ޕޮލިސް

ދަރަނި ނުދައްކައިގެން ހަތަރު މީހަކު ހޯދަނީ

ފަތޯނާ ފާއިޒު

ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލަތަކަކާ ގުޅިގެން ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ގދ. ފަރެސްމާތޮޑާ، ޝަބްނަމީގެ، މުހައްމަދު ޝަހީދު (34އ) އާއި ފ.ނިލަންދޫ، އަސަރީގެ، އަޙްމަދު ޝަފާޒް (35އ) އާއި މާލެ، ދަފްތަރު ނަންބަރު 9033، އާދަމް ހަލީމް (26އ) އަދި ށ. މިލަންދޫ، މުރިގު، މުހައްމަދު ސައީދު ހަސަން (37އ) އެވެ.

ފުލުހުން ބުނީ ޝަހީދު ހޯދަމުން އަންނަނީ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން މިމަހުގެ 11 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ޝަފާޒް ހޯދަމުން އަންނަނީ މިމަހުގެ 12 ވަނަ ދުވަހުގެ 09:00 އަށް، ބަންދުގައި ބަހައްޓަައިގެން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ. އަދި އާދަމް ހަލީމާއި މުހައްމަދު ސައީދު ހޯދަމުން އަންނަނީ ހަމައެދުވަހުގެ 10:00އަށް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާތީއެވެ.

ފުލުހުން ވަނީ އެ ހަތަރު މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ، އެކަން ލަސްނުކޮށް ފުލުހުންނަށް ގުޅައި، ހިއްސާ ކުރުމަށް އެދިފައެވެ.