މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނީ ގާނޫނުގައި ލިޔެފައި އޮންނަ ގޮތަށް ކަމަށް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް އިލެކްޝަނުން ބައެއް އުސޫލުތައް ބަދަލުކޮށް، ވޯޓު އޮޅުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ޕާޓީތަކުން ދަނީ އެ ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު ލުމާއި، ވޯޓު ގުނުމާއި، ވޯޓުގެ ނަތީޖާ އިއުލާންކުރުން އަދި އިންތިހާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށްގެންދާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ހުރިހާ ކަމެއްގައި ވެސް އިލެކްޝަންސްއިން އަމަލުކުރާނީ ގާނޫނުގައި ލިޔެފައިވާ ގޮތަށް،އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް
"ގާނޫނާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާނެ. ހުރިހާ ކަމެއްގައި ވެސް އިލެކްޝަންސްއިން އަމަލުކުރާނީ ގާނޫނުގައި ލިޔެފައިވާ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ނަތީޖާ ޝީޓް ކުރިން ޕްރިންޓްކުރާ ގޮތަށް ކަނޑައެޅި ނަމަވެސް ޝައްކުގެ ނަޒަރަކުން ބައެއް ފަރާތްތަކުން ދެކެމުންދާތީ އެކަން ވެސް ކުރިން އޮންނަ ގޮތަށް އަލުން ބަދަލުކުރި ކަަމަށެވެ.
"ކުރިން ކަނޑައެޅީ ޕްރިންޓް ކުރާގޮތަށް. ޝައްކުގެ ނަޒަރަކުން ބައެއް ފަރާތްތަކުން ބަލާތީ އަޅުގަނޑުމެން އަލުން އެކަން ކުރިން އޮންނަ ގޮތަށް އަތުން ލިޔަން ނިންމީ. އެއީކީ ގާނޫނުގައި ލިޔެފައިވާ އެއްޗެއް ނޫން. އެކަމަކު ޝައްކުގެ ނަޒަރަކުން ބައެއް ފަރާތްތަކުން ބަލާތީ އަޅުގަނޑުމެން އެކަން ދޫކޮށްލީ،" އޭނާ ވިދާޅުވިއެވެ.