީ ޚައިރާންކަމެވެ. އޭނާ ހުރީ ދަރިފުޅަށް އެވަރުގެ އުފާވެރިކަމެއް ލިބުނީ ކިހިނެއްކަން އިނގެން ބޭނުންވެފައެވެ. ދަންވަރު ޑިޔުޓީގައި ހުރެފައި ކޮޓަރިއަށް ނިދަން ވަތް ޙަމީދުވެސް ބޭރަށް ނިކުތްއިރު ފެނުނު މަންޒަރުން ހުރީ ބަސްހުއްޓިފައެވެ. ޖަޒުބާތީވެވުނު ވަރުން ދެލޮލުން ކަރުނަ ނީރާލިއިރުވެސް އޭނާއަށް ނޭނގުނެވެ. އޭނާގެ ދެލޮލުގެ ދެނޫރު އޭނާގެ ލޯބިވާ ދަރިފުޅު މިިނިވަން ކޮކާލެއްހެން ގޭތެރޭގައި އުޅުނުއިރު އޭނާގެ ޚިޔާލަށް މީގެ އެތަކެއް އަހަރެއްކުރިން އެދަރިފުޅާ ލޯބިވާ އަނބިމީހާއާއި އެކު ހޭދަކުރެވުނު ދުވަސްތައް އަންނަން ފެށިއެވެ.
ދުރުގައި ބަލަން ހުރި ޙައްވަ އެއްޗެއް އަހާލަން އުޅުނު ވަގުތު ސިހުނީ ނުވިސްނާ ހުއްޓާ އަޒްކާ އައިސް އޭނާގެ ހަށިގަނޑު ދެއަތް މައްޗަށް އުފުލާލުމުންނެވެ.
"ޔާރައްބީ.. މާމަ ބަހައްޓާ... އެވެއްޓެނީ...." ޙައްވަ ބިރުން ރޮއެގަތުމާއެކު އަޒްކާ ޙައްވަ ތިރީގައި ބެހެއްޓިއެވެ.
"ދަރިފުޅާ... ކޮން އުފާވެރި ހަބަރެއް ލިބުނީ" ސައި މޭޒު ކައިރީގައި އިށިން ޙަމީދު އަހައިލިއެވެ.
"އޯ މާމާ ބައްޕާ...! އަޅުގަނޑަށް ވަޒީފާ ހަމަޖެހިއްޖެ. މިރޭ ޖެހޭނެ ނަތާއާއި އެކީގައި ކުޑަ ޝޮޕިންއެއް ކުރަން. އާ ހެދުންކޮޅެއް ބޭނުންވާނެއްނު" ޙައްވައާއި ޙަމީދާއި ދެމެދުގައި ހުރި އަޒްކާ އޭނާއަށް ލިބުނު އުފާވެރި ހަބަރު ލޯބިވާ މާމައާއި ބައްޕަ ކައިރީގައި ޙިއްސާކުރިއެވެ.
"އަލްހަމްދުﷲ. ޔަޤީނެއްނު ވާނެ އާ ހެދުންތައް ހޯދަން. ބައްޕަ ރުފިޔާ ދޭނަން ދަރިފުޅަށް" އަޒްކާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޙަމީދު ބުނެލިއެވެ.
"ކޮންތަނަކުން ހަމަޖެހުނީ...؟" ޙައްވަ އަހައިލިއެވެ.
"އަޅުގަނޑު ސީވީ ފޮނުވާލި ތަންތަނުގެ ތެރެއިން އެންމެ ބޭނުންވި ތަނުން... މާމަ ގެސްކުރޭ..." ދެ އުކުޅުގައި އަތް އަޅުވާލަމުން އަޒްކާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި އެކުލެވިގެންވި ޖޯޝުންނާއި މޫނުމަތީގައިވި އުޖާލާ ކަމަކުން އޭނާއަށް ލިބިފައިވާ އުފާވެރިކަން ހާމަވާން ހުއްޓެވެ.
"އިންޓަރވިއު އަށް ދިޔަ ތަނުން ދޯ.... މިނިސްޓްރީން ތަ...؟" ޙައްވަ އަހައިލިއެވެ. ވަގުތުން އަޒްކާ ބޯޖަހައިލިއެވެ.
"ދަރިފުޅާ... ތި ހަމަޖެހުނީ ދާއިމީ ވަޒީފާއެއް. ހީވާގިކަމާއެކު މަސައްކަތްކުރެވޭތޯ ބަލާތި. ވަޒީފާ އަދާކޮށްގެން ލިބޭ ލާރިއަކީ ހަލާލު ގޮތުގައި ހޯދާ ލާރި ކަމުގައި ހަދާތި. ވަޒީފާއަށް ޒައްރެއްގެ މިންވަރަށްވެސް މަކަރެއް ނަހަދާތި" އަޒްކާގެ ބުރަކަށީގައި ފިރުމަމުން ޙައްވަ ނަޞޭޙަތްތެރިވަމުން ދިޔައެވެ.
އުފާވެރި ހަބަރު ނަތާޝާއަށް ދިނުމަށްފަހު ދެ އެކުވެރިން އެކީގައި ފިހާރަތަކަށް ދިޔައެވެ. އޮފީސް މާހައުލާއި ގުޅޭ ހެދުމާއި ފައިވާން ގަތެވެ. މާލޭ މަގުމަތީގައި އުޅެން ކުރިން އަޒްކާ ޖެހިލުންވިއެވެ. ނޭނގިހުއްޓާ ނާހިދް ކުރިމައްޗަށް އަރަން ޖެހިދާނެތީ އޭނާ ކަންބޮޑުވިއެވެ. ނަމަވެސް މިހާރު އޭނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުން އެހުރިހާ ކަންބޮޑުވުމެއް ފިލުވާލައިފިއެވެ.
"ގެއަށް ދަމާ...." ނަތާޝާ ބުނެލިއެވެ.
"އުނހު... ނަތާ ބުނީމެއްނު މީހަކާއި ބައްދަލުކުރުވާނަމޭ.." އަޒްކާ ހަނދާންކޮށްދިނެވެ.
"އާނ އެއީ އަމީދައްތަ. އެކަމަކު ފަހުން ހިތަށް އަރައިފި އަމީދައްތަގެ ފަރާތުން މަންމަމެންގެ މީހަކަށް އެނގުނިއްޔާ އަނެއްކާ ބޮޑު ކަންތައްގަނޑެއް ހިނގާފާނޭ. އެކަމަކު ވަރަށް އަވަހަށް މީޓްކޮށްދޭނަން" ނަތާޝާ ވާހަކަދެއްކިއެވެ.
