ޕޮލިސް

މަރު ކޮމިޝަންގެ ބޭނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން މިހާރުވެސް ދަނީ ކުރިއަށް: ފުލުހުން

މަރިޔަމް ޝަހުދާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެދި ރިޔާސީ ކޮމިޝަންގެ އެދުމުގެ މަތިން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަން މިހާރުވެސް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެއިން ފެށިގެން މާލޭގެ އިތުރުން އައްޑޫ ސިޓީގައި ފުލުހުން ހިންގާ މި އޮޕަރޭޝަންގައި ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ދެ ތަނެއްވެސް ވަނީ ބަލައި ފާސްކޮށްފައެވެ. މަރުކޮމިޝަންގެ އެދުމަށް އެކި ތަންތަން ބަލައި ފާސްކުރަމުން އަންނަކަން ފުލުހުން ކަށަވަރުކޮށްދިންނަމަވެސް މިހާތަނަށް މިކަމާ ގުޅިގެން މީޑީއާއާއި އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ފުލުހުންވަނީ މި އޮޕަރޭޝަނާއި ގުޅިގެން މީޑިއާއާއި ފަހުން މައުލޫމަތު ހިއްސާކުރާނެ ކަމަށް ބުނެފައެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން މީހަކު ހައްޔަރުކުރި ނަމަވެސް އެކަމާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރެވޭނީ ފަހުން ކަމަށް ބުނެފައެވެ.

ރޭ ހިންގި އޮޕަރޭޝަންގައި ފުލުހުންވަނީ މާލެ، ހުޅުމާލެ އަދި އައްޑޫ ހިމެނޭ ގޮތަށް ހަތް ތަނެއް ބަލައި ފާސްކޮށްފައެވެ. ފުލުހުން ވަނީ މި އޮޕަރޭޝަނަކީ ރަހީނުކޮށް މަރާލި މިނަވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ހިންގާ ހާއްސަ އޮޕަރޭޝަނެއްކަން ޔަގީންކޮށްދީފަ އެވެ.

ރިލްވާންގެ މައްސަލައިގެ ތަހުގީގަށް މޫނު ނިވާކޮށްގެން ތިބި ފުލުހުން، ކޯޓު އަމުރެއްގެ ދަށުން ހާއްސަ އޮޕަރޭޝަނެއް ފެށީ ރޭގެ ވަގުތެއްގަ އެވެ.