އަކްޝޭ ކުމާރު، ކަރީނާ ކަޕޫރު، ކިއާރާ އަދްވާނީ އަދި ދިލްޖިދް ދޮސާންޖް މުހިންމު ރޯލުން ފެނިގެންދާ ފިލްމު ގުޑް ނިއުސްގެ ނަން ގުޑް ނިއޫޒްއަށް ބަދަލުވެއްޖެކަން ފިލްމު އުފައްދާ ފަރާތުން ހާމަކޮށްފިއެވެ.
ފިލްމުގެ ނަމަށް ގެނައި މިބަދަލު އިއުލާންކޮށްފައިވަނީ އިއްޔެ އަކްޝޭގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ފިލްމުގެ ފަރާތުން ކަރަން ޖޯހަރު ވަނީ އޭނާ މިހުރިހާ މައުލޫމާތެއް ޓުވީޓްކޮށްފައެވެ. އޭނާ ބުނި ގޮތުގައި ފިލްމު ރިލީސްކުރަނީ ޑިސެމްބަރު 27ގައި ކަމަށެވެ.
އިއްޔެ އަކްޝޭ ވަނީ ސަމްރަތު ޕްރިތުވިރާޖް ޗޯހާންގެ ޕީރިއަޑް ޑްރާމާ "ޕްރިތުވީރާޖް" ގައި އޭނާ ހަރަކާތްތެރިވާކަމުގެ އުފާވެރި ހަބަރު ފޭނުންނަށް ހިއްސާކޮށްފައެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް އެއްފަހަރާ ރިލީސްކުރަމުން އަކްޝޭ ވަނީ ބޮކްސް އޮފީހުގައި އެހެން ތަރިއެއް ނުވިދާހާ ބޮޑަށް ވިދާލާފައެވެ. އެންމެ ފަހުން އަކްޝޭގެ ރިލީސްވި ފިލްމު "މިޝަން މަންގަލް" ވެސް ވަނީ ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމު ތަކުގެ ތެރޭގައި ހިމެނިފައެވެ. އޭގެ ކުރިން ނުކުތް ފިލްމު "ކޭސަރީ" އަށްވެސް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ.
މިއަހަރު އަކްޝޭގެ ދެފިލްމެއް އަދި ރިލީސްވާނެއެވެ. އެއީ "ހައުސްފުލް 4" އަދި "ގުޑް ނިއޫޒް" އެވެ. އެހެން ކަމުން މިއަހަރުވެގެންދާނީ އަކްޝޭއަށް ވަރަށް ބޮޑު އަހަރަކަށެވެ.