ފުވައްމުލަކު ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރެވޭ ސަރަހައްދުތައް ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ސިޓިގައި 24 ވިޔަފާރިކުރެވޭނީ ތިން ސަރަހައްދެއްގައި ކަމަށެވެ.
އެއީ ފުވައްމުލަކު މެދު ދާއިރާ ގާޒި މަގާއި، ދެކުރު ދާއިރާ މުހައްމަދު ޖަމާލުއްދީން މަގުގެ އިތުރުން ފުވައްމުލަކު އުތުރުދާއިރާ ގެއްމިސްކިތްމަގު ގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެގޮތުން މި ސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ބޭނުންވާ، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ހުއްދައަށް އެދި ފުވައްމުލަކު ސިޓީ ކައުންސިލަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅާ ފޯމު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ހުއްދަ ދޫކުރެވޭނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކުކުރުމަށް ފަހުގައި ކަމަށާއި މިގޮތުން ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމުގައެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މިމަހުގެ ދެވަނަ ދުވަހު ހުޅުމާލޭގައިވެސް 24 ގަޑިއިރު ވިޔަފާރިކުރެވޭ ސަރަހައްދުތައް ކަނޑައަޅާފައެވެ.