ފިލްމު ކޫލީ ނަންބަރު ވަންގެ ސެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މުމްބާއީ މިރޯގައި ބުނެފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:30 ކަންހާއިރުއެވެ.
ކޫލީ ނަންބަރު ވަންގެ ލީޑް ތަރިންނަކީ ވަރުން ދަވަން އާއި ސާރާ އަލީ ޚާންއެވެ. މި ހާދިސާގައި ކްރޫ މެންބަރަކަށްވެސް އަދި އިތުރު މީހަކަށްވެސް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ވަރުން ވަނީ ވަރަށް ފަހުން ކޫލީ ނަންބަރު ވަންގެ ސެޓް ޕްލާސްޓިކް ފްރީ ކޮށްފައިވާ ކަމަށް ބުނެފައެވެ. ވަރުން ކުރި ޓުވީޓުގައި ވާގޮތުން މިމަހުން ފެށިގެން ފިލްމުގެ ސެޓް ޕްލާސްޓިކް ފްރީ ވާނެއެވެ. އަދި އޭނާގެ ފޭނުންނަށްވެސް ޕްލާސްޓިކް ފްރީ ވާން ވަނީ އެދިފައެވެ.
ކޫލީ ނަންބަރު ވަން ޑައިރެކްޓް ކުރަނީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަންއެވެ. ޕްރޮޑިއުސް ކުރަނީ ވަޝޫ ބަގްނާނީ، ޖެކީ ބަގްނާނީ އަދި ދީޕްޝިކާ ދޭޝްމުކްއެވެ.
ކޫލީ ނަންބަރު ވަން އަކީ 1995 ވަނަ އަހަރު ގޯވިންދާ އަދި ކަރިސްމާ ކަޕޫރު ފެނިގެންގޮސްފައިވާ ފިލްމުގެ ރީމޭކެކެވެ. އޭރުގެ ފިލްމުވެސް ޑައިރެކްޓް ކޮށްފައިވަނީ ޑޭވިޑްއެވެ.
މިއީ ޑޭވިޑް އަދި ވަރުން، ބައްޕަ އާއި ދަރިފުޅު އެކީގައި މަސައްކަތް ކުރާ ތިންވަނަ ފިލްމެވެ. މީގެ ކުރިން 2017 ގައި ނުކުތް ޖުޅްވާ 2 އާއި 2014 ގައި ނުކުތް މެއި ތޭރާ ހީރޯ ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިއީ ވަރުން އަދި ސާރާ އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު މެއި މަހުގައެވެ.