އިބްރާހިމް ޒަކީ
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް އެޖެންޑާކޮށް ދައުރުން ބޭރުން މާދަމާ ރައްޔިތުންގެ މަޖިލިސް ޖަލްސާ ބާއްވަން ނިމްއިފިއެވެ.
މާދަމާ 10:00 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގެ އެޖެންޑާ ގައި ހަމައެކަނި އޮތީ، ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅުއްވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމިފައިވަނިކޮށް، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެދުނީ އެމްޑީޕީންނެވެ.
މިކަން ހާމަކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެދިފައިވަނީ ގާނޫނު އަސާސީގެ 45 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
މާދަމާގެ ޖަލްސާއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދަންޖެހޭ ތަހުގީގު ކުރިއަށް ގެންދަން، ޓެރަޒިމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ހޯމަ ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ.
ރިލްވާންގެ މަރުގެ މައްސަލައާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހޯމަ ދުވަހު ބޭއްވި ނިއުސްކޮންފަރެންސްގައި ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން ފާހަގަ ވެފައިވާ ކަމަށާއި ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.
ޓެރަރިޒަމްގެ ގާނޫނު ބައްޓަން ވެފައިވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނަށްވުރެ ބޮޑަށް އެހެންދިމާލަަކަށް އަމާޒުވެގެން ކަމަށާއި، ޓެރަރިޒަމްއަކީ ކޮބައިގަން ރަނަގަޅަށް ޑިފައިންކޮށް އެ ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި މައްސަލަ ކުރިއަށް ގެންދާއިރުގައި ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރެވޭ، ހާއްސަކޮށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް އެބަ ގެންނަން ޖެހޭ، މިހާރު ޓެރަރިޒަމްގެ ގާނޫނު އޮތް ގޮތުން އޭގެ އަސްލު ޓެރަރިސްޓުނާއި ނޫނިއްޔާ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ދިމާލަށް ދިއުމަށްވުރެ ބޮޑަށް އަމާޒުވެފައިވަނީ މުޅިން އެހެންދިމާލަށް، އެހެންވީމާ ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ މަސްލަހަތާގުޅޭ މިފަދަ ބޮޑެތި ކަންތައްތައް ތަހުގީގު ކުރަމުންދާއިރު މީހުން ހައްޔަރު ކޮށްފައި ބެހެއްޓޭނެ މުއްދަތަށް ބަދަލު ގެންނަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
"ޖިނާއި އިޖުރާއަތުގެ ގާނުނަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި، ހައްޔަރު ކުރެވޭ މީހުން ބައިތިއްބޭނެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބަ އޮތް، ފުރަތަަމަ ހައްޔަރުކުރާތާ 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމާއި، އެންމެ ގިނަވެގެން ހައްޔަރުކޮށްފަ ބެހެއްޓޭނީ ވަކި މުއްދަތެއްގައިކަން އެބަ އެނގޭ، އަޅުގަނޑުމެނަށް އިއްޔެ ސާފުވެގެންދިޔައީ ޓެރަރިޒަމާގުޅޭ މިފަދަ ބޮޑުކަމެއް، އަދި ދައުލަތުގެ މަސްލަހަތާގުޅޭ މިފަދަ ބޮޑުކަމެއްގައި ހައްޔަރުކުރެވޭ މީހަކު ތަހުގީގުކޮށް ނިމި އަދި ޝަރީއަތް ނިމެންދެން އެއަށްވުރެ ގިނަދުވަހު ބަހައްޓަން ޖެހޭކަހަލަ ހާލަތެއް އަތުވެދާނެ، އެހެންކަމަށް ވަންޏާ އެޖާގަ ޖިނާއި އިޖުރާއަތުގެ ގާނޫނުން ލިބިދޭން ޖެހޭ، އެހެންވީމާ އެ ބަދަލު ގެނައުމުގެ މަސައްކަތް އިއްޔެ އަޅުގަނޑުމެން ފަށައިފިން،" ހޯމަ ދުވަހު ރައީސް ވިދާޅުވިއެވެ.