މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ އެދުމުގެ މަތިން ފުލުހުން ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަން ކަނޑުމަތީގައިވެސް ކުރިއަށްގެންދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން މިއަދުވެސް މިހާތަނަށް ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މިހާރު ކަނޑުމަތީގެ އޮޕަރޭޝަނެއްވެސް ފަށާފައިވާ ކަމަށެވެ.
ރިލްވާންގެ މަރާ ބެހޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވަނީ ރިލްވާން ރަހީނުކޮށްގެން ކާރެއްގައި ގެންްގޮސް ޑިންގީއަކަށް އަރުވާފައިވާ ކަމަށާއި، އެއަށަފަހު ކަރު ބުރިކޮށް ކަނޑަށް ފައްތާފައިވާ ކަމަށެވެ.
މާލޭގެ އިތުރުން އައްޑޫ ސިޓީގައި ފުލުހުން ހިންގާ މި އޮޕަރޭޝަންގައި ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ދެ ތަނެއްވެސް ވަނީ ބަލައި ފާސްކޮށްފައެވެ. މަރުކޮމިޝަންގެ އެދުމަށް އެކި ތަންތަން ބަލައި ފާސްކުރަމުން އަންނަކަން ފުލުހުން ކަށަވަރުކޮށްދިންނަމަވެސް މިހާތަނަށް މިކަމާ ގުޅިގެން މީޑީއާއާއި އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
ފުލުހުންވަނީ މި އޮޕަރޭޝަނާއި ގުޅިގެން މީޑިއާއާއި ފަހުން މައުލޫމަތު ހިއްސާކުރާނެ ކަމަށް ބުނެފައެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން މީހަކު ހައްޔަރުކުރި ނަމަވެސް އެކަމާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރެވޭނީ ފަހުން ކަމަށް ބުނެފައެވެ.
ރޭ ހިންގި އޮޕަރޭޝަންގައި ފުލުހުންވަނީ މާލެ، ހުޅުމާލެ އަދި އައްޑޫ ހިމެނޭ ގޮތަށް ހަތް ތަނެއް ބަލައި ފާސްކޮށްފައެވެ. ރިލްވާންގެ މައްސަލައިގެ ތަހުގީގަށް މޫނު ނިވާކޮށްގެން ތިބި ފުލުހުން ވެސް ހިމެނޭ ގޮތުން ކޯޓު އަމުރެއްގެ ދަށުން ހާއްސަ އޮޕަރޭޝަނެއް ފެށީ ރޭގެ ވަގުތެއްގަ އެވެ.