ކެންސަރަށް ފަރުވާ ހޯދުމަށް އެމެރިކާގައި 11 މަސް ހޭދަކުރުމަށްފަހު ރިޝީ ކަޕޫރު އެނބުރި އިންޑިއާއަށް ހިނގައްޖެއެވެ.
އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ރިޝީ ބުނީ އެނބުރި އާދެވެނު ކަމަށްޓަކައި ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާއަށް ހެޔޮ ދުއާކޮށްދިން އެންމެނަށް ޝުކުރު އަދާކުރިއެވެ.
މީގެ ކުރިން އެމެރިކާގައި ހުރެ ރިޝީ ދިން އިންޓަވިއެއްގައި ބުނީ އޭނާ އެމެރިކާގައި އެހާ ގިނަ ދުވަސްވަންދެން ކުރަނީ ކީއްތޯ މީހުން ހިތަށް އަރާނެކަމަށެވެ. ކައިގެން ވިޔަފާރިކޮށް ފިލްމު ބަލަނީ ކަމަށާއި އެނބުރި އިންޑިއާއަށް ދެވެން ނެތީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހޭތީކަމަށެވެ.
ރިޝީ ބުނީ ކެންސަރުން ސަލާމަތްވުމުގެ އިތުރުން ވޭތުވެދިޔަ ދުވަސްތަކުގައި އޭނާއަށް އެންމެ ބޮޑަށް ދަސްވީ ކެތްތެރިކަންކަމަށެވެ. ކުރިން އޭނާއަކީ ކެތްތެރި މީހެއް ނޫންކަން ފާހަގަ ކުރަމުން ރިޝީ ބުނީ ބަލީގެ ސަބަބުން ކެތްކޮށް އޭގެ ފަރުވާ ލިބެންދެން އެއަށް އިންތިޒާރު ކުރަން ދަސްވިކަމަށެވެ.