މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދާއިރު ވޯޓާސް ލިސްޓަށް ބަދަލެއް އައިސްފައި ނޯންނާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ދެއްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ ގެޒެޓް ކޮށްފައިވާ ލިސްޓުގައިވާ ތަނަކަށް ކޮންމެ މީހަކަށް ވެސް ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެނޫން ތަނަކަށް ވޯޓުލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
"ވޯޓާސް ލިސްޓު ބަދަލެއް ނުވާނެ. ކެންޑިޑެޓުންނާއި މަންދޫބުން މިހާރު ވަނީ ލިސްޓުތަކުގައި ސޮއިކޮށްފައި. އެ ސޮއިކުރި އިރުގައި ލިސްޓުގައި އޮތް ނަމެއް އެ ލިސްޓުގައި އޮތް ގޮތަށް އޮންނާނީ. ވޯޓާސް ރަޖިސްޓްރޭޝަނަށް ފަހުގައި އަޅުގަނޑުމެން ވާނީ އެ ލިސްޓު ގެޒެޓް ކޮށްފައި. ގެޒެޓް ކޮށްފައި އޮތް ލިސްޓުގައިވާ ތަނެއްގައި އެމީހަކު ވޯޓުލާން ފުރުސަތު ދެވޭނީ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވޯޓުލާ ތަނަކަށް ބަދަލު ގެނެވޭނީ ދެ ސަބަކާ ހުރެ ކަމަށާއި އެއް ސަބަބަކީ އެމީހަކު ވޯޓުލާ ތަން ބަދަލުކުރަން ކޯޓުން އަމުރު ކުރުން ކަމަށެވެ.
"އެއް ސަބަބަކީ މީހަކު ކޯޓަށް މައްސަލަ ހުށަހަޅައިގެން ކޯޓު އަމުރެއްގެ ދަށުން އެމީހެއް ވޯޓުލާން އެހެން ތަނަކަށް ބަދަލު ކުރުން. ދެވަނަ ކަމަކީ އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރޭޝަންގައި އޮތް މައްސަލައަކާ ގުޅިގެން މީހަކަށް އޭނާ ވޯޓުލުމުގެ ހައްގު އެހެން ތަނަކަށް ލެވިފަ އޮވެގެން، އެއީވެސް އިދާރީ މައްސަލައެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށްވަންޏާ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ކުރީގެ އިންތިހާބުތަކާއި މިފަހަރުގެ އިންތިހާބުގައި ތަފާތު ގޮތަކަށް އިލެކްޝަނުން ކަމެއް ކޮށްފައިވަންޏާ އެކަމެއް ކޮށްފައިވާނީ ގާނޫނުގައި އެކަމެއް ބަދަލުކޮށްފައި އޮވެގެން ކަމަށާއި ވޭތުވެދިޔަ ރިޔާސީ އިންތިހާބުތަކާ އެއްގޮތަށް ވޯޓު ގުނާ މަރުކަޒަށް ތަން އޮތް މިންވަރަކުން އާންމުންގެ ތެރެއިން އެ ފޮށްޓަކަށް ވޯޓުލީ ބަޔަކު އެ ތަނަށް ވަންނަން ބޭނުންވާނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.