އިލެކްޝަންސް ކޮމިޝަން، އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 16ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ. އެގޮތުން މިމަހު 16ވަނަ ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި މަގާމަށް ކުރިމަތި ލުމަށް ފޯމު ހުށަހެޅޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ ރައީސް އޮފީހަށެވެ. ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެއެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު އަންނަ ނޮވެމްބަރުމަހު 24 އަށް ހަމަވާތީ އެވެ. ނޮވެމްބަރު މަހު 24 ގައި މެންބަރުކަން ހަމަވަނީ އެކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާއެވެ. އަމްޖަދު ކޮމިޝަންގެ މެންބަރަކަށް އައްޔަންކުރައްވާފައިވަނީ 24 ނޮވެބަރު 2014 ގައެވެ.