ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމަކީ ކުށަކަށް ހަދައި، ކޯޓު އަމުރެއް ނެތި ހައްޔަރުކުރުމުގެ ބާރު ދެނީ

ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތުވާ މީހާ ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް، ފާސްކުރުމުގެ ބާރު ދިނުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ވަރަށް ވުރެ އިތުރު ކަންކަން ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ކަނޑައަޅައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ.

އެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުމާއި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުން ހިމެނެއެވެ.

އޭގެ އިތުރުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށް ކުރާ މީހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ވެސް ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހެއެވެ. ނަމަވެސް އިސްލާހުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށް، 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އެ އިސްލާހުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށްޓަކައި ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.

އެ ބިލުގައިވާ ގޮތުން ބަލައި ފާސްކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތް ނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރުމުގެ އިހުތިޔާރު ވެސް ފުލުހުންނަށް ލިބެއެވެ.

ބިލުގައި ޓެރަރިޒަމްގެ ކުށް ކަމުގައި ކަނޑައަޅަން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން އަދި ތާއީދުކުރުމަށް ގޮވާލުމާއި ހަނގުރާމައަށް ދިއުމާއި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން ހިމެނެއެވެ.

އޭގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރެއް ކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުން ނުވަތަ އެފަދަ ދޭހައެއްވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުން ވެސް ކުށްތަކުގެ ތެރޭގައި ހިމެނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާތާ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހެއެވެ. އަދި އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ. ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގައި ބިލުގައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުންގެ ތަހުގީގު 45 ދުވަހުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެއެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.