އިބްރާހިމް ޒަކީ
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވުމަށް، ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލީޝަނުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ސުޖާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކަމަށެވެ.
ޝުޖާއު ވިދަޅުވީ ހަރަދު ކުޑަ ކުރުމަށް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރުން ދަންމާލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޮޑުތަނުން މި ސަރުކާރު ބަލިކޮށް އިދިކޮޅު ފަރާތްތަކުން ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސުޖާއު މިހެން މިދާޅުވެފައިވާ އިރު، ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވޭނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް ވަރަށް އަވަހަށް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަންގާނެ ކަމަށެވެ.
އަދި މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖައްސާފައިވަނީ އަންނަ ފެބްރުއަރީ މަހުގައި ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ މި އިންތިހާބުގައި ވޯޓު ފޮށްޓަކަށް ވޯޓު ލެވޭނީ ގިނަވެގެން 700 މީހުންނަށް ކަމަށާއި މިދިޔަ އިންތިހާބަށްވުރެ މި އިންތިހާބުގައި ވޯޓުފޮށިތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މި އިންތިހާބަށް މުޅި ޖުމްލަ 65 އާއި 70 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް އިލެކްޝަނުން ލަފާކުރާ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.