ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް 31 މެންބަރުން ވަޑައިގެންނެވި

އިބްރާހިމް ޒަކީ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނުއިރު އެ ދައުރުގެ ހުރިހާ ޖަލްސާތަކަށް 31 މެންބަރުން ވަޑައިގެނެވިކަމަށް ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގެ ހާޒިރީ ރިޕޯޓްގައިވާގޮތުން އެ 31 މެންބަރުންނަކީ ޗުއްޓީ ނެންގެވުމެއް ސަލާމް ވިދާާޅުވުމެއް ނެތި މަޖިލިސް ޖަލްސާ އޮންނަ އިރު ބައިވެރިވެވަޑައިގެން ބަރާބަރަށް ހުރިހާ ޖަލްސާތަކަށް ވަޑައިގެންނެވި މެންބަރުންނެވެ.

ހާޒިރީ ރިޕޯޓު ދައްކާ ގޮތުން ނިމިދިޔަ ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގެންނެވި ދެ މެންބަރުންގެ ގޮތުގައި ހިމެނި ވަޑާއިގަންނަވަނީ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިއާމް މުހައްމަދާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ހިމެނިވަޑަގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 47 ޖަލްސާ ބޭއްވިއިރު މީދޫ ދާއިރާގެ މެންބަރު ސިއާމް ވަޑައިގެންނެވީ 16 ޖަލްސާއަށެވެ. އެހެންކަމުން 31 ޖަލްސާއަށް ސިޔާމު ވަޑައެއްނުގަންނަވައެވެ.

ހާޒިރީގައި ބުނެފައިވަނީ ދެވަނަ އަށް އެންމެ ގިނަ ޖަލްސާތަކަށް ވަޑައިނުގަންނަވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކަމަށާއި، ސަލީމު ނުވަ ޖަލްސާއަށް ވަޑައިގެންފައިނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި، ގިނަ މެންބަރުން އާއްމު ގޮތެއްގައި ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެއްވެސް ސަލާމެއް ޗުއްޓީއެއް އަދި ދަތުރެއްގައި ބައިވެރިވެ ވަޑައިނުގަންނަަވައި، 31 މެންބަރަކު ވަނީ މަޖިލީހުގެ ހުރިހާ ޖަލްސާތަކެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

މަޖިލީހުގެ އެންމެ ގިނަ ޖަލްސާތަކަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނި ވަޑައިގަންނަވައެވެ.

މި ދެބޭފުޅުން މަޖިލީހަށް ވަޑައިނުގަންނަވަނީ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވަން ޖެހުނު ދުވަސްތަކުގައެވެ. އެގޮތުން ރައީސް ނަޝީދު ހަތަރު ދުވަހު ރަސްމީ ދަތުރުފުޅުގައި ހޭދަކުރައްވާފައިވާއިރު، އީވާ ވަނީ އެއްދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބައިވެ ވަޑައިގެންފައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމައި މިހާރުވަނީ ޗުއްޓީގައެވެ.

އެގޮތުން ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅި 31 ބިލުގެ ތެރެއިން 14 ބިލެއް ފާސްކުރިއެވެ. އަދި ނުނިމި އޮތް 17 ބިލްގެ ތެރެއިން ގިނަ ބިލްތައް ދިރާސާކުރުމަށް ވަނީ ކޮމިޓީތަކަށް ފޮނުވައިފައެވެ.

ފުރަތަމަ ދައުރުގައި މަޖިލީހަށް 21 ގަރާރެއް ހުށަހަޅައި ނުވަ ގަރާރެއްގެ މަސައްކަތް ނިންމިއެވެ. އިތުރު 12 ގަރާރެެއްގެ މަސައްކަތް މަޖިލީހުގައި އެބައޮތެވެ.

ފުރަތަމަދައުރަށް، ސަރުކާރުން 15 މައްސަލަ ހުށަހެޅިއިރު 12 މައްސަލަ ވަނީ ނިންމައިފައެވެ. އަދި މަޖިލީހުގެ ރިޔާސަތުން ހުށަހެޅި 22 މައްސަލައެއްގެ ތެރެއިން 17 މައްސަލައެއް ވަނީ ނިންމައިފައެވެ.