ޕޮލިސް

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ހުވާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގަގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފުލުހުންނަަށް ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒި އަލްއުސްތާޒް އަބްދުﷲ އަލީ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިއަދު ހުވާކޮށްފައިވަނީ 50 ފުލުހުންނާއި، ސްޕެޝަލް ކޮންސްޓަބެލަރީ ފުލުހުންގެ ހިދުމަތާ ގުޅުނު 16 ފުލުހުން ކަމުގައެވެ. ހުވައިކުރި ފުލުހުންގެ ތެރޭގައި ހިމެނެނީ ހިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި އެކިއެކި ސަބަބުތަކާހުރެ ކުރިން ހުވައި ނުކުރެވި ތިބި ފުލުހުން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ހުވައިކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ހުވައިގެ ލިޔުމުގައި ވަނީ ސޮއިކޮށްފައި ކަމަށާއި ހުވައިކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުން ބައިވެރިވެލައްވާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.