ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި އަންނަ ހޮނިހިރު ދުވަހު ޑިމޮކްރަސީ ރަންގެ ނަމުގައި ހުޅުމާލޭގައި ހާއްސަ ދުވުމެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމަކީ އާންމުކޮށް އެންމެނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ދުވުމެއް ކަމަށެވެ. މި ދުވުމުގައި ދައުލަތުގެ މުއައްސަސާ ތަކުން ބައިވެރިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ މި ދުވުމުގައި ބައިވެރިވުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށާއި ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާނެކަމަށެވެ. އަދި މިހާތަނަށް ބައެއް މިނިސްޓަރުންނާއި މަޖިލިސް މެންބަރުން މި ދުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަރުވާފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ.
މި ދުވުމުގައި ބައިވެރިވާން އެދޭ އާންމުން ދުވުން އޮންނަ ވަގުތު އެސަރަހައްދަށް ގޮސް ދުވުމުގައި ބައިވެރިވެވޭގޮތަށް ހަމަޖައްސާފައިވާނެ ކަމަށް އަކްރަމް މައުލޫމާތު ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 19 ވާ އާދިއްތަ ދުވަހެވެ. ނަމަވެސް މި މަހު 14 ވާ ހޮނިހިރު ދުވަހު ދުވުން ބޭއްވުމަށް ނިންމީ ގިނަ ބަޔަކަށް ދުވުމުގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް އަކުރަމް ވިދާޅުވިއެވެ. މި ދުވުން ފެށުމަށް ހަމަޖައްސާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުންނެވެ.