އަރަބިއްޔާ އާއި ގާކޮށީ ފްލެޓްތަކަށް ފައިސާ ނުދެއްކި ހުރި ފަރާތްތަކާއި ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކަށް "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ 300 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.
ހައުސިން މިނިސްޓްރީ އިން އެ ލިސްޓު އާންމުކޮށް ގެޒެޓުކޮށްފައިވާއިރު އެ މީހުންނަށް ފްލެޓު ދީފައިވަނީ ހިޔާ މަޝްރޫގެ H18 ކެޓަގަރީންނެވެ.
ގުޅީފަޅުގައި ބޯހިޔާވަހިކަމުގެ މަސައްކަތް ފަށްޓަވާފައި ވަނީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަޝްރޫއު ހުއްޓާލާފައެވެ. އޭރު އެ ހައުސިން ޔުނިޓް ތަކަށް ގިނަ ބަޔަކު އޮތީ ފައިސާވެސް ދައްކައިފައެވެ. އެ ފަރާތްތަކަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ގޮތަށް ފަހުން ވަނީ ހަމަޖައްސާފައެވެ.
އަރަބިއްޔާ އާއި ގާކޮށިން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކުގެ ތެރެއިން އެ ލިސްޓުގައި ހިމަނާފައި ވަނީ ފްލެޓުތަކަށް ފައިސާ ނުދެއްކޭ ފަރާތްތަކެވެ.
ހިޔާ މަޝްރޫއުގެ އެހެން ކެޓަގަރީ ތަކުގެ ދަށުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ހިޔާ މަޝްރޫއުގައި ހިމެނޭ ކެޓަގަރީ ތަކަކީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިން، 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތައް، މާލޭ ރަށްވެހިން، ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ތިބި މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނެއެވެ.