ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯގެ ފުރަތަަމަ އެޑިޝަން މިމަހުގެ 29 އަދި 30ގައި ދަރުބާރުގޭގައި އޮންނާނެއެވެ. މި އެކްސްޕޯއަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
މި އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އޯކާ މީޑިއާއިން ބާއްވާ އެކްސްޕޯއެކެވެ.
މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާހައުލެއްގައި ދައްކައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް، އެކްސްޕޯ އިންތިޒާމް ކުރާ އޯރކާ މީޑިއާއިން ބުނެއެވެ.
ދެ ދުވަހުގެ މި އެކްސްޕޯގައި މުޅިންވެސް ހުންނާނީ ވިޔަފާރިއާ ގުޅޭ ކަންކަމެވެ.
ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަށް "މުޅި ބިޒްނަސް ކޮމިއުނިޓީ"އަންނާނެއެވެ. އެގޮތުން ގާތްގަނޑަކަށް 150 ވިޔަފާރި، މި އެކްސްޕޯގައި ބައިވެރިވާނެއެވެ. އެކި ދާއިރާތަކުން ބައިވެރިވާ އެ ވިޔަފާރިތަކުގެ ސަބަބުން، އެކްސްޕޯގެ ބައިވެރީންނަށް ވިޔަފާރީގެ ފަހި ފުރުސަތުތަކެއް ތަނަވަސްވެގެން ދާނެއެވެ. އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި އުޅޭ މީހުންގެ ޕްރޮފައިލްތަކާއި، އާ އުފެއްދުންތައް އެއްބަޔަކު އަނެއް ބަޔަކާއި، އަދި ކަސްޓަމަރުންނާވެސް ހިއްސާ ކުރެވިގެން ދިޔުމަކީ މި އެކްސްޕޯގައި ބައިވެރިވާންވީ މުހިންމު އެއް ސަބަބެވެ.
ވިޔަފާރިވެރިންނަށް ބިޒްނަސް ޕޯޓްފޯލިއޯ ކުރިއަރުވަން ލިބޭ ފުރުސަތެއް!
މި އެކްސްޕޯގެ ތެރެއިން ވިޔަފާރިތަކަށް ބިޒްނަސް ޕޯޓްފޯލިއޯ ޕްރޮމޯޓު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އެގޮތުން އަލަށް ފަށައިގަންނަ ވިޔަފާރިތަކުގެ އާ އީޖާދުތައް ދައްކާލައި، މޯލްޑިވްސް ބިޒްނަސް ޑައިރެކްޓްރީގައި އެ ވިޔަފާރިތަކުގެ ބިޒްނަސް ޕޯޓްފޮލިއޯ ދައްކާލުމުގެ ފުރުސަތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެއެވެ.
"ގޯލްޑް100" ކުންފުނި ބައިވެރިވޭ!
"ގޯލްޑް100" އަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކުގެ ލިސްޓެކެވެ. ކޯޕަރޭޓް މޯލްޑިވްސްއިން އެލިސްޓު ތައްޔާރު ކުރަނީ ކޮންމެ އަހަރެއް ނިމުމުންނެވެ. މި އެކްސްޕޯގައި "ގޯލްޑް100"އާއި ބައްދަލުވެ، އެ ވިޔަފާރިތަކުގެ ކާމިޔާބީގެ ވާހަކަ އަޑު އަހައިލުމުގެ ރަނުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ!
ދެދުވަހުގެ ތެރޭގަައި މި އެކްސްޕޯގައި ތަފާތު ހަތަރު ސަމިޓެއް އޮންނާނެއެވެ. ޕްރޮފެޝަނަލުންނާއެކު ކުރިއަށްގެންދާ އެ ސަމިޓުތަކުގައި ވިޔަފާރީގެ ކާމިޔާބީގެ ވާހަކަތަކުގެ އިތުރުން، އަލަށް ވިޔަފާރިއެއް ފަށާ ޒުވާނުންނަށް ކުރިއަށްދާން ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ލަފާވެސް ހޯދޭނެއެވެ.
ޒުވާން ވިޔަފާރިވެރިންގެ ސަމިޓް:
އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށް މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި ބައްދަލުވެ، އަލަށް ވިޔަފާރިއެއް ފެށުމާ ގުޅޭ ގޮތުން މުހިންމު ހިޔާލުތައް ހޯދޭނެއެވެ. އެމީހުންގެ ވާހަކައާއި ތަޖުރިބާ އަކީ ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މުހިންމު ވާހަކަ ތަކަކަށް ވާނެއެވެ.
އަންހެން ވިޔަފާރިވެރިންގެ ސަމިޓް:
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާ ކުރާ ގާބިލު އަންހެނުން މި ސަމިޓުގައި ބައިވެރިވާނެއެވެ. އެފަރާތްތަކަށް ލިބިފައިވާ އިލްމާއި ތަޖުރިބާ މި އެކްސްޕޯގެ ތެރެއިން ބައިވެރިންނާ ހިއްސާ ކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ވިޔަފާރީގެ ހުނަރު އެފަރާތްތަކުން ކުރިއެރުވި ގޮތްވެސް ބައިވެރިންނާ ހިއްސާ ކުރާނެއެެވެ.
މޯލްޑިވްސް ޓެކް ސަމިޓް:
ކޮންމެ މީހަކުހެން ސްމާޓްފޯނެއް ގެންގުޅޭ ރާއްޖެއަކީ ޓެކްނޮލޮޖީ ފްރެންޑްލީ ގައުމެކެވެ. އެހެންނަމަވެސް ޓެކްނޮލޮޖީގެ އާ އީޖާދުތަކަށް ދިވެހިން އަހުލުވެރިން ވާ މިންވަރު އަދިވެސް ލަހެވެ. ޓެކް ސަމިޓުގައި ރާއްޖެއަށް ޓެކްނޮލޮޖީގެ އުފެއްދުންތައް ތައާރަފު ކުރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން މި އެކްސޕޯގައި ވާހަކަ ދައްކާނެއެވެ.
މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓް:
މި ސަމިޓުގައި ބޭންކިން، އިންޝުއަރެންސް، އަދި ޓެކްސޭޝަންގެ ދާއިރާއާއި ގުޅޭގޮތުން އެނަލިސްޓުން ވާހަކަ ދައްކާނެެއެވެ. އަދި މި ދާއިރާތަކުން ރާއްޖެއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭގޮތުންވެސް މި ސަމިޓުގައި ވާހަކަ ދެއްކާނެއެވެ. އެހެންކަމުން، މި ސަމިޓުގައި ބައިވެރިވާން ލިބޭ ފުރުސަތަކީ ނަގާލައިގެން ނުވާނެ ފުރުސަތެކެވެ.