ސައުތު އޭޝިއަން ޓްރަވެލް އެވޯޑްސް (ސަޓާ)ގެ ހަތަރުވަނަ އެވޯޑު ދިނުމުގެ ހަފްލާގެ ހާއްސަ އިވެންޓު ފެށެން ދެން އޮތީ ދިހަ ދުވަހެވެ.
މިއަހަރުގެ ސަޓާ އެވޯޑްސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 19 އަދި 20 ވަނަ ދުވަހު އަމަރީ ގައްލެ ސްރީލަންކާ ހޮޓަލުގައެވެ. ސަޓާ އެވޯޑްސް ހާސިލު ކުރާ ފަރާތްތަކަށް އެވޯޑު ދިނުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އޮންނަ ގާލާ އިވެންޓުގައެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފުލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާ އިރު، މިދިޔަ އަހަރު މި ހަފުލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. މިއީ ސަޓާ އެވޯޑް ބާއްވާ ހަތަރުވަނަ އަހަރެވެ.
ސަޓާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ދޭން ފެށި އެވޯޑެވެ. އަދި މި އެވޯޑަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ގައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން އެންޑޯޒް ކޮށްފައިވާ އެވޯޑުވެސްމެއެވެ.
ސަޓާ އެވޯޑްސް 2019 ތައާރަފު ކުރުމުގެ އިވެންޓް މިދިޔަ ޖުލައިމަހުގައި ސްރީލަންކާގައި ވަނީ ބާއްވާފައެވެ. އެ އިވެންޓުގައި ސަޓާގެ ބައިވެރިންނާއި މުހިންމު ސްޕޮންސަރުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ސަަޓާ އެވޯޑަށް 500 އަށްވުރެ ގިނަ ފަރާތް ނޮމިނޭޓް ވެފައިވެއެވެ.
ސަޓާގެ ހަތަރު ވަނަ އެވޯޑްސް މިއަހަރު ބާއްވާ އިރު، މި އެވޯޑްސްގައި ބައިވެރިވަނީ ހަ މަންޒިލަކުންނެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލްއެވެ. 17 އަށްވުރެ ގިނަ ޓްރަވެލް އިންޑަސްޓްރީގެ އޮގަނައިޒޭޝަންތަކުން ސަޓާ އެވޯޑް އެންޑޯސްކޮށްފައިވާ އިރު، ފާއިތުވި ހަތަރު އަހަރު ސަޓާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދައިފައެވެ.
ސަޓާ އެވޯޑްސް 2019ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން"އެވެ.