"ތެދެއް ބުނަންތަ؟ އަހަރެން އަމީދައްތަ މަތިން ވަރަށް ހަނދާންވޭ. އަހަރެން ހިތަށް އަރާ އަމީދައްތައަށް އަހަރެން އެހާ ކަމުދަނީ ކީއްވެބާއޭ؟ އަހަރެން ބޭނުން މީޓްކޮށްލަން" އަޒްކާ ވާހަކަދެއްކިއެވެ.
"މިއުޅެނީ އަޒްކީ ކައިރިއަށް ދާއިމީކޮށް އަމީދައްތަ ގެންނާކަށްނު" ނަތާޝާ ބުނެލިއެވެ.
"ތިބުނީ...؟" ނަތާޝާގެ މޫނަށް ބަލައިލަމުން އަޒްކާ އަހައިލިއެވެ.
"މިބުނީ ވަރަށް އަވަހަށް އަޒްކީގެ ތި އެދުން ފުއްދާދެވޭތޯ މަސައްކަތްކުރާނަމޭ..." އަޒްކާގެ އަތުގައި ހިފާލަމުން ނަތާޝާ ބުނެލިއެވެ.
ފިހާރައިގައި އިނދެފައި މޯހަންދާސް ބޭރަށް ނިކުތީ މެންދުރު ނަމާދަށް ކައިރީގައި ހުރި މިސްކިތަށް ދިޔުމަށެވެ. ނަމަވެސް އޭނާ މަޑުޖެހުނީ އިތުރު ދެ އަންހެންކުދިންނާއެކު އޭނާގެ ކުރިމައްޗަށް އެރި އަޒްކާ ފެނިފައެވެ. މޯހަންދާސް ބަލަން ހުރި ގޮތުން ފަސްދީ ހިނގައިގަންނަން އަޒްކާއަށް ނުކެރުނެވެ.
"ވަރަށް އަވަހަށް އަންނައްޗެ އިނގޭ.. ވީ ހޭވް ތާރޓީ މިނެޓްސް" އެތަނުން އަންހެންކުއްޖެއް އަޒްކާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އަޒްކާ ހީލާފައި ބޯޖަހައިލުމުން އެދެކުދިން ކުރިއަށް ހިނގައިގަތެވެ.
"ދަރިފުޅާ....!!" މޯހަންދާސް ގޮވައިލިއެވެ. ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔަ ވަގުތު އަޒްކާ އިސްޖަހައިލިއެވެ.
"ބޭބޭ ރަނގަޅުތަ...؟ ކޮބާ މަންމަ...؟ ރަނގަޅުތަ...؟" އަޒްކާ އަހައިލިއެވެ.
"ހުރިހާ އެންމެންވެސް ރަނގަޅު. ދަރިފުޅު ކޮންތާކު ތިއުޅެނީ. ބައްޕަމެންނަކީ ހަމަ އެހާ ދުރު ބަޔަކީތަ...؟" މޯހަންދާސް އަޒްކާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
"ނޫން ނޫން ބައްޕާ. އަޅުގަނޑަށް ދިމާވި ކަންތައް ނާއްސަވާ. މިހާރު އަޅުގަނޑު މިހުންނަނީ ވަރަށް އުފަލުން. އެއްވެސް މީހަކަށް ދެން އަޅުގަނޑު ދެރަކޮށްލާކަށް ނުކެރޭނެ" އަޒްކާ ވާހަކަދެއްކިއެވެ.
"ކޮންތާކު ހުންނަނީ...؟" މޯހަންދާސް އަހައިލިއެވެ.
"އެއްކޮޓަރީގެ އެޕާޓްމަންޓެއްގަ. އެއްވެސް އަގަކާއިނުލާ އެކުވެރިއެއް ކޮށްދިން ކަމެއް" އަޒްކާ ބުނެލިއެވެ.
"ދަރިފުޅު އެގެއަށް ނުދާނަންތަ...؟ ހިނގާ ދާން. އޭރުން މަންމަ ވަރަށް އުފާވާނެ" މޯހަންދާސް ބުނެލިއެވެ. އަޒްކާ ކަންބޮޑުވިއެވެ. އެއީ އޭނާ ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ.
"ބައްޕާ.. ނެތޭ ހުރެވޭކަށް. ބްރޭކް ނިމެންވާއިރަށް އޮފީހަށް ވަންނަންޖެހޭނެ. އަދި އިރާދަކުރެއްވިއްޔާ ދިމާވާނެ" މޯހަންދާސް ކުރި ސުވާލުގެ ބަދަލުގައި ދޭނެ ޖަވާބެއް އޭނާގެ ދުލަށް ނައުމުން އަވަހަށް ދާން ބޭނުންވިއެވެ. ނަމަވެސް މޯހަންދާސް އެތަނުން އަޒްކާ ފޮނުވާލީ ގުޅޭނެ ފޯން ނަންބަރ ނަގާފައެވެ.
ހަވީރުގެ ވަގުތެވެ. ނާހިދް ޑިއުޓީއަށް ދިޔުމުން ނައިޝީ ފޫހިވާން ފެށިއެވެ. އޭނާ ކޮޓަރީގައި ވާހަކަފޮތެއް ހިފައިގެން އޮތުމަށްފަހު ތިރިއަށް ފޭބީ ބަނޑުހައިވާން ފެށުމުންނެވެ. ބަދިގެއަށް ވަދެ ކޮފީ ތައްޓެއް ހަދާލައިގެން މޭޒު ކައިރިއަށް އައިސް އިށިނީ ތައްޓަކަށް ދެތިން ޕެކެޓް ނިއުޓްރޯ ބިސްކޯދު ލައިގެންނެވެ. މޭޒު މަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށީ އޭނާ ހިމޭންކަމާއެކު ސައިިބޯން އިންދައެވެ. ފުރަތަމަ ކޯލް މިސްވެފައި ދެވަނަ ފަހަރަށްވެސް ރިންގުވާން ފެށީ ނައިޝީ ބަލަހައްޓައިގެން އިންދައެވެ.
"ކިހިނެއްވީ...؟" ފޯނު ކަންފަތުގައި ޖެހުމަށްފަހު ރުންކުރު ގޮތަކަށް ނައިޝީ އަހައިލިއެވެ. މާހިލް އެދުނީ އޭނާއާއި އެންމެފަހަރަކު ބައްދަލުކޮށްލުމަށެވެ. ނައިޝީ ފާޅުގައި ދެކޮޅު ހެދިއެވެ. އެންމެފަހުން ނައިޝީ އެއްބަސްވީ މާހިލްގެ ވިސްނުން ބަދަލުވެ ކޮށްފާނެ ކަމަކަށް ބިރުގަތްވަރުންނެވެ. އެހެނީ މާހިލް ނަގާ އެންމެ ފިޔަވަޅެއްގެ ސަބަބުން އޭނާގެ މުޅި ހަޔާތް ބަރުބާދުވާނެއެވެ.
ސިޑިން އަރައިގެން ދިޔަ ގޮތަށް އޭނާ ވަނީ ކޮޓަރިއަށެވެ. ތައްޔާރުވެގެން ނިކުމެ ނާހިދަށް ގުޅާފައި ބޭރަށް ދާ ވާހަކަ ބުނެލިއެވެ. ގެއިން ނިކުމެގެން އޭނާ ހިނގައިގަތެވެ. މިއަދު އޭނާގެ ހިތުގައި ބިރުވެރިކަމެއް ނެތެވެ. މާހިލް ބައްދަލުކުރަން ބުނީ ބަންދުވެފައިވާ ތަނަކުން ނޫނެވެ. އޭނާ ހިނގާފައި ގޮސް ވަނީ ރެސްޓޯރެންޓެއްގެ ތެރެއަށެވެ.
އެތެރެއަށް ވަން ނައިޝީ ފެނުމާއެކު މޭޒެއް ކައިރީގައި އެކަނި އިން މާހިލް ހަނާ އަޅައިލިއެވެ. ނައިޝީ ގޮސް އިށިން އިރު މާހިލް އަކީ އޭނާއަށް ނުދަންނަ މީހެއް ފަދައެވެ.
"ބުނޭ...؟ ނައިޝީ ބުނެލިއެވެ.
"އަހަރެން އިޝީ ބޭނުން. އާދޭ އަހަރެން ކައިރިއަށް" މާހިލް ބުނެލިއެވެ.
"އަހަރެން މާހިލް ބޭނުމެއްނޫން" ނައިޝީ ބުނެލިއެވެ.
"އައި ޕްރޮމިސް ޔޫ. އަހަރެންގެ މުޅި ދިރިއުޅުން އިޝީ ބޭނުންވާ ގޮތަށް ބަދަލުކުރާނަން" މާހިލް ބުނެލިއެވެ.
"ނިމުނީތަ...؟"ނައިޝީ ބުނެލިއެވެ. މާހިލް އެއްޗެއް ނުބުނެ ނައިޝީގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
"އިޝީ...!" އެންމެފަހުން މާހިލް ނައިޝީއަށް ގޮވައިލީ އޭނާ ތެދުވަން އުޅުމުންނެވެ.
"އަދިވެސް ވީޑިޔޯތައް އެބަހުރި" މާހިލް ބުނެލިއެވެ.
"ތިއީ އިންޒާރެއްތަ...؟" ނައިޝީ މާހިލްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
"ނޫން. މަޖްބޫރު. ތިލޯބި އަހަރެންނަށް ލިބުން އޮތީ ބާރުގެ ބޭނުންކޮށްގެން ވިއްޔާ އަހަރެން އެގޮތަކަށް އަމަލުކުރާނީ..." މާހިލް ވާހަކަދެއްކިއެވެ.
"ވާއު.... ގްރޭޓް.... ތިއީ ތަ ތިބުނާ ލޯތްބަކީ. ތިއީ މާހިލް ލޯބިވާ ގޮތަކީ... މާހިލް ބޭނުންވަނީ ކޮންގޮތެއް؟ އަހަރެން މަރާލަންވީނުން" ނައިޝީގެ ހިތުގައި މާހިލްއާއި މެދު އުފެދިފައިވި ރުޅިވެރިކަން އިސާހިތަކު ކަރުނައިގެ ފެން ކޯރަކަށް ބަދަލުވިއެވެ.
"ހަޔާތުގަ ފުރަތަމަ ފަހަރަށް އަހަރެންނަށް އަންހެންކުއްޖަކާ މެދު މިފަދަ އިހުސާސެއް މިކުރެވެނީ. އެވެސް އިޝީއަށް. ކީއްވެ އަހަރެން ކައިރިއަށް ނާންނަން ތިއުޅެނީ" މާހިލް ބުނެލިއެވެ.
"ވައި ޑޯންޓް ޔޫ އަންޑަރސްޓޭންޑް. އަހަރެން މިއީ މީހެއްގެ އަންބެއް. އަންހެނަކަށް ދެ ފިރިހެނުން ހުއްދައެއްނޫން" ނައިޝީގެ އަޑު މަޑު ކަމުގައި ވިޔަސް ރާގުގައި ހަރުކަށިކަމެއް ވިިއެވެ.
"ނާހިދް ޑަޒަންޓް ލަވް ޔޫ. ދެން....؟ ލޯބިވާނަމަ ދުލުން ބަޔާން ކުރާނެ. ލޯބި ތިވަނީ އިޝީ. އަބަދު ތިގޮތަށް ނާހިދްގެ ފަހަތުން ކަނބަން ހުންނަންތަ ބޭނުންވަނީ" މާހިލް ބުނެލިއެވެ.
ވަގުތުން ނައިޝީގެ ދުލުގައި ތަޅެއް ލެވުނެވެ. މާހިލްއަށް އޭނާގެ ބަލިފައި އިނގުނީ ކިހިނެއް ހެއްޔެވެ؟ ނާހިދް އޭނާދެކެ ލޯބިނުވާކަން އޭނާއަށް އިނގެއެވެ. އެހެނަސް އެހެން މީހަކު އެކަން އޭނާއަށް ހަނދާންކޮށްދީގެން އޭނާގެ ނަފްސު ބަލިކަށި ކޮށްލާކަށް ނުޖެހެއެވެ.
"ވަޓް އެވަރ... އަހަރެން މާހިލް ކައިރިއަކަށް އެނބުރިއެއް ނާންނާނަން. އެ ވީޑިޔޯތައް ލީކް ކޮށްލަން ބޭނުމިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއްނެތް. އަޕް ޓު ޔޫ..." ދަތްކުނޑި ވިކައިލަމުން ނައިޝީ ވާހަކަދެއްކިއެވެ. މާހިލްއަށް ދެލޯ އަޅާލުމަށްފަހު އޭނާ ރެސްޓޯރެންޓުން ނިކުތެވެ.
ހަވީރު ސައި އޮތީ ގޯތި ތެރޭގައި ކަމަށްވާތީ ހުރިހާ މީހުން އެތަނަށް ޖަމާވަމުން ދިޔައެވެ. އިނާޝާއާއި މޯހަންދާސްއަށް އާދެވުނީ ނައިޝީއާއި ނާހިދަށް ވުރެ ލަހުންނެވެ. ސައި ފެށުމުގެ ކުރިން މޯހަންދާސް ބުނި އެއްޗަކުން ހުރިހާ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.
"ކާކު ނަންބަރެއް ތީ" އިނާޝާ އެހެން އަހާލީ މޯހަންދާސް ފޯނުގައި ނަންބަރެއް ޖަހާލުމުންނެވެ.
"މިކުއްޖާގެ އަޑު ޖެހުނިއްޔާ އަހަރެންނަށް ޔަޤީން އިނާ އާސްމާނުގައި އުދުހެން ފަށާނެކަން" މޯހަންދާސް ބުނެލިއެވެ. އިނާޝާ ކާކުހޭ އަހާލާ ކަހަލަ ގޮތަކަށް ދެލޮލުން އިޝާރާތެއް ކޮށްލިއެވެ.
"ނުއެއް ނަގާ. ވެރީ ސޭޑް. ވިލް ޓްރައި ނެކްސްޓް ޓައިމް" މޯހަންދާސް ބުނެލިއެވެ.
ހުރިހާ މީހުން ސަޔަށް އިންސާފުކުރަން ފެށުމާއެކު ތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ދޭތެރެއަކުން މީހަކު ބަހެއް ބުނި ކަމުގައި ވިޔަސް ގިނަ ފަހަރަށް ދިޔައީ އެކަކުވެސް ބަހެއް ނުކިޔައެވެ.
ފޯނު ރިންގުވާން ފެށުމުން ނާހިދް ކައިރީގައި ބުނެލާފައި ނައިޝީ އެއްފަރާތަކަށް ޖެހިލިއެވެ. ފެންތަށިން ކޯވަރެއް ބޯލުމަށްފަހު ފޯނަށް ބަލަހައްޓައިގެން މޭޒު ކައިރީގައި ނާހިދް މަޑުކޮށްލައިގެން އިނެވެ. އިނާޝާއާއި މޯހަންދާސް ދައްކަމުންދާ ވާހަކައަށް ސަމާލުކަމެއް ނުދިނެއް ކަމަކު އޭނާއަށް އެވާހަތައް އިވެމުން ދިޔައެވެ.
"ކާކުތަ އެއީ...؟" އިނާޝާ އަހައިލިއެވެ.
"ހިތަށް މިއަރަނީ އެއީ ކާކުކަން އިނާ ކައިރީގައި ނުބުނެ ފޯނުން އަޑު އިއްވާލާނަމޭ" މޯހަންދާސް ދެވަނަ ފަހަރަށް ފޯނު ނަގާ އެ ނަންބަރަށް ގުޅަން ފެށިއެވެ.
"އައްސަލާމަ އަލައިކުމް" ފޯނު ސްޕީކަރއަށް ލަފައި ހުރުމުން އަޒްކާގެ އަޑު ކުރިމަތީގައި އިން ނާހިދްގެ ކަންފަތުގެ އެތެރެއަށް އަރާމު ވައިރޯޅިއެއްގެ ފިނި އިހުސާސްވާ ބީދައިން ވަދެގެން ދިޔައެވެ. އެއީ ދުވަހަކުވެސް އޭނާއަށް އޮޅޭނެ އަޑެއް ނޫނެވެ. އެ އަޑު އޭނާއަށް އެ އިވުނީ ހާދަ ދުވަހެއް ކޮށްފައެވެ. އޭނާގެ ދެ ކަންފަތް ކޮޅަށް ޖެހިގެން ގޮސް އަދި އެއްފަހަރު އެ އަޑު އަހާލުމަށް ހިތް އެދި ރޯން ފެށިއެވެ. ނަމަވެސް ކުރިމަތީގައި ތިބީ މައިންބަފައިން ކަން އިނގި އޭނާ ފޯނުން ނަޒަރު ވަކިކޮށްނުލައެވެ. ނޭނގޭކަމަށް ހަދައިގެން އިންއިރު އޭނާގެ މޭތެރޭގައިވާ ހިތް ތެޅިފޮޅެމުން ދިޔައެވެ.
"ދަރިފުޅާ....! މަންމަގެ ދޫންޏާ....!!" މޯހަންދާސް އަތުން އިނާޝާ ފޯނު އަތުލާފައި ބުނެލިއެވެ. އޭނާއަށް އެއީ އަޒްކާ ކަން އިނުގުނު ހިނދު ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ.
"މަންމާ....!!" އަޒްކާ ގޮވައިލިއެވެ. އިނާޝާއަށް 'ދައްތަ' ގެ ނަމުން މުހާތަބް ކުރަން ބޭނުންވިޔަސް އިނާޝާ އަމިއްލައަށް 'މަންމަ' އޭ ބުނުމުން އަޒްކާއަށް ނުކެރުނެވެ. ދެން ވޭތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އިވެމުންދަނީ ދެފަރާތުންވެސް ނޭފަތް ދަމާ އަޑެވެ. ނާހިދް އިސް އުފުލާ އޭނާގެ މަންމައަށް ބަލައިލީ އެމަންމަ ރޯ އަޑު އިވި އޭނާގެ ހިތަށް އުނދަގުވާން ފެށުމުންނެވެ.
"މަންމާ...!! އަޅުގަނޑަށް މަޢާފްކުރޭ...!" އަޒްކާ ބުނެލި އަޑު ނާހިދަށް އިވުނެވެ. އިސާހިތަކު އޭނާގެ ދެލޮލަށްވެސް ކަރުނަ ޖަމާވިއެވެ. އިނާޝާއަށް ވާހަކަނުދެއްކޭނެކަން އިނގުމުން މޯހަންދާސް ފޯނު އަތުލިއެވެ.
"ދަރިފުޅާ...! މައިންބަފައިންގެ ގޮތުގައި ދެކުނު މި މަންމައާއި ބައްޕައާ ބައްދަލުކޮށްލަބަލަ" މޯހަންދާސް ބުނެލިއެވެ. އޭނާގެ އަޑު ވެސް ވަނީ ކުރެހިފައެވެ.
"އެންމެރަނގަޅު. އެކަމަކު ތިގެއަށް ވަންނާކަށް އަޅުގަނޑަކަށް ނުކެރޭނެ. ބޭބެމެން އަންނަންވީނުން މާފަންނު ފައިވް ފްލާވާރސްއަށް" އަޒްކާ ބުނެލި އަޑު އިވުނެވެ.
"މާދަމާ އަންނާނަން ދޯ. ރަސްމީ ގަޑީގަ އަޅުގަނޑާއި ދިމާނުވާނެ. މާދަމާ ހުކުރެއްނު. ޕްލީޒް އަންނައްޗެ" އަޒްކާ އެދުނެވެ. މޯހަންދާސް އާއެނކޭ ބުނެ ބޯޖަހާލިއެވެ. ފޯނު ނިއްވާލާފައި އޭނާ ރޮވިފައި އިން އިނާޝާ ގެނެސް މޭގައި ޖައްސާލިއެވެ. އެދެމަފިރިންނަށް ފުރަގަސްދީ ދިޔަ ނާހިދަށް ބަލަހައްޓައިގެން އިނާޝާ އިން އިރު އެދަރިފުޅަށް ގޮތްތަކެއް ވިކަން އޭނާއަށް އިނގުނެވެ.
ކޮޓަރިއަށް ވަތް ގޮތަށް މަޑުވެސް ކޮށްނުލާ ނާހިދް ވަނީ ފާހާނާއަށެވެ. މޫނު ދޮންނަ ތަށި ކުރިމަތީގައި ހުއްޓުމަށްފަހު އަމިއްލަ ސޫރައަށް އޭނާ ބަލައިލިއެވެ. ދެލޮލަށް ކަރުނަތައް ޖަމާވީ އޭނާ ބަލަހައްޓައިގެން ހުއްޓައެވެ. ރޮވެން އުޅޭހެން ހީވުމުން އޭނާ ދެތުންފަތް ޖައްސާ ބާރުކޮށްލިއެވެ. އަދިވެސް އޭނާގެ ކަންފަތުގައި ހަރުލާފައިވަނީ ދެންމެއަކު އިވުނު އަޒްކާގެ އަޑެވެ. އެއްވެސް ތަފާތުކަމެއް ނުވާ އެ ޅަ އަޑެވެ. ދެކިލާހިތުން އޭނާގެ ހިތް ތެޅިފޮޅެން ފެށިއެވެ. އެ އިހުސާސްތައް ހިފަހައްޓަން އޭނާ ބޭނުންވިއެވެ. ނަމަވެސް އެކަމެއް އޭނާއަށް ނުވިއެވެ. ހިތުގައި އުފެދިފައިވާ އޮއިވަރުގެ ބާނިތައް ބޮޑުވެ އެންމެފަހުން ކޮންޓްރޯލުން ނެއްޓުނެވެ. އޭނާއަށް ރޮވިއްޖެއެވެ. މިއަދު އޭނާއަށް އެއްކަމެއް ޔަޤީންވެއްޖެއެވެ. އޭނާގެ ހިތުގައި ތާޒާކަމާއެކު އަދިވެސް އަޒްކާގެ ހަނދާންތައް ވާކަމެވެ. އޭނާގެ ހިތުން ޒައްރެއްގެ މިންވަރަށްވެސް ނައިޝީއަށް ޖާގަ ދެވިފައި ނުވާކަމެވެ. އަދިވެސް އޭނާގެ ނުކިޔަމަންތެރި ހިތް އެދި ގޮވަނީ އަޒްކާއަށް ކަމެވެ.
އިނާޝާއާއި މޯހަންދާސް އަންނާނެ ވާހަކަ އަޒްކާ ގޭތެރޭގައި ދެއްކީ އެރޭ ރޭގަނޑު ކެއުން ކުރިއަށް ދިޔަ ވަގުތުގައެވެ. އެއީ ކޮންބައެއްކަން ކޮންމެސް ވަރަކަށް ޙައްވައަށް އިނގިފައި ވިޔަސް އަޒްކާ އިތުރަށް އޮޅުންފިލުވައިދިނީ އެއްވެސް ވަރަކަށް ޙަމީދަށް ނޭނގޭތީއެވެ. އަޒްކާ ހީކުރި ގޮތަށް ޙައްވައާއި ހަމީދުވެސް އެދެމަފިރިންނާއި ބައްދަލުކުރަން ބޭނުންވިއެވެ. އަޒްކާއަށްޓަކައި ކޮށްދިން ހެޔޮ ކަންތަކަށް ޝުކުރުއަދާކުރަން ބޭނުންވިއެވެ.
"އެހެންވީމަ ދަރިފުޅު ވާނެއްނު މާދަމާ ވަރަށް ރަނގަޅު ކެއުމެއް ތައްޔާރުކުރަން. މާދަމާ ކޮން ވަގުތެއްގަ އަންނަނީ" ޙައްވަ އަހައިލިއެވެ.
"ހަވީރު އަންނަނީ. އެހެންވީމަ ހަވީރު ސައި ތައްޔާރުކުރަން ޖެހޭނީ" އަޒްކާ ބުނެލިއެވެ.
ލޯގަނޑު ކުރިމަތީގައި އިސްތަށިގަނޑު އޮމާން ކުރަން ހުރި ނައިޝީ އެނދުގައި ހިމޭނުން އޮތް ނާހިދަށް ބަލައިލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ މިރެއަކީ އޭނާއަށް ވަރަށް ހާއްސަ ރެއަކަށް ވީމައެވެ. މާހިލް އޭނާއާއި އެކު އެފަދަ ގުޅުމެއް ނުހިންގާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭނާއަށް މާހިލްގެ އެއްވެސް އުނދަގުލެއް ނުވެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އިނާޝާ އެދުނު ފަދައިން އޭނާގެ އާއިލާ ފުރިހަމަ ކުރާށެވެ. އޭނާ އެނދުގައި އޮތް ނާހިދަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
"ބަލަ.... ކިހިނެއްވެފަ... ކޯޗެއް ވިސްނަނީ" ނިތްކުރިމަތީގައި ބާއްވާލާފައި އޮތް ނާހިދްގެ އަތް ދުރުކޮށްލަމުން ނައިޝީ ބުނެލިއެވެ. ނާހިދް ނައިޝީއަށް ބަލައިނުލިއެވެ. އޭނާ ނައިޝީއަށް ފުރަގަސްދީފައި އަނެއް ފަރާތަށް އެނބުރުނެވެ. ނާހިދްގެ އެ އަމަލުން ނައިޝީ ހިތުގައި ޝަކުވާ ނު އުފެދުނެވެ.
"މާބޮޑަށް ވަރުބަލިވަނީތަ...؟؟" ފުރަގަހުން ނާހިދްގެ ހަށިގަނޑުގައި ބައްދާލަމުން ނައިޝީ އަހައިލިއެވެ.
"ނޫން..." ނާހިދް ބުނެލިއެވެ.
"ލެޓްސް ޕްލޭ އަ ގޭމް...." ނާހިދްގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ނައިޝީ ބުނެލިއެވެ.
"ކޮން ގޭމެއް" ނާހިދް އަހައިލިއެވެ.
"ހޭންޑް ބޯލް..." ނާހިދްގެ ކަންފަތް ދަށަށް ގުދުވެލުމަށްފަހު ނައިޝީ ވައި އަޑުން ބުނެލިއެވެ.
"ސޮރީ އިޝީ... މިވަގުތު މޫޑެއް ނެތް. ވަރަށް ބޮލުގަ އެބަ ރިއްސާ.. މިރޭ ހިނގާ ނިދަން" ނާހިދް ބުނެލިއެވެ. އެދެމީހުންގެ ގުޅުން ރަނގަޅުވި ފަހުން ނައިޝީގެ އެދުމަކަށް ނާހިދް ފުރަގަސް ދިން މިއީ ފުރަތަމަ ފަހަރެވެ.
"އޯކޭ... ޓޭކް ރެސްޓް. ގުޑްނައިޓް ލަވް..." ނާހިދްގެ ބުރަކަށީގައި ތުންފަތް ޖައްސާލަމުން ނައިޝީ ބުނެލިއެވެ. ނާހިދް އެއްވެސް އެއްޗެއް ނުބުނެެއެވެ. އޭނާ އޮތީ ދެރަވެ ހިތުގައި ޖެހިފައެވެ. އަޒްކާގެ އަޑު އިވުނު ފަހުން އޭނާގެ ސިކުނޑި ތެރޭގައި އެހެން އެއްވެސް ކަމެއް ނުވެއެވެ. ހިތުން ފިލުވާލަން އޭނާ އެތައް މަސައްކަތެއް ކޮށްފިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ވަނީ ނާކާމިޔާބެވެ. އެގޮތަށް ނައިޝީއަށް ފުރަގަސްދެވުނީތީވެސް އޭނާ ދެރަވެއްޖެއެވެ. އޭނާ ބޭނުންވެގެން ބުނި ކޮންމެ ގަޑިއެއްގައި ނައިޝީވެސް ވަނީ ދީފައެވެ. ނަމަވެސް މިފަހަރު އޭނާއަށް ނުދެވުނެވެ. އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަ ތިކި އަވަސް އަވަހަށް ފޮހެލުމަށްފަހު ދެލޯ މަރާލީ ވިސްނުންތަކާއި ފިކުރުތައް އެނާގެ ސިކުނޑިން ނެރެލުމަށެވެ.
އިނާޝާއާއި މޯހަންދާސް ކާރުގައި ދުއްވާލުމާއެކު ބަގީޗާ ތެރޭގައި ފޯނެއްގައި ހުރި ނާހިދް އަވަސް އަވަހަށް ގަރާޖުގައި ހުރި ސައިކަލް ނެރުނެވެ. އޭނާ މަޑުމަޑުން ކާރު ފަހަތުން ސައިކަލް ދުއްވައިލިއެވެ. އޭނާގެ ބޭނުމަކަށްވީ އެންމެ ފަހަރަކުވެސް އަޒްކާގެ ސޫރަ ދެކިލުމަށެވެ. އެ ސޫރަ ދެކިލާހިތުން އޭނާގެ އަރުން އެތެރެއަށް ރަނގަޅަށް ފެންފޮދެއްވެސް ނުދެއެވެ. އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. އެ ސޫރަ ހަމަ ލޮލަށް ފެންނަ ހިނދު އޭނާގެ އަމިއްލަ ނަފްސަށް މި ވީހާ ދުވަހު ކުރަމުން އައި އިތުބާރު ގެއްލިގެން ދިޔަސް އޭނާގެ ފަރުވާލެއް ނެތެވެ.
ފައިވް ފްލާވަރސް ކައިރިއަށް ކާރު މަޑުކޮށްލުމާއެކު މޯހަންދާސްއާއި އިނާޝާ ފައިބާ އަޒްކާގެ ނަންބަރަށް ގުޅައިލިއެވެ. މާގިނަ އިރެއް ނުވަނީސް ގޭޓު ހުޅުވާލި އަންހެންކުއްޖާ އެދިޔަ ގޮތަށް ގޮސް ފާރު ކައިރީގައި ހުރި އިނާޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އިނާޝާ ދިޔައީ ސިހިގެންނެވެ. އަޒްކާ ގަޔާ ދުރުކޮށްލުމަށްފަހު އިނާޝާ އެ މޫނަށް ބަލައިލިއެވެ. ހިނިތުންވެފައިވާ އަޒްކާގެ މޫނު ފެނުމާއެކު އިނާޝާގެ ދެލޯ ކަރުނުން ފުރިގެންދިޔައެވެ. އޭނާ ހެއްދެވި ފަރާތަށް ޝުކުރުކޮށް އަޒްކާގެ ކޮލުގައި ބޮސްދިނެވެ. ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟
"އަވަހަށް ހިނގާ އެތެރެއަށް. ވަރަށް މުހިންމު ބަޔަކާއި ބައްދަލުކޮށްދޭނަން..." އިނާޝާގެ އަތުގައި ހިފައިގެން ވަންނަމުން އަޒްކާ ބުނެލިއެވެ. މޯހަންދާސްއާއި އިނާޝާ އެކަކު އަނެކަކާއި އުފާވެރިކަމުގެ ނަޒަރެއް ބަދަލުކޮށްލަމުން އަޒްކާގެ ފަހަތުން ހިނގައިގަތެވެ.
ސައިކަލުގައި ނާހިދަށް މަޑުކޮށްލެވުނީ ގޭޓު ލެއްޕިގެން ދިޔަ ވަގުތުގައެވެ. އެތެރެއަށް ވަންނަން ދިޔަ އިނާޝާ އޭނާއަށް ފެނުނު އިރު އިނާޝާގެ ކުރިމަތީގައި ހުރި އަޒްކާ ލައިގެން ހުރި ކަކުލާއި ހަމައަށް އަންނަ އޮރެންޖް ކުލައިގެ އަތްދިގު ހެދުމުން ތަންކޮޅެއް ފެނުނުހެން ހީވިއެވެ. އޭނާ އަމިއްލަ ނަފްސު ދެކެ ރުޅިއައެވެ. ހިތްހަމަނުޖެހިފައި ސައިކަލުގެ މުށްގަނޑުގައި އަތުން ޖަހައިލިއެވެ. އެހިނދު ކަނާއަތް ތިލައިގެ ހުދު ހަމުގައި މަށައިގެން ގޮސް ލޭ ފޭދިފައި ހުރި ޒަހަމުން ދިލަ ނަގައިގަނެގެން ދިޔައެވެ. މޯހަންދާސްއާއި އިނާޝާ އައި ކާރާއި އެއް ހަމައެއްގައި އޭނާއަށް ނާދެވުނީ އަވަހަށް އަންނަން ވެގެން ވަންވޭ ފަޅާފައި ދަނިކޮށް އޭނާގެ ސައިކަލު އެހެން ސައިކަލަކާއި މުޑި އެރި ވަގުތު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުންނެވެ. އެ އެކްސިޑެންޓްގައި ދެ ސައިކަލުގައި ދުއްވަން އިން ދެ މީހުންނަށް މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވިކަން އެއި ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ.
މޯހަންދާސްގެ ދެމަފިރިންނާއި ސިޓިންގްރޫމު ސޯފާގައި އިން ޙަމީދު ސަލާންކުރިއެވެ. ބަދިގެއިން ނިކުތް ޙައްވަ ވެސް އެމީހުންނާއި ސަލާންކޮށް ހާލު އަހުވާލު އޮޅުންފިލުވިއެވެ.
"އާދޭ އިށީންނަން" އަޒްކާ އިނާޝާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ.
"މަންމާ...!! މިއީ އަޅުގަނޑުގެ މާމަ... ދެން މީނީ އަޅުގަނޑުގެ ބައްޕަ..." އަޒްކާ ވާހަކަދެއްކިއެވެ. ޙަމީދާއި ޙައްވަގެ ތުންފަތްމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. އެހެންނަމަވެސް އިނާޝާއާއި މޯހަންދާސް ޚައިރާންކަމާއެކު އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.
"އާނ މަންމާ... އަޅުގަނޑަށް އަޅުގަނޑުގެ އާއިލާ ލިބިއްޖެ. މިހާރު އަޅުގަނޑަކީ އެކަނިވެރި ކުއްޖެއްނޫން. ސަރުކާރުގެ ރަނގަޅު ވަޒީފާއެއްވެސް ލިބިއްޖެ. އަޅުގަނޑަށް މަދުވާ އެއްވެސް އެއްޗެއް ނެތް" އެންމެފަހު ޖުމްލަ ބުނިއިރު އޭނާގެ ހިތުގައި ރިހުމެއް ވިއެވެ.
"ވަރަށް އުފާވެއްޖެ. ހީވެސްނުކުރާ ކަހަލަ ގޮތަކަށް ކަންތައްވެފަ މިވަނީ. އެކަމަކު ދުވަހަކުވެސް މި މަންމައާއި ބައްޕަ މަތިން ހަނދާން ނައްތާނުލާތި" އަޒްކާގެ ބޮލުގައި ފިރުމާލަމުން މޯހަންދާސް ބުނެލިއެވެ.
ފެންކަޅިވެފައިވި ދެލޮލަކުން އަޒްކާގެ މޫނަށް އިނާާޝާ ބަލަހައްޓައިގެން އިންއިރު އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުން ދިޔައެވެ.
ހުރިހާ މީހުން އެކުގައި ސަޔަށް އިންސާފު ކުރަމުން ދިޔައިރުވެސް އިނާޝާ އިނީ ހިމޭނުންނެވެ. އިރުކޮޅަކާ އަޒްކާ އިނާޝާގެ މޫނަށް ބަލައިލައެވެ. އިނާޝާގެ ހިމޭންކަން އަޒްކާއަށް އެއްޗެއް ވިސްނާދިނެވެ. އެހެންކަމުން އޭނާ ބަލައިލީ އަނެއް ފަރާތުން އޭނާ ކައިރީގައި އިން މޯހަންދާސްއަށެވެ.
"އެއްޗެއް ބުނަން ބޭނުންވެގެންތަ އެވަރަށް ތި ބަލަނީ..." ހީލަމުން މޯހަންދާސް ބުނެލިއެވެ.
"ހެހެހެ.... ކިހިނެއް އިނގުނީ...؟" ހީލަމުން އަޒްކާ ބުނެލިއެވެ.
"އެއީ އަބަދުވެސް ދަރިފުޅު އެއްޗެއް ބުނަން ބޭނުންވެގެން ދުވަހަކުވެސް ކުރިން ބުނެފައިނުވާތީ. އަބަދުވެސް ތިކަހަލަ ވިއަރޑް ލުކް ދޭނީ" މޯހަންދާސް ބުނެލިއެވެ.
އަޅުގަނޑު ބޭނުމީ މަންމަ ކުޑައިރުކޮޅަކު މިގޭގައި އަޅުގަނޑު ކައިރީގައި މަޑުކޮށްލަން. ވަރަށް ބައިވަރު ވާހަކަ އެބަހުރި އެ މަންމައާއި ހިއްސާކުރަން. މަންމައާއި އެކު ކުޑަވަގުތުކޮޅެއް އެކަނިވެލަން ބޭނުމީ" ކައިރީގައި އިން އިނާޝާގެ އަތްތިލައިގައި ހިފާލަމުން އަޒްކާ ބުނެލިއެވެ.
"އެހެންވީމަ އިނާ މަޑުކޮށްލާ. ފިހާރައަށް ވަދެލާފައި މަޣްރިބް ކޮށްލައިގެން އަންނާނަން ބަލާ. އެންމެ ރަނގަޅުތަ...؟" އިނާޝާއަށް ބަލައިލަމުން މޯހަންދާސް ބުނެލިއެވެ. ވަގުތުން ބޯޖަހާލަމުން އިނާޝާ ހީލިއެވެ. އޭނާގެ އެ އަވަސް ހަރަކާތުން އަޒްކާއާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައި އިންވަރު ހާމަވެއެވެ.
އެކަމުގައި ޙައްވަގެ ހުއްދައަކަށް އެދޭ ފަދައިން އަޒްކާ ޙައްވަގެ މޫނަށް ބަލައިލިއެވެ. ޙައްވަ ބޯޖަހައިލީ ހިނިތުންވަމުންނެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން މޯހަންދާސް ބޭރަށް ނިކުތީ ޙަމީދުގެ ކޮނޑަށް އަތް ލައިގެން ވާހަކައެއް ދައްކަމުންނެވެ.
"ދަރިފުޅާ ބަލައިގެން އުޅެއްޗެ. މާމަ މިދަނީ މިސްކިތަށް. އަންނާނީ އިޝާ ނަމާދުވެސް ކޮށްގެން. ލަސްނުކޮށް ދަރިފުޅުވެސް ނަމާދަށް އަރާތި" ޙައްވަ އިނާޝާ ގޮވައިގެން ކޮޓަރިއަށް ވަންނަން ދިޔަ އަޒްކާއަށް ބުނެލިއެވެ.
މަރުވެފައިވާ މައްޔިތެއް ފަދައިން ގޭޓުން ވަދެގެން އައި ނާހިދަށް ބަލަން ބެލްކަނީގައި ނައިޝީ ހުއްޓެވެ. އޭނާ އަވަސް އަވަހަށް ތިރިއަށް ފައިބަން ފެށިއެވެ. އޭނާ ނާހިދަށް އިންތިޒާރުކުރާތާ ކިހާ އިރެއް ވެއްޖެ ހެއްޔެވެ؟ މީގެކުރިން ތަނަކަށް ދަންޏާ އަބަދުވެސް ނާހިދް އޭނާ ކައިރިގައި ބުނެއެވެ. މިއަދު ވީނުވީއެއް ނޭނގި މަދު ވަގުތުކޮޅަކަށް ނާހިދް ގެއްލުމުން އޭނާ ހިތުގައި ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.
އެތެރެއިން ލައިގެން ހުރި ގަޔަށް ބާރު ހުދުކުލައިގެ ޓީޝާޓް މަތިން ލައިގެން ހުރި މަޑު ފެހިކުލައިގެ ޖެކެޓް ކޮނޑުމައްޗަށް އެއްލައިގެން ވަދެގެން ދިޔަ ނާހިދަށް ދޮރުމަތީގައި އައިސް ހުއްޓުނު ނައިޝީ ނުފެންނަ ކަހަލައެވެ. ނަމަވެސް ނާހިދްގެ ނިތްމަތިން ފާޅުވާން ހުރި ޒަޙަމް ފެނި ކޮންމެސް ކަމެއް ގޯސްވެއްޖެކަން ނައިޝީއަށް އިނގުނެވެ. އެހެންކަމުން ސިޑިން އަރަމުން ދިޔަ ނާހިދްގެ ފަހަތުން މަޑު ހިނގުމެއްގައި އަރަމުން ދިޔައެވެ. އޭނާއަށް އެއްކަމެއް ފާހަގަވިއެވެ. ނާހިދްގެ މޫނުމަތި ވަނީ މިލާފައެވެ. ނާހިދަށް ބަދަލުތަކެއް އައިސްފައިވާކަމެވެ.
ކޮޓަރިއަށް ވަތްގޮތަށް އަތުގައި އޮތް ކޯޓު އެނދުމައްޗަށް ދޫކޮށްލުމަށްފަހު ނާހިދް ފާހާނާއަށް ވަތް މަންޒަރު ބަލަން ކޮޓަރި ދޮރުމަތީގައި ނައިޝީ ހުއްޓެވެ. އޭނާ ހުރީ ވިސްނުމަކަށް ގެއްލިފައެވެ.
ނާހިދަށް ވެގެން އެ އުޅެނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ބޭޒާރުވީ ހެއްޔެވެ؟ ނޫނީ ބަލިވީ ހެއްޔެވެ؟ ނުވަތަ ވަޒީފާގެ މާހައުލުގައި ހިތްހަނުޖެހޭ ކަމެއް ދިމާވީ ހެއްޔެވެ؟ ކޮންމެ ކަމެއް ވިޔަސް އެހީއެއްވެވޭނީ ހިއްސާ ކުރީމައެއް ނޫން ހެއްޔެވެ؟ ވާނުވާ ނޭނގޭ އެތައް ސުވާލުތަކަކުން ނައިޝީ މާޔޫސް ކުރުވަމުން ދިޔައެވެ.
ހުއްޓުމެއްނެތި މާގަނޑުން ފައިބަމުން ދިޔަ ފެންތަކުގެ ތެރޭގައި ނާހިދް ހުރީ އެއް އަތް ފާރުގައި ވިއްދާލައިގެން އިސްޖަހާލައިގެންނެވެ. އޭނާގެ އެތެރެހަށީގައި ގަދަފަދަ ތޫފާނެއް އުފެދިފައިވާ ކަހަލައެވެ. ހިތުގައި އިންތިހާއަށް ރިއްސަމުން ދިޔައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނާއި ކެކުޅުމުގެ ސަބަބުން އޭނާގެ ދެލޮލުން ފެން ފައިބަމުން ދިޔައެވެ. އެވަރުންވެސް އޭނާގެ ހިތުގައި އުފެދިފައިވާ ކެކުޅުމަށް ބަދަލެއް ނާދޭއެވެ. އޭނާ ބޭނުންވަނީ ތަން ފަޅައިގެންދާހާ ބާރަށް ރޮއެގަންނާށެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ މީހެއްގެ ފިރިއަކަށް ވާއިރު އެ ހިތުން އަނބިމީހާއަށް އަންބެއްގެ ދަރަޖަވެސް ދެވިއްޖެއެވެ. މުޅި އުމުރަށް ހަނދާނުން ފޮހެލަން މަސައްކަތް ކުރަމުން ދިޔަ ފަރާތުގެ އެނބުރި އައުން މުޅި މީހާ ބަލިކަށި ކޮށްލައިފިއެވެ. ބައެއްފަހަރު އޭނާ ބުއްދި ފިލައި ދާންއުޅޭހެން ހީވާހެން ވެސް ހީވެއެވެ.
"އަޒްކާ.....!!! ކިހިނެއް ތިހަދަނީ މަށަށް...." ނާހިދް ހިތާއި ހިތުން ކިޔަމުން ދިޔައެވެ.
(ނުނިމޭ)