މަސްތުވާތަކެތީގެ މައްސަލަތައް

ވައިގެމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

މަރިޔަމް ޝަހުދާ

ވައިގެމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި މި މަހު އެއްވަނަ ދުވަހު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް އައި އަންހެނެއްގެ އަތުންނެވެ. މި އަންހެންމީހާއަކީ 32 އަހަރުގެ ބްރެޒިލް ރައްޔިތެއްކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މި އަންހެންމީހާ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ އަންހެންމީހާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. އެގޮތުން އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހުރި 70 ކެޕްސޫލް އަތުލައިގަތް ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދިނެވެ.

އަތުލައިގަނެފައިވާ ކެޕްސޫލްތައް ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮސިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ހުރީ 1089 ގްރާމް ކަމަށާއި މިތަކެތީގެ އަގު 3،811،500 ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މިހާރު މި އަންހެންމީހާ އާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.