ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ހުރިހާ ކޯޓުތަކެއްގެ އިދާރީ މުވައްޒަފުންނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބައްދަލުކުރަން ނިންމައިފިއެވެ.
ޑީޖޭއޭ އިން އެގޮތަށް ނިންމީ، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޑީޖޭއޭގެ މަސައްކަތްތަކަށް ބަދަލުތަކެއް އައުމާ ގުޅިގެން ކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.
ޑީޖޭއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑީޖޭއޭގެ ލީގަލް އޮފިސަރު ފައިސަލް އާދަމް ވިދާޅުވީ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހާއެކު ޑީޖޭއޭގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާއި އަދި ޝަރީއަތްތަކާއި އިދާރީ ހިންގުން އަވަސްކުރާނެ ގޮތާ ގުޅޭ ގޮތުން މައުލޫމާތުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިދާރީ ކަންކަން ކުރިއަށްދާނެ ގޮތް ވިލަރެސްކޮށް، ދިމާވާ ދަތިތަކާއި އަދި ކޯޓު އޮޓޮމޭޝަންގެ ދަށުން އިދާރީ ކަންކަން ހަރުދަނާ ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއް ރިޕްރެޒެންޓް ކުރެވޭ ގޮތަށް، 20 ޖުޑީޝަލް ދާއިރާގެ ކޯޓުގެ އެޑްމިނިސްޓްރޭޓަރުންނާއި މާލޭގައި ގާއިމު ކުރެވިފައިވާ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ. މި ބައްދަލުވުމުގައި ކޯޓުތަކުގެ އިދާރީ ހިންގުމަށް އަންނަ ބަދަލުތަކާއި މިހާރު ކޯޓުތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ކަންކަމަށް ހައްލު ހޯދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެ،'' ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ކޯޓުތަކަށް އިދާރީގޮތުން ދިމާވާ ދަތިތަކާ ގުޅޭގޮތުން މެޖިސްޓްރޭޓުން ކަރުދާސް ހުށަހަޅައި، އެކަމަށް ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށެވެ.