ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންގް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕާފެކްޓް މަލަފެހި މޯލްޑިވްސްއާއެވެ. ސަރުކާރުގެ ފަރާތުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.
ހެލްތު މިނިސްޓްރީން ބުނާގޮތުގައި، ޕީއެސްއައިޕީ ބަޖެޓުން 1.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މަސައްކަތް ޕާފެކްޓް މަލަފެހި މޯލްޑިވްސްއާ ހަވާލުކުރީ 97 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރާ ގޮތަށެވެ.
ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން ދެމުންގެންދާ ހިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް އެ މަރުކަޒަށް އިތުރުކުރާ އިމާރާތުގައި ޖެނެރަލް އޮފީހަކާއި މީޓިންގް ރޫމަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން ކައުންސިލިން ރޫމަކާއި މެޑިކަލް އަދި ޖެނެރަލް ސްޓޯރަކާއި ލޯންޑްރީއެއްގެ އިތުރުން ގަރާޖެއް ހިމެނޭނެއެވެ